އެއްޖިންސުން ގުޅުން ހިންގުމަކީ، ﷲގެ ކޯފާ އާއި އަޒާބު މި ދުނިޔެމަތީގައި އަތުވެދާނެ ފަދަ ނުބައި ޢަމަލެކެވެ. އެއްޖިންސުން ގުޅުން ހިންގުމަކީ ބޮޑެތި ފާފައިގެ ތެރޭގައި ހިމެނޭ ހުތުރުކަން ބޮޑު ފާފައެކެވެ.
ކައިވެނި ކުރުމަކީ އަންހެނަކާއި ފިރިހެނަކު ޝަރްއީ ހަމަތަކުގެ މަތީން މަންފާއެއް ލިބިގަތުމަށް ކުރާ އަޤްދެކެވެ. އިންސާނީ ދަރިފަސްކޮޅު ދެމެހެއްޓުމަށްޓަކައި ކައިވެނީގެ މުޤައްދަސް ގުޅުން ވަނީ ހުއްދަކުރައްވާފައެވެ. އަންހެނަކާއި ފިރިހެނަކު ކައިވެނީގެ ގޮތުން ގުޅުމަކީ އިންސާނީ ފިތުރަތުގައި ލައްވާފައިވާ ވަރަށް މުޤައްދަސު ގުޅުމެކެވެ. މިއާ ހިލާފަށް އެއްޖިންސުގެ ދެމީހުން މި ފަދަ ނަމަކުން ގުޅުމަކީ އިސްލާމް ދީން ހަރާމްކުރައްވާފައިވާ ކަމެކެވެ. އެއީ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މާތް ﷲގެ ކޯފާއާއި އަޒާބު މި ދުނިޔެ މަތީގައި އަތުވެދާނޭ ކަމެކެވެ.
ޖާހިލިއްޔަ ޒަމާނުގައި އެބައިމީހުންނަށް ލިވާޠު ކުރުމަކީ ކޮބައިކަމެއްވެސް ނޭނގެއެވެ. ބައެއް ބޭކަލުން ވިދާޅުވާގޮތުގައި ކީރިތި ގުރްއާނުގައި ލޫޠުގެފާނުގެ ގައުމުގެ މީހުންގެ ހިންގާ އުޅުނު މުޑުދާރު ފާޙިޝް ޢަމަލުކަމުގައިވާ ލިވާޠުގެ ވާހަކަ ޛިކްރު ކުރައްވާފައިވުމުން މެނުވީ، އެއީ ބަޔަކު މީހުން ކޮށްފާނެ ކަމެއް ކަމާއި މެދުގައިވެސް އެބޭކަލުންނަށް ތަޞައްވުރުވެސް ނުކުރެވެއެވެ. ސަބަބަކީ އަންހެނަކާއި މެދު ކަންތައްކުރާ ގޮތަށް ފިރިހެނަކަށް ކަންތައްކުރަން މީހަކު ރުހިދާނެ ކަމަށް ބުއްދި އަށް ގަބޫލު ނުކުރެވެނީއެވެ. މިއީ ފިޠްރީ ގޮތުންނާއި ޝަރްޢީ ގޮތުންވެސް މުސްތަޙީލު ކަމެކެވެ.
ލިވާޠު ކުރުމަކީ ޒިނޭ އަށްވުރެވެސް ފާޙިޝްކަން ބޮޑު ކަމެކެވެ. އެހެނީ ޒިނޭ އަކީ އެކަމުގައި ކުރެވޭ ކަންތައް ޢަގްދުކޮށްގެން ހުއްދަގޮތުގައި ކުރެވިދާނެ ކަމެކެވެ. ނަމަވެސް، ލިވާޠު ހުއްދަ ކުރެވޭނެ ހަމައެއްވެސް ގޮތެއް ނޯވެއެވެ. އަދި އިންސާނުންގެ ބުއްދިންވެސް ބަލައިގަނެވޭނެ ކަމަކަށް އެކަން ނުވެއެވެ.
ލޫޠު ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ގައުމުގެ މީހުންނަށް ވިދާޅުވިއެވެ.
( وَلُوطًا إِذْ قَالَ لِقَوْمِهِ أَتَأْتُونَ الْفَاحِشَةَ مَا سَبَقَكُم بِهَا مِنْ أَحَدٍ مِّنَ الْعَالَمِينَ ﴿٨٠﴾ إِنَّكُمْ لَتَأْتُونَ الرِّجَالَ شَهْوَةً مِّن دُونِ النِّسَاءِ ۚ بَلْ أَنتُمْ قَوْمٌ مُّسْرِفُونَ ﴿٨١﴾ ) މާނައަކީ:
“ އަދި لوط ގެފާނު، އެކަލޭގެފާނުގެ قوم ގެމީހުންނަށް ވިދާޅުވިހިނދު (ހަނދުމަކުރާށެވެ!) ތިޔަބައިމީހުންގެ ކުރިން، عالم ތަކުގެ ތެރެއިން އެކަކުވެސް ކޮށްފައިނުވާ فاحش عمل ތިޔަބައިމީހުން ކުރަނީހެއްޔެވެ؟ ހަމަކަށަވަރުން، ތިޔަބައިމީހުން شهوانى ގޮތުން، އަންހެނުން ދޫކޮށް، ފިރިހެނުންނާ ގާތްވަމުއެވެ. އަދި ކިއެއްތަ! ތިޔަބައިމީހުންނީ (ފާފަކުރުމުގައި) ހައްދުފަހަނަޅައިފައިވާ ބަޔަކީމުއެވެ.“
ސަލާމް ލެއްވި ލޫތުގެފާނުގެ ޤައުމުގެ މީހުން ހަލާކު ކުރެއްވީ އެއްޖިންސުން ގުޅުން ހިންގުމުގެ ސަބަބުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!