ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއި ބެހޭ މައުލޫމާތު އދގެ އެޖެންސީ ތަކަށް ދެއްވައިފިއެވެ.
މައުލޫމާތުތައް ހިއްސާކޮށްފައި ވަނީ ދިވެހިރާއްޖޭގައި މަސައްކަތްކުރާ އދގެ ހުރިހާ އެޖެންސީއެއްގެ އިސް ފަރާތްތަކާ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބޭއްވި ބައްދަލުވުމުގައެވެ. ވީޑިއޯ ކޮންފަރެންސް މެދުވެރިކޮން ކުރިއަށް ގެންދެވި މި ބައްދަލުވުމުގައި ކޮވިޑް-19 އާ ގުޅޭ ގޮތުން މަޝްވަރާކުރައްވައި، މިހާލަތުގައި އދ އާއި އދގެ އެކި ގުނަވަންތަކުން ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތެރިކަމަށް މިނިސްޓަރ ޝާހިދު ޝުކުރު އަދާކުރެއްވިއެވެ.
އަދި މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ މުހިއްމު ތަނބުތައް ކަމަށްވާ އިންސާނީ ހައްޤުތަކާއި، ޑިމޮކްރަސީ އަދި މޫސުމީ ބަދަލުތަކާ ބެހޭ ގޮތުންވެސް އެޖެންސީތަކާއެކު މިނިސްޓަރ ޝާހިދު މި ބައްދަލުވުމުގައި މަޝްވަރާ ކުރައްވަފަވެއެވެ. އަދި ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ކުރިއަށް އެޅުމަށް ރާވަމުންދާ ފިޔަވަޅުތަކާ ގުޅޭ ގޮތުން މިނިސްޓަރ ޝާޙިދު ވަނީ މައުލޫމާތު ދެއްވާފައެވެ.
އަދި މީގެ އިތުރުން ނޭޝަނަލް ޓާސްކް ފޯސްއިން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ދެއްވައި، މިހާރުވެސް އދގެ ބައެއް އެޖެންސީތަކުން ޓާސްކް ފޯސްގައި މުހިއްމު މަސައްކަތްތަކެއް ކުރަމުންދާކަން ވަނީ ފާހަގަކުރައްވާފައެވެ. ރާއްޖޭގައި ހުންނަވާ އދގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް ކެތަރިން ހެސްވަލް ވަނީ ސަރުކާރަށް އދގެ ފަރާތުން ބޭނުންވާ އެހީތެރިކަން ފުރިހަމައަށް ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން އަރުވާފައެވެ.
ކޮވިޑް-19 އާ ގުޅިގެން ދިވެހި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް އދގެ އެޖެންސީތަކުން ވަނީ ތައުރީފްކޮށްފައެވެ ކޮވިޑް-19 ގެ ސަބަބުން ލިބުނު ގެއްލުންތަކުގައި އަރައިގަތުމުގައި އދގެ އެހީތެރިކަން ރާއްޖެއަށް އިންތިހާއަށް ބޭނުންވާނެކަމަށް މިނިސްޓަރ ޝާހިދު ވަނީ ވިދާޅުވެފައެވެ.
ރާއްޖެ މިނިވަންވިއިރު ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުގެ ތެރޭގައި އޮތްނަމަވެސް، މެދުފަންތީގެ އާމްދަނީ ލިބޭ ގައުމަކަށް ރާއްޖެ ބަދަލުވުމުގައި އދގެ ފަރާތުން ލިބުނު އެހީތެރިކަން މިނިސްޓަރ ޝާޙިދު ވަނީ ފާހަގަކުރައްވާފައެވެ.
މި ބައްދަލުވުމުގައި ބައިވެރިވެފައި ވަނީ ރާއްޖޭގައި ހުންނަވާ އދގެ ރެޒިޑެންޓް ކޯޑިނޭޓަރ ކެތަރިން ހަސްވެލް، ޑަބްލިޔު.އެޗް.އޯގެ މަންދޫބު ޑރ. އަރްވިންދް މާތޫރު، ޔޫއެންޑީޕީގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް އަކީކޯ ފޫޖީ، ޔުނިސެފްގެ މަންދޫބު އެމް މުނީރް ސަފީލްދީން، ޔޫ.އެން.އެފް.ޕީ.އޭ އެސިސްޓެންޓް ރެޕްރެޒެންޓޭޓިވް ޝާދިޔާ އިބްރާހިމް، އެފް.އޭ.އޯ އިން ރާއްޖެއަށާއި ލަންކާއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޝިއުބިންގް ސުންގް، އައި.އެލް.އޯ ޑައިރެކްޓަރ ސިމްރިންގް ސިންހް، ޔޫ.އެން.އޯ.ޑީ.ސީ ޕްރޮޖެކްޓް ކޯޑިނޭޓަރ ތޮއިބާ ސައީދު، އައި.އެފް.އޭ.ޑީ ގެ ކަންޓްރީ
ޕްރޮގްރާމް އޮފިސަރ ޝެރީނާ ތަބައްސުމް، ޔުނޮޕްސްގެ ކަންޓްރީ މެނޭޖަރ އެޑް އިންޓަރިމް ސުދީރް މުރަލިދަރަންގެ އިތުރުން ރެޒިޑެންޓް ކޯޑިނޭޓަރގެ އޮފީހުގެ އިސް ބޭފުޅުންނެވެ. މިނިސްޓަރ ޝާޙިދުގެ އަރިހުގައި މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ އެޑިޝަނަލް ސެކްރެޓަރީ ޖާވިދް ފައިޒަލް އާއި އެސިސްޓަންޓް ޑިރެކްޓަރ އަހްމަދު ސަލްމާން ޒަކީއެވެ.
ކޮވިޑް-19 އާ ގުޅިގެން ތަފާތުކުރުމެއް ނެތި އެންމެންނަށް އެއް ހަމައެއްގައި ފަރުވާގެ ކަންތައްތައް ކުރިއަށްދާ ގައުމެއްގެ ގޮތުގައި ރާއްޖެ ފާހަގަކުރެވޭކަމަށް އދގެ އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނަރ ވަނީ ކުރިން ފާހަގަކުރައްވާފައިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!