މަނާ ގަޑީގައި ބޭރަށްނިކުމެގެން އެކަކު 28 ފަހަރަށް، 28،000 ރުފިޔާއިން ޖޫރިމަނާ ކޮށްފި

police

ކޯވިޑް19 އާއި ގުޅިގެން މާލޭ ސަރަހައްދުގައި ހިންގާފައިވާ ލޮކްޑައުންގައި އެކަކު 28 ފަހަރަށް، 28،000 ރުފިޔާއިން ޖޫރިމަނާ ކޮށްފިކަމަށް ފުލުހުން ބުނެފިއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމުގައި މިރޭ ވާހަކަ ދައްކަވަމުން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު ބުނެފައިވަނީ ލޮކްޑައުންގެ އަމުރާ ހިލާފުވުމުގެ ސަބަބުން 626 މީހަކު ހައްޔަރު ކޮށްފައިވާކަމަށާއި ހައްޔަރު ކުރި ހުރިހާ އެންމެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވޭނެ ކަމަށެވެ.

ލޮކްޑައުންގެ ތެރޭގައި 28 ފަހަރަށް އެކަކު ޖޫރިމަނާ ކުރެވުނު އިރު މިމީހާ 28،000 ރުފިޔާ ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭނެއެވެ. އަމުރާ ހިލާފުވާ ފަރާތްތައް ޖޫރިމަނާ ކޮށްފައިވަނީ 1000 ރުފިޔާއިންނެވެ.

އެގޮތުން ލޮކްޑައުންގެ އަމުރާ ހިލާފުވުމުގެ ސަބަބުން 626 މީހަކު ހައްޔަރު ކޮށްފައިވާކަމަށާއި މީގެ ތެރެއިން މާލެއިން 576 މީހަކު ހައްޔަރު ކުރެވުނު އިރު، ހުޅުމާލެއިން 47 މީހަކު އަދި ވިލިމާލެއިން 3 މީހަކު ވަނީ ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މަގުމައްޗަށް ނުކުތުން މަނާކުރި އިރު، ޖުމްލަ 9361 މީހަކު ވަނީ ޖޫރިމަނާ ކޮށްފައިވާކަމަށާއި އޭގެ ތެރެއިން 8378 މީހަކު މާލެއިން އަދި ހުޅުމާލެއިން 833 މީހަކު ޖޫރިމަނާ ކުރި އިރު ވިލިމާލެއިން 150 މީހަކު ވަނީ ޖޫރިމަނާ ކޮށްފައެވެ.

މިދިޔަ އޭޕްރީލް 15 ން ފެށިގެން މާލެ ސަރަހައްދު ލޮކްޑައުންކޮށް، ކޯވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅަން ފެށީ އެ ބަލީގެ މީހަކު މާލެ އިން ފެނުމުންނެވެ. އެ ދުވަހުން ފެށިގެން އެކި މުއްދަތަށް ސަރުކާރުން ވަނީ މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި ވަރަށް ހަރުކަށިކޮށް ލޮކްޑައުންގެ ފިޔަވަޅުތައް އަޅައިފަ އެވެ.

މާލެ ސަރަހައްދު 'ލޮކްޑައުން' ކޮށްފައި ވަނިކޮށް، ލޮކްޑައުންއާއި ހިލާފުވެގެން ޖޫރިމަނާ ކުރި ފަރާތްތައް ޖޫރިމަނާ ފީ އޮންލައިންކޮށް ދެއްކޭނެ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ވަނީ ބުނެފައެވެ. ލޮކްޑައުންއާއި ހިލާފުވެގެން މިހާތަނަށް 9361 މީހަކު ވަނީ ޖޫރިމަނާ ކޮށްފަ އެވެ. ލޮކްޑައުންއާއި ހިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރަނީ 1000 ރުފިޔާއިންނެވެ. އެހެންކަމުން މިހާތަނަށް ލޮކްޑައުންއާއި ހިލާފުވެގެން ދައުލަތަށް 93.3 މިލިއަން ރުފިޔާ ދައްކަން ޖެހެއެވެ.

ރައްޔިތުން ބިކަހާލުގައި ޖެހިފައިވާ މިވަގުތު ލޮކްޑައުންއާއި ގުޅިގެން ކޮށްފައިވާ ޖޫރިމަނާ މައާފުކޮށްދިނުމަށް ބަޔެއް ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *