ކޮމިޝަނަ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް އަބްދުﷲ ޝަރީފު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އައްޔަނު ކުރައްވައިފި އެވެ.
ޝަރީފަށް ކޮމިޝަނަ ޖެނެރަލް އޮފް ކަސްޓަމްސްކަމުގެ ލިޔުން ހަވާލު ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ. ކޮމިޝަނަ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ޝަރީފް އައްޔަނު ކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރު ފެންވަރުގަ އެވެ.
ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ކަމަށް ޢަބްދުﷲ ޝަރީފު ޢައްޔަން ކުރެއްވި ކަމުގެ ލިޔުން ޙަވާލުކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ކުރިފުޅުމަތީގައި، ކަސްޓަމްސް އޮފިސަރުންގެ ހުވައި، ޢަބްދުﷲ ޝަރީފު ކުރެއްވިއެވެ.
މީގެ ކުރިން ޝަރީފު ހުންނެވީ ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަ ކަމުގެ މަގާމުގަ އެވެ. ކަސްޓަމްސް އިން ބުނީ ޝަރީފް ކަސްޓަމްސް އަށް ހިދުމަތް ކުރައްވާތާ 27 އަހަރު ވެފައިވާ ކަމަށެވެ.
ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައި ހުންނެވި އަހުމަދު ނުއުމާން، މިދިޔަ އޭޕްރީލް މަހުގެ 7 ވަނަ ދުވަހު އަވަހާރަ ވުމާ ގުޅިގެން، ކޮމިޝަނާ ޖެނެރަލެއް އައްޔަނު ކުރެވެންދެން އެ މުއައްސަސާގެެ ހިންގުމާ ހަވާލުވެ ހުންނެވީ ވެސް ޝަރީފެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!