ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ދެވަނަ އެޑްވައިޒރަރެއްގެ ގޮތުގައި އެ ޕާޓީއާއި ގުޅިވަޑައިގެންފި އެވެ.
މިމަހުގެ 22 ވަނަ ދުވަހު ޕީޕީއެމްގެ އެޑްވައިޒަރެއްގެ ގޮތުގައި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކުވެސް ވަނީ ހަމަ ޖައްސާފައެވެ. ރައީސް ވަހީދަކީ ކުރިންވެސް އެ ޕާޓީގެ މެމްބަރެކެވެ.
ކުރީގެ ނައިބު ރައީސް ޑރ. ޖަމީލު މިރޭ އަލުން މައި އިދިކޮޅު ޕާޓީ ޕީޕީއެމާއި ގުޅިވަޑައިގަތީ ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުއިއްޒުގެ ގެކޮޅު މ. ދިމްޔާތުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
"މިރޭ އަޅުގަނޑަށް ލިބޭ އެންމެ ބޮޑު އުފަލަކީ އަސުރުމާ ކުލައިގެ މި ބަގީޗާއަށް އަލުން އައުމުގެ ފުރުސަތު ލިބުން." ޕީޕީއެމާއި ގުޅިވަޑައިގެން ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވިއެވެ.
ޑރ. ޖަމީލު އެންމެ ފަހުން ހުންނެވީ ޖުމްހޫރީ ޕާޓީގައެވެ. އެ ޕާޓީގައި ހުންނެވުމަށްފަހު ރައީސް ޔާމީނުގެ މައްޗަށް ކުށްސާބިތުވެ ޖަލަށް ލުމުން، ޖަމީލު ވަނީ ރައީސް ޔާމީނުގެ ޤާނޫނީ ޓީމުގައި މަސައްކަތް ކުރެއްވުމަށް ޖުމްހޫރީ ޕާޓީއިން ވަކިވެ ވަޑައިގެތްފައެވެ.
ޑރ. ޖަމީލަކީ ރައީސް ޔާމީން ސަރުކާރުގެ ފުރަތަމަ ނައިބު ރައީސެވެ. އެ މަޤާމުން އެމަނިކުފާނު ވަކިކުރީ މަޖިލިސްގެ ތެރެއިން ނެގިވޯޓުން ބޮޑު އަޣުލަބިއްޔަތުން އެމަނިކުފާނު އެ މަޤާމުން ވަކިކުރަން ފާސްކޮށްގެންނެވެ. ޑރ. ޖަމީލަކީ ރައީސް ޔާމީނު ވެރިކަމަށް ގެނައުމަށް އެންމެ އިސްކޮށް އެންމެ ބުރަ މަސައްކަތެއް ކުރެއްވި އެއް ފަރާތްކަން އެޕާޓީގެ ގިނަ ބަޔަކު އޭރު ދިޔައީ ބުނަމުންނެވެ.
ޑރ. ޖަމީލު މަޤާމުން ވަކިކުރުމުން ވަނީ އިދިކޮޅުގައިވެސް މަސައްކަތް ކުރަށްވައި، ރައީސް ޔާމީނުގެ ވެރިކަން ބަދަލު ކުރައްވަންވެސް މަސައްކަތް ކުރަށްވާފައެވެ.
ރައީސް ޔާމީނުވަނީ މިނިކާ ބާޒުތަކެއް އެޕާޓީ ޖަހައިގަންނަން ފުރުޞަތު ނުދިނުމަށް އެޕާޓީގެ މެމްބަރުންގެ މައްޗަށް ވަސިއްޔަތް ކުރަށްވާފައެވެ. ނަމަވެސް މިހާރު ޕީޕީއެމް ތެރެއިން ދެމުން މިއަންނަ އިސް މަޤާމުތަކަކީ ރައީސް ޔާމީނު ޖަލުން ސަލާމަތްކުރުމަށް މަސައްކަތްކުރުމަށް ދެވޭ މަޤާމުތަކެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!