ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުން އެޅިރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި ރާއްޖޭގެ ސްކޫލްތައްވެސް ބަންދު ކުރަން ޖެހުނެވެ. އެހިސާބުންވެސް އެ ދާއިރާގެ "އިންޖީނުތައް" ނިވައެއް ނުލައެވެ. ފެނިގެން ދިޔައީ ހިތްވަރު އައުކޮށް ހާލަތާއި ކުރިމަތިލިތަނެވެ.

11 މާރިޗް 2020 ވަނަ ދުވަހު ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި ނިއުސް ކޮންފަރެންސްގައި އެސެންޓަރގެ ތަރުޖަމާނު މަބްރޫކް އަޒީޒް ޢިއުލާނު ކުރެއްވީ، ކޯވިޑްގެ ސަބަބުން ފަސްޓް ޓާމްގެ މިޑް ބްރޭކަށް ފަހު، 2020 މާރިޗް 15 ވީ އާދީއްތަ ދުވަހު ސްކޫލްތައް ހުޅުވުން ފަސްކުރުމަށް ފަހު ރޯގާގެ ހާލަތަށް ބަލައި، ހަފުތާއަކުން އެއްފަހަރު އެ ނިންމުން ރިވިއުކުރަމުން ގެންދަވަން ނިންމެވި ކަމަށެވެ. ސަރުކާރުގެ އެ ނިންމެވުމާއިއެކު ބަލީގެ ހާލަތަށް ބަލައި އަދިވެސް ސްކޫލްތައް އޮތީ ބަންދު ކޮށްފައެވެ.

Ad
rt

ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމާއިއެކު، އެޑިޔުކޭޝަން މިނިސްޓްރީއިން މިހާރުވަނީ ޖުލައި 1 އިން ފެށިގެން އެމިނިސްޓްރީއިން އެކުލަވާލައިފާ ގައިޑްލައިނާ އެއްގޮތަށް ސްކޫލްތައް ހުޅުވަން ނިންމާފައެވެ.

އުނދަގޫ ދަތި ވަގުތެއް، ދޫ ނުދެއްވައި ހާލަތަށް އެންމެ އެކަށޭނަ ގޮތް ހޯއްދެވި

ކިޔަވައި ދިނުމާއި އުނގަންނައިދިނުމަކީ ނުހަނު ބުރަ މަސައްކަތެކެވެ. އަދި އެކަމަކުގެ ސިޔާސަތުތައް އެކަށަހަޅައި، މުޅި ނިޒާމު ހިންގުމަކީވެސް ހަމަ އެހާ ބުރަ މަސައްކަތެކެވެ.

ކޯވިޑް-19 ގެ ހާލަތު ރާއްޖެއަށް ކުރިމަތިވުމުން އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ހާލަތާއި ގުޅިގެން ކިޔަވައިދިނުން ގެންދެވޭނެ އެންމެ ރަނގަޅުގޮތަށް މަސައްކަތް ކުރަށްވާފައެވެ. ޓެލިކިލާސްތަކާއި، ގޫގްލް ކްލާސްރޫމް މެދުވެރިކޮށް ކިޔަވައިދިނުން ކުރިއަށް ގެންދެވިއެވެ.

މިހާލަތަކަކީ ކުރިމަތިވެދާނެ ކަމަށް ދުނިޔޭގެ އެއްވެސް ޤައުމަކުން ތައްޔާރަށް އޮތް ހާލަތެއް ނޫނެވެ. މިހާލަތަށް ތައްޔާރުވާން ލިބުނީ މަދު މަސްކޮޅެކެވެ. ބަލީގެ ހާލަތަކަށްވުމުން މިނިސްޓްރީއިންވެސް އަމަލުކުރަން ޖެހެނީ އެޗްޕީއޭގެ އިރުޝާދަށެވެ. ތަބާވާން ޖެހެނީ އެޗްޕީއޭގެ ގައިޑްލައިނަށެވެ. އެހެންކަމުން ލިބުނު ވަގުތުގައި އެ މިނިސްޓްރީއިން ވަނީ ހާލަތަށް އެކަށޭނަ ރަނގަޅު މަސައްކަތްތަކެއް ކުރަށްވާފައެވެ.

ނައިބު ރައީސް ވަރަށް ކައިރިން ކަންކަން ބެއްލެވުމަކީ އިތުރު ހިތްވަރެއް

ރާއްޖޭގެ ތައުލީމީދާއިރާގެ ކުރިއެރުމާއި، ދުޅަހެޔޮކަމަށް ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމް ދެއްވާ އަހަމިއްޔަތު ފެންނަން އޮތީ ވަރަށްވެސް ބޮޑަށެވެ. އެމަނިކުފާނު ގެންދަވަނީ ތައުލީމީ ދާއިރާގެ މަސައްކަތްތައް ނުހަނު ކައިރިން ބައްލަވައި، އެދާއިރާއާއި ގާތް ގުޅުމެއް ބާއްވަމުންނެވެ. ތައުލީމީ ދާއިރާގެ "ޢާއިލާ"ގެ މެމްބަރެއް ގޮތުގައި އެމަނިކުފާނު ދަނީ މަސައްކަތް ކުރަށްވަމުންނެވެ.

ކޯވިޑްގެ ހާލަތުގައިވެސް އެމަނިކުފާނު ގެންދެވީ ތައުލީމީ ދާއިރާގެ ކަންކަން ކައިރިން ބައްލަވަމުންނެވެ. އެ ދާއިރާގެ އިސްވެރިންނާއި ބައްދަލު ކުރަށްވައި ކަންބޮޑުވުންތަކާއި، ދަތިތައް އޮޅުން ފިލުއްވައި ހައްލު ހޯއްދެވުމަށް މަސައްކަތް ކުރަށްވައެވެ. މާލެއާއި، އަތޮޅުތަކުގެ ސްކޫލްތަކުގެ ހާލަތު އަމަލީގޮތުން ބައްލަވަމުން ގެންދަވާއިރު، އެޑިޔުކޭޝަން މިނިސްޓްރީގެ ވެރިންނާއި ގެންދަވަނީ ގާތް ގުޅުމެއް ބާއްވަވައި، އިރުޝާދު ދެއްވަމުންނެވެ.

މިސްޓްރީގެ ޓީމު އޮތީ ބަދަހިކޮށް، މަސައްކަތައް ފުކެއްވެސް ދޫ ދިނުމެއްނެތް

މިހާލަތުގައި އެޑިއުކޭޝަން މިނިސްޓަރާއި، އެ މިނިސްޓްރީގެ މުޅި ޓީމު ކުރައްވަމުން ގެންދަވަނީވެސް އެހާމެ ބުރަ މަސައްކަތްތަކެކެވެ. ވަގުތާއި، ހާލަތަށް އެކަށޭނަ ހައްލު ހޯއްދަވަމުން، އެ މިނިސްޓްރީއިންވަނީ ކޯވިޑްގެ ހާލަތުގެ އިތުރުން އާންމު ހާލަތަށް ރުޖޫއަ ވުމުން ކިޔަވައިދިނުން ގެންދާނެ ގޮތާއި، ސްކޫލް މާހައުލަށް ގެންނަން ޖެހޭ ބަދަލުތަކުން ފެށިގެން ކުރާންވީ ހުރިހާކަމެއް ޕްލޭންކޮށްފައެވެ. އަދި އެ ޕްލޭން ތަންފީޒް ކުރުމުގެ މަސައްކަތް ދަނީ ބާރަށް ކުރަށްވަމުންނެވެ.

ސްކޫލްތަކުގެ ވެރިންނަށް މިނިސްޓްރީއިން ދަނީ ކަންކަން ރަނުން ރަނަށް ހިއްސާ ކުރަމުން

އެޑިއުކޭޝަން މިނިސްޓްރީއިން ދަނީ ސްކޫލްތަކުގެ އިސްވެރިންނާއި އެކު އޮންލައިން މީޓިންތައް ބާއްވައި، އަބަދުވެސް ފަހުގެ އަޕްޑޭޓުތައް ހިއްސާ ކުރަމުންނެވެ. އޮޅުމެއް، ވާންވީ ގޮތެއް ނޭނގި ތިބެން ނުޖެހޭ މިންވަރަށް އެ މިނިސްޓްރީގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިވާހަކައަށް ބާރު ލިބެނީ މިހާލަތުގައި، އެޑިއުކޭޝަނާއި އޮތް ގުޅުމާއި، މަސައްކަތްތައް ކުރިއަށްދާ ގޮތާއި މެދު ޚިޔާލު ހޯދާލި ބައެއް ޕްރިންސިޕަލުންގެ ކިބައިންނެވެ.

" މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ގެންދަވަނީ މިހާލަތުގައި މަސައްކަތް ކުރެވޭނެ އެންމެ ރަނގަޅަށް މަސައްކަތް ކުރައްވަމުން ކަމަށް ދެކެން. އަޅުގަނޑުމެންނަށް ބަރާބަރަށް އަޕްޑޭޓްސް ލިބޭ، ގުޅުން ރަނގަޅު، ޚިޔާލާއި މަޝްވަރާ ހޯއްދަވައިގެން ކުރިއަށް ވަޑައިގަންނަވަނީ." މާލޭ ސްކޫލެއްގެ ޕްރިންސިޕަލެއް ވިދާޅުވިއެވެ.

" މިނިސްޓްރީއިން ދަނީ ރަނގަޅު ގުޅުމެއް ބާއްވަވައި ކަންކަން ހިއްސާ ކުރަށްވަމުން، މީ ރޯގާގެ ހާލަތަކަށް ވުމުން އެ ބޭފުޅުން ނިންމާފައި ހުންނަ ކަންކަންވެސް ސަރުކާރުގެ ކަމާއި ގުޅުންހުރި އެހެން އިދާރާތަކުގެ އިރުޝާދާއެއްގޮތަށް ބަދަލު ކުރަންޖެހޭ ހާލަތް އަންނާނެކަން ޤަބޫލު ކުރަންޖެހޭ. މިނިސްޓްރީއިން ދަނީ ގޫގުލް މީޓު މެދުވެރިކޮށް އަޅުގަނޑުމެންނާއި ބައްދަލުކޮށް ބަރާބަރަށް ކަންކަން ހިއްސާ ކުރަމުން، ވާންވީ ގޮތެއް އޮޅިފައެއް ނެތް، އަބަދުވެސް އިރުޝާދު ލިބޭ، އިރުޝާދު ހޯދޭނެގޮތް އޮތީ ފަހިކޮށްދީފައި " އުތުރުގެ ރަށެއްގެ ޕްރިންސިޕަލަކު ވިދާޅުވިއެވެ.

" މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ފަރާތުން މިހާތަނަށް ސުކޫލްތަކާ ހިއްސާކުރެވިފައިވާ ސަރކިޔުލަރތައް ބައްލަވާލެއްވީމާ ވެސް ވަރަށް ގިނަ ސުވާލުތަކުގެ ޖަވާބު ލިބިގެންދާނެ. ސުކޫލްތަކުގެ އިސްވެރިންނާއެކު ލޮކުޑައުންތެރޭ ގޫގުލް މީޓް މެދުވެރިކޮށް މިނިސްޓްރީގެ އިސްވެރިން ތަފާތު ބައްދަލުވުންތައް ބާއްވައި ޕްރިންސިޕަލުންގެ ސުވާލުތަކަށްވަނީ ޖަވާބު ދެއްވާފައި. އަދި ކަންކަން ކުރިއަށް ގެންދަންވީ ގޮތުގެ އިރުޝާދު ވަރަަށް ފުރިހަމައަށް ވަނީ ޕްރިންސިޕަލުންނާ ހިއްސާކުރެވިފައި." އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލްއަކު ވިދާޅުވިއެވެ.

ހުރިހާކަމެއް ސްކޫލްތަކާއި ހިއްސާ ކުރެވިފައި

އަލުން ކިޔަވައިދޭން ފެށުމަށް މިނިސްޓްރީއިން ވަނީ މަސައްކަތް ގެންދާނެގޮތް އެކަށަހަޅައި ނިންމާފައެވެ. އަދި މިނިސްޓްރީގެ ނިންމުންތައް ދަނީ ވަގުތުން ވަގުތައް ސްކޫލްތަކާއި ހިއްސާކުރަމުންނެވެ. އެ މިނިސްޓްރީއިން ތައްޔާރުކޮށްފައިވާ " ލާނިންގ އެރޭޖްމެންޓް ޓް ރީ އޯޕަނިންގ ސްކޫލް " މިހާރު ސްކޫލްތަކާއި ހިއްސާކޮށްފައިވާއިރު، އެ ގައިޑްލައިންގައި އަލުން ސްކޫލްތަކުގައި ކިޔަވައިދޭން ފަށާއިރު ޓީޗަރުންނަށް ދީފައިވާ އިރުޝާދާއި، ކިޔަވައި ދިނުމުގެ އިންތިޒާމުތައް ރޭވިފައިވާ ގޮތުގެ ޚުލާސާއާއި، ސްކޫލްތައް ހުޅުވަން ނިންމާފައިވާ ފިޔަވަހިތަކާއި، އެފިޔަވަހިތަކުގައި ކިޔަވައިދޭނެ ގްރޭޑްތަކާއި، ސެސަންގެ ވަގުތާއި، ޙާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހަމަޖައްސަންޖެހޭ އިންތިޒާމްތަކާއި، ޓީޗަރުންނާއި، ޕްރިންސިޕަލުންނާއި، ސީނިއަރ މެނޭޖްމަންޓްގެ ރޯލާއި، ޒިންމާތަކާއި، ޓެލިކިލާސްތަކާއި ބެހޭ ބައިގެ އިތުރުން އިތުރު ތަމްރީނާއި އެހީތެރިމާއި ގުޅޭ އެންމެހާ މައުލޫމާތުތައް ވަނީ ހިމަނާފައެވެ.

ޤައުމެއް ބިނާ ކުރުމުގެ އެންމެ ބުރަ، އެންމެ ބޮޑު ޒިންމާއެއް އުފުލާ ބައަކީ ކިޔަވައިދޭ މުދައްރިސުންނެވެ. އެ މުދައްރިސުންނަށް ޤައުމު އަބަދުވެސް ވަނީ ދަރާފައެވެ. އުނގަންނައިދޭ މުދައްރިސުންނާއި، ސްކޫލްތަކުގެ އިދާރީ މުވައްޒަފުންނާއި، އެކިސްކޫލްތަކުގެ ފަންތިތަކުގެ މުވައްޒަފުން ޤައުމަށް ކޮށްދޭ ޚިދުމަތުގެ އަގު ދެއްކޭނެ ގޮތެއް ނެތެވެ. މިއަދު ހާލަތު މެދުވެރިވި ގޮތުން ދެކެމުން މިދަނީ ހިތްދަތި ދުވަސްތަކެކެކެވެ. ދުޢާއަކީ މާތް ﷲ، އަޅުގަނޑުމެންނަށް އަވަސް އަލިމަގެއް މިންވަރު ކޮށްދެއްވުމެވެ.

ތިލަދުން | Thiladhunޖުލައި 1 ގައި ސްކޫލްތައް ހުޅުވާލަނީކޯވިޑް-19ގެ ބަލިމަޑުކަން ނެތް ރަށްރަށުގައި އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހު ސްކޫލްތައް ހުޅުވަން ނިންމަވާފައިވާކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ބ...