ގައުމު އޮޔާ ދާއިރު ރައްޔިތުންގެ މަޖިލީހުން އުޅެނީ ފުލުހުން ސޯޓް ނުލެއްވިގެންކަމަށް ރައީސް ޔާމިންގެ ސަރުކާރުގެ ކުރީގެ އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމު ފުރުއްވި އަބުދު ﷲ ނަވާޒް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ މަޖިލިސް މެމްބަރުން ފުލުހުންނާއި ގުޅޭގޮތުން ދެއްކެވި ވާހަކަތަކަށް ކުރީގެ އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމު ފުރުއްވި، އަބްދުﷲ ނަވާޒް ހޫނު ރައްދެއް ދެއްވަމުން އޭނާގެ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި އިތުރަށް ވިދާޅުވީ މަޖިލީހުން ނިއްމައިފިނަމަ ފުލުހުންނަށް ސޯޓްވެސް ލެވިދާނެ ކަމަށާއި އެހެން ނަމަވެސް ސޯޓް ލައްވާފައި ދިގު އިސްޓާކީނު ލައްވަންޖެހޭނީ މަޖިލީހުގެ މެމްބަރުން ކަމަށް ނަވާޒު ވިދާޅުވިއެވެ.

Ad
rt

އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ ބައެއް މެންބަރުންވަނީ ފުލުހުންނަކީ ރައްޔިތުންނަށް އަނިޔާވެރިވުމުގެ ސަގާފަތެއް ގެންގުޅޭ ބައެއް ކަމަށް ވިދާޅުވެ ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ފުލުހުންގެ ޔުނިފޯމު ބަދަލުކޮށް ކާކީ ކުލައިގެ ސޯޓުބުރިއަކާއި ދިގު އިސްޓާކީނު ލައްވައި ދަނޑިބުރިއެއް ދީފައި ފުލުހުން މަގުމައްޗަށް ނެރުމަށް މަޖިލިހުގެ މައްޗަންގޯޅީ އުތުރު ދާއިރާގެ މެންބަރު މުހަންމަދު ރަޝީދު (ބޯދިގު) ވަނީ ގޮވާލައްވާފައެވެ.

މިކަމަށް އަލިއަޅުވާ ނަވާޒު އިތުރަށް ސުވާލުކުރައްވަމުން ވިދާޅުވީ ފުލުހުން ސޯޓް ލައްވައި އިސްޓާކީނަށް ނޭރުވިގެން ތިޔަ އުޅެނީކީވެތޯ އެވެ. އެބަޔަކު ބޭނުންވާ ކަމެއް ނުވީމާ ރުޅި އަންނަ އުސޫލުން ފުލުހުންނަށް ރުޅިގަނޑު ބާލާތަން ފެންނަމުންދާ ކަމަށް ނަވާޒް ވިދާޅުވިއެވެ.

ސަރުކާރުގައި ތިބެ ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮވެ އެކި ކުށްކުށުގެ ތުހުމަތު ކުރެވޭ ފުލުހުންނަށް ފިޔަވަޅު އެޅުމަށް ތާއީދު ކުރައްވާކަން ހަމަކުރައްވައި އަދި އެއީ މުހިންމު ކަމެއް ކަމަށް ނަވާޒް ވިދާޅުވިއެވެ.

"ތާއަބަދު ފުލުހުންނާއި ދޭތެރޭ ރައްޔިތުންގެ މެދުގައި ނަފުރަތު އުފެދޭ ގޮތަށް ކަން ނުކުރައްވާ ގެންނަން ވިދާޅުވި ރިފޯމޭޝަން ގެނަައުމުން ތިޔަ މައްސަލަ ހައްލުވާނެ ކަމަށް ފެނޭ. ކޮންމެ ސަރުކާރެއް އޮތަސް ފުލުހުންނަކީ ޚިދުމަތުގައި ތިބި ބަޔަކު ކަމުގައި ދަންނަންވާނެ."

ޖުމުހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި މިހާރު ހުންނެވި ނަވާޒް ވިދާޅުވިއެވެ.