ކޯވިޑް-19 ގެ ސަބަބުން ޚާއްސަ ޤާނޫނަކުން ފަސްކޮށްފައިވާ ކައުންސިލް ތަކުގެ އިންތިޚާބު އަންނަ 2021 ވަނަ އަހަރުގެ މާރިޗް މަހުގެ ފުރަތަމަ ހަފުތާ ތެރޭގައި ބޭއްވުމަށް މަޝްވަރާ ކުރަމުންދާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
މިރޭ ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ " ރާއްޖެ މިއަދު" ޕްރޮގްރާގައި ވާހަކަ ދައްކަވަމުން އީސީގެ ރައީސް ޝަރީފް ވިދާޅުވީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020 ގައިވާ ގޮތުން އަންނަ އަހަރުގެ ރަމަޟާން މަހުގެ ކުރިން ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ޖެހޭ ކަމަށެވެ.
އެގޮތުން އެ އިންތިޚާބު ބާއްވާނެ ސީދާ ތާރީޚެއް އަދި ކަނޑައަޅާފައި ނުވާކަމަށް ޝަރީފް ވިދާޅުވިއެވެ. ނަމަވެސް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020 ގައިވާ ގޮތުން އެ ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތު ތަކަށް ބަލައި، އަންނަ އަހަރުގެ މާރިޗް މަހުގެ ފުރަތަމަ ހަފުތާތެރޭ ކައުންސިލް އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ މެދުގައި ނުރަސްމީ ވާހަކަތައް ދެކެވެމުންދާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020 ގައިވާ ގޮތުން ރާއްޖޭގައި އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ނެތްކަމަށް އެޗްޕީއޭއިން ޢިއުލާން ކުރާ ތާރީޚުން ފެށިގެން7 ދުވަސްތެރޭގައި އިންތިޚާބުގެ ތައްޔާރީތައް ވާން ފަށާނެ ތާރީޚަކާއި، އިންތިޚާބު ބާއްވާނެ ތާރީޚެއް އެ ކޮމިޝަނަށް ޢިއުލާނު ކުރަން ޖެހޭނެ ކަމަށެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020 ވުޖޫދު ވުމާއިއެކު، ފަސްކުރެވުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 އާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020، އެ ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި ބާއްވައި ނިންމަންވާނެ ކަމަށް އެ ޤާނޫނުގައި ބުނެފައިވެއެވެ.
ޤާނޫނު ރައީސް ތަސްދީޤުކުރެއްވީ 10 މެއި 2020 ގައެވެ. އެހެންކަމުން މިހާރު އޮތްގޮތުން އަންނަ އަހަރުގެ މެއ ި10 ވަނަ ދުވަހުގެ ކުރިން ކައުންސިލްތަކުގެ އިންތިޚާބު ބާއްވަން ޖެހެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!