11 އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ހއ. ބާރަށް، ސިލްސިލާގެ، އަނީސް ޙިލްމީ (38އ) މައްސަލަ ނިމެންދެން ބަނދުގައި ބަހައްޓަން ކުރިމިނަލް ކޯޓުން ހުކުން ކޮށްފައިވާކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ކުރިމިނަލް ކޯޓުން އެގޮތަށް ހުކުން ކޮށްފައިވަނީ މިއަދު ކަމަށެވެ. އަނީސް ޙިލްމީ ހައްޔަރުކޮށްފައިވަނީ، 2020 ޖޫން 10 ވަނަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅުނު، އުމުރުން 11 އަހަރުގެ ކުއްޖަކު ގެސްޓްހައުސްއަކަށް ގެންގޮސް ރޭޕްކޮށްފައިވާ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 2020 ޖޫން 12 ވަނަ ދުވަހުގެ 22:13 އެހައިކަންހާއިރު އޭނާ ދިރިއުޅޭ ގޭގައި ހުއްޓައެވެ.
ތަހުގީގުގައި މިހާތަނަށް ބެލި ބެލުމުން، އެކުއްޖާ ރޭޕްކޮށްފައިވަނީ ކުއްޖާ ގްރޫމް ކޮށްގެންކަން އެނގިފައިވާކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައިގައި ތުހުމަތު ކުރެވޭ އަނީސް ހިލްމީ، ޤާނޫން ނަމްބަރ 2009/12 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަަކަށް ޢަމަލުކުރުމުގެ ޤާނޫން) ގެ ދަށުން، ތަހުޤީޤުގެ މަރުހަލާއާއި ޝަރީޢަތުގެ މަރުހަލާ ނިމެންދެން، ބަންދުގައި ބެހެއްޓުމުގެ އަމުރެއް ހޯދުމަށް، ޕްރޮސެކިއުޓަރ ޖެނެރަލް ކޯޓަށް ހުށަހަޅައިދިނުންއެދި، ޕްރޮސެކިއުޓަރ ޖެެނެރަލްގެ އަރިހުގައި ކޮމިޝަނަރ އޮފް ޕޮލިސް ވަނީ އެދިވަޑައިގެންފައެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ފަރާތްތަކާއި، ކުޑަކުދިން ރޭޕްކޮށް ބްލެކްމެއިލްކޮށް، ގްރޫމްކުރުވައިގެން ކުށްކުރުމުގައި ކުދިން ބައިވެރިކުރުވައި އަދި ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް އަމަލުކުރާ ފަރާތްތަކާމެދު ޤާނޫނީގޮތުން އެޅެން އޮންނަ އެންމެ ހަރުކަށި ފިޔަވަޅު އަޅަމުން ގެންދާނެކަމުގައި ފުލުހުން ބުނެއެވެ.
Today, the Criminal Court has ordered Anees Hilmee (38y) arrested on 12th June 2020 on allegation of child sexual abuse of a 11yo victim be remanded in custody until the verdict. pic.twitter.com/LqgHIo0IDO
— Maldives Police (@PoliceMv) June 20, 2020
މި މައްސަލަ، ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.
ކުޑަކުދިންނަށް ލިބެންވާ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ކުޑަކުދިންގެ ރައްކާތެރިކަމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމުގައި ރައްޔިތުން ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ފުލުހުންވަނީ އިލްތިމާސް ކޮށްފައެވެ. އަދި ކުޑަކުއްޖެއްގެ ކަރާމާތަށް ގެއްލުމެއް ލިބިދާފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކުރާކަމުގެ މަޢުލޫމާތެއް ނުވަތަ އެފަދަ ޝައްކެއް ކުރެވުނަސް އެކަމުގެ މަޢުލޫމާތު ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓްގެ ނަންބަރު 3000600 ނުވަތަ މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސަސްގެ ހިލޭ ގުޅޭ ނަމްބަރ 1412 އަށް ހުށަހެޅުއްވުމަށް ފުލުހުން ދަންނަވާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!