ކޯވިޑް-19ގެ ބަލިމަޑުކަން ނެތް ރަށްރަށުގައި އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހު ސްކޫލްތައް ހުޅުވަން ނިންމަވާފައިވާކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޢަލީ ވިދާޅުވީ ސްކޫލްތައް ހުޅުވައި ކިޔެވުން ކުރިއަށް ގެންދާނީ ގްރޭޑް 1 އިން ފެށިގެން މަތީގެ ގްރޭޑްތަކަށްކަމަށެވެ. ސްކޫލްތައް ހުޅުވާލާނީ ފިޔަވަހި ތަކަކަށް ބަހައިލައިގެންކަމަށް ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ މާލެ ސަރަހައްދުގެ ސްކޫލްތަކުގައި ފުރަތަަ ކިޔަވައިދޭން ފަށާނީ ކީސްޓޭޖު 4 އާއި 5 ކަމަށެވެ. އެއީ ގްރޭޑް 9، 10، 11 އަދި 12 އެވެ. މާލޭގެ ސްކޫލްތަކަށް ދަރިވަރުން ޙާޒިރުވާނީ އެއް ސެޝަނަށް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. ސްކޫލްތައް ހުޅުވާލާއިރު އެންމެ އިސްކަމެއް ދެއްވާނީ ދަރިވަރުންގެ ސިއްޙަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއެކު ދަރިވަރުންނަށް އުގަންނައިދިނުން ކުރިއަށް ގެންދިއުމަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ކޮވިޑް ނެތް ރަށްރަށުގައިވެސް ޖުލައި އެކަކުން ފެށިގެން ކިޔަވައިދޭން ފެށުމަށް ވަނީ ނިންމަވައިފައެވެ. ނަމަވެސް ނިއު ނޯމަލްގައި ކިޔަވައި ދޭން ނިންމަވައިފައި ވަނީ ހަފްތާއަކު ހަތަރު ދުވަހު ކޮންމެ ދުވަހަކު ހަތަރު ގަޑިއިރުއެވެ.
ސްކޫލަކީ ހަމައެކަނި ދަރިވަރުން ހަމައެކަނި ކިޔަވަން އަންނަ ތަނެއް ނޫން. ދަރިވަރުންގެ އިޖްތިމާއި ހުނަރުތަކާއި އެކުދިން ރައްޓެހިންނާ ބައްދަލުވެ ބައިވަރު ކަންތައް ސްކޫލުން ފުރިހަމަވޭ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވިއެވެ.
އެންއީއޯސީގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރ އާއިޝަތު ޢަލީ ވިދާޅުވީ ސްކޫލުތައް ހުޅުވޭއިރު ކްލާހެއްގައި އެއްފަހަރާ ކިޔަވައިދެއްވާނީ 15 ކުދިންނަށް ކަމަށެވެ. އަދި ކިޔަވައިދޭ ގަޑީގެ ޢަދަދު ވެސް ވަނީ ވަރަށް ބޮޑަށް ކުޑަކޮށްފައެވެ. ދުވާލަކު ކިޔަވައި ދެއްވާނީ 45 މިނިޓްގެ ހަތަރު ގަޑީއިރުއެވެ. ކުދިން ބޭރަށް ނުކުމެ ކަސްރަތުކޮށް ހަދައިލުމަށް ހުސް ވަގުތުކޮޅެއް ދެއްވަން ޖެހޭނެކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ނިއުނޯމަލްގައި މާސްކް އަޅަން ޖެހުމާއެކު ސްކޫލު ކުދިންގެ ޔުނިފޯމްގެ ބައެއްގެ ގޮތުގައި ފޭސް މާސްކުވެސް ބޭނުން ކުރަންޖެހޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ. އަދި ސްކޫލަށް ކުދިން ވެއްދޭނީވެސް ހުން ބެލުމަށްފަހު ހުން ނެތިއްޔާކަމަށް ވިދާޅުވިއެވެ. އަދި ޓީޗަރުންނާއި ސްކޫލު މާހައުލުގައި އުޅޭ އެންމެންވެސް ތިބޭނީ މާސްކް އަޅައިގެން ކަމަށް ވިދާޅުވިއެވެ. އަދި ކުދިންގެ ބެލެނިވެރިންވެސް ސްކޫލަށް ވަދެވޭނީ މާސްކް އަޅައިގެން ކަމަށް ވިދާޅުވިއެވެ. ސްކޫލު މާހައުލުގައި ދަރިވަރުން އުޅޭއިރުވެސް އަދި ސްކޫލަށް ވަދެ ނުކުތުމުގައި ގައިދުރުކަން ބެހެއްޓުމަށް ވަރަށް ބޮޑަށް އިސްކަން ދެއްވާނެކަމަށް ވިދާޅުވިއެވެ.
މާސްކު އެޅުމުން ހަމަޖެހިފައިވަނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް. ދެވައްތަރެއްގެ މާސްކު ދަރިވަރުންނަށް އެޅިދާނެ. އެއީ މެޑިކަލް މާސްކު އަދި ފޮތި މާސްކު. އަޅުގަނޑުމެން ބޮޑަށް އެދެނީ ދަރިވަރުން ފޮތި މާސްކު އަޅައިގެން އަންނަން. ޚަރަދު ކުޑަކުރުމާ އަދި ގިނަ ވަގުތު ކުދިން ތިބެޖެހޭނެތީ، ފޮތި މާސްކަށް ބޮޑަށް ބުރަވަނީމި. ފޮތި މާސްކު ހެދުމަށް ބޭނުންވާ ފޮތި ހުންނަންވާނީ ރޮދި ކައިރިކޮށް ވިޔެފަ ހުންނަ ފޮއްޗަކަށް. އަދި ފަސޭހައިން ކުދިންނަށް ނޭވާ ލެވޭނެގޮތަށް ހުންނަ ފޮއްޗަކަށް. އަދި މި މާސްކު މީ ތިން ލޭޔާއަކަށް ހުންނަ މާސްކަކަށް ވާންއެބަޖެހޭ. މާސްކު ހަދާފައި ހުންނަވާނީ އަނގައާއި ނޭފަތް ރަނގަޅަށް ނިވާވާނެގޮތަށް ބާރުވެގެން ނުވަތަ ދޫވެގެން ދަރިވަރުން އަބަދު އަތްލާގޮތަށް މާސްކު ހުރެގެން ނުވާނެ. މާސްކަކީ ޔުނިފޯމްގެ ބައެއްކަމަށް އަޅުގަނޑުމެން މިދެކެނީ ކުރިއަށް އޮތް މަހު.
އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.
މާލެ ސަރަޙައްދުގައި ގްރޭޑް އަށަކުން މަތީގެ ގްރޭޑްތަކުގެ ދަރިވަރުންނަށް އެކަނި ސްކޫލުގައި ކިޔައިވައި ދެމުން ގެންދެވި ނަމަވެސް އެނޫން ގުރޭޑްތަކުގެ ދަރިވަރުންނަށް އޮންލައިންކޮށް ކިޔަވައި ދެމުން ގެންދަވާނެކަމަށް މިނިސްޓްރ ޢާއިޝަތު ޢަލީ ވިދާޅުވިއެވެ.
ނިއުނޯމަލްގައި ސްކޫލުތަކުގެ ކުދިންނަށް ނާސްތާގެ ޕްރޮގްރާމް ކުރިއަށް ނުގެންދަވާނެކަމަށް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން ކުދިން ސްކޫލަށް އަންނަން ޖެހޭނީ ރަނގަޅު ނާސްތާއަކަށް ފަހުގައި ކަމަށް ވިދާޅުވިއެވެ. އަދި ބޯން ބޭނުންވާ ފެންވެސް ސްކޫލަށް ގެންނަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.
ދެ ދަންފަޅިއަށް ކިޔަވައިދޭ ސްކޫލުތަކުގައި ދެވަނަ ދަންފަޅި ފެށުމުގެ ކުރިން ޑިސްއިންފެކްޓް ކުރަން ޖެހޭނެކަމަށް އެޑިއޔުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!