ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި 2217 މީހުންގެތެރެއިން 1813 މީހުން ބަލިން ރަނގަޅުވެއްޖެއެވެ.

މިރޭ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ޕޮޒިޓިވްވި 14 މީހުންގެ ތެރޭގައި ހިމެނެނީ އަށް ދިވެހިންނާއި ތިން ބަންގްލަދޭޝް މީހުންގެ އިތުރުން އިންޑިއާގެ ދެ މީހަކާއި ސްރީލަންކާގެ މީހެއް ކަމަށެވެ.

Ad
rt

އެޗްޕީއޭއިން މިއަދު އިޢުލާންކުރި ތަފާ ހިސާބުތަކަށް ބަލާއިރު މިއަދު މިވަނީ އިތުރު 10 މީހުން ބަލިން ރަނގަޅުވިކަން ހާމަކޮށްފައެވެ. އިއްޔެ މިބަލިން ރަނގަޅުވީ 15 މީހުންނެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 2217 އަށް އަރާފައިވާއިރު މި ބަލީގައި މިހާރު ފަރުވާ ދެވެމުން އަންނަނީ 391 މީހަކަށެވެ. އެހެންކަމުން ބަލީގައި ފަރުވާ ދެމުން އަންނަ މީހުންނަށްވުރެ ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ބަލިން ޝިފާލިބި ރަނގަޅުވި މީހުންގެ ނިސްބަތް މިހާރު ވަނީ 80 އިންސައްތައަށް ވުރެ މައްޗަށް އަރާފައެވެ.

މިމަސް ފެށުނީއްސުރެ ކޯވިޑް-19އިން ބަލިން ރަނގަޅުވާ މީހުންގެ ޢަދަދު އިތުރުވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މިހާތަނަށް އެއްދުވަހެއްގައި އެންމެ ގިނަމީހުން ބަލިން ރަނގަޅުވީކަމަށް އެޗްޕިއޭއިން ހާމަކޮށްފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. އެދުވަހު 229 މީހުން ބަލިން ރަނގަޅުވެފައިވެއެވެ.