ފެން ބިލަށް އަރާ ޖޫރިމަނާތައް ދެއްކުމުގައި މާލޭ ވޯޓަރ އެންޑް ސެވެރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން އަނެއްކާވެސް އެކުންފުނީގެ ކަސްޓަމަރުން އިތުރު ލުޔެއް ދީފި އެވެ.
ޤައުމީ ފެންކުންފުނިން ބުނީ ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމުގައި ކަސްޓަމަރުންނާ ވީހާވެސް ގާތުން ލުއިފަސޭހަ ހިދުމަތްތައް ފޯރުކޮށްދިނުމަކީ އަބަދުވެސް ކުންފުނީގެ އަމާޒެއް ކަމަށެވެ.
އެކުންފުނިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ކޯވިޑް-19ގެ ހާލަތުގެ ސަބަބުން އެ ކުންފުނީގެ ބައެއް ކަސްޓަމަރުންނަށް ބިލް ދެއްކުމުގައި ދަތިތައް ކުރިމަތިވެފައި ވާތީ "ދަރަންޏަށް ލުޔެއް" ގެ ނަމުގައި 2019 ވަނަ އަހަރު ޑިސެމްބަރު މަހުގެ ތެރޭ ތައާރަފު ކޮށްފައިވާ ޕްރޮގްރާމްގެ ބޭނުން ގިނަ ކަސްޓަމަރުން ނުހިފާ ކަމަށެވެ.
އެހެން ކަމަށްވުމުން، ކަސްޓަމަރުންނަށް އިތުރު ފުރުޞަތެއް ދިނުމުގެ ގޮތުން އެ ޕްރޮގްރާމްގެ މުއްދަތު އަންނަ 2021 ވަނަ އަހަރުގެ މާރިޗް މަހުގެ 17 ވަނަ ދުވަހާއި ހަމައަށް އިތުރު ކޮށްފައިވާ ކަމަށް އެކުން ފުނިން ވަނީ ބުނެފައެވެ.
" މިގޮތުގެ މަތިން 17 މާޗް 2021 ގެ ކުރިން ފެން ބިލަށް ފައިސާ ދައްކަވާ ފައިސާގެ އިންސައްތައިގެ ނިސްބަތުން ޖޫރިމަނާ މާފުކުރެވިގެން ދާނެ ވާހަކަވެސް އުފަލާއެކު ދަންނަވަމެެވެ. މީގެ އިތުރުން ފެން ބިލަަށް ދަށްކަވަން ޖެހޭ ފައިސާ އެއްފަހަރާ ދެއްކެވުމަށް ދަތިވެލައްވާ ފަރާތްތަކުން މަހުން މަހަށް ބަހާލައިގެން ލުއި ފަސޭހަ ގޮތެއްގައި ފައިސާ ދައްކަވާ ހަލާސް ކޮށްގެންވެސް ޖޫރިމަނާ މާފުކުރެވޭނެ ފުރުސަތު ލިބިގެންދާނެއެވެ." ފެން ކުންފުނީގެ ބަޔާނުގައި ވެއެވެ.
އެމްޑަބްލިއުއެސްސީން ވަނީ ކޯވިޑްގެ ފުރަބަންދުގެ ހާލަތުގައިވެސް ކަސްޓަމަރުންނަށް ލުއި ފަސޭހަވާނޭ ހެން ގިނަ ކަންތައްތަކެއް އިންތިޒާމުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!