ދުވާފަރު ޕްރައިމަރީ ސުކޫލުން އަމިއްލަ ޓީވީ ޗެނަލްއެއް ގާއިމްކޮށް ދަރިވަރުންނަށް ކިޔަވައިދޭން ފަށައިފިކަމަށް އެސުކޫލުން ބުނެފިއެވެ.
އެސުކޫލުން ބުނެފައިވަނީ ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެން، ކޭބަލް ޓީ.ވީ މެދުވެރިކޮށް ސްކޫލްގެ އަމިއްލަ ޗެނެލްއެއް ގާއިމްކުރެވި ދަރިވަރުންގެ ގޭގޭ ސިޓިންރޫމަށް ފިލާވަޅުތައް، ޓީ.ވީ މެދުވެރިކޮށް ގެނެސްދޭން ފެށިފައިވާކަމަށެވެ.
އެސުކޫލުން ބުނެފައިވަނީ މިއަދަކީ އެ ސްކޫލުގެ ތާރީޚުގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްލެވުނު ދުވަހެއްކަމަށާއި އެމަސައްކަތް ކާމިޔާބުކަމާއެކު ނިންމާލެވުނީ ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއި ގިނަގުނަ މަސައްކަތުންކަމަށެވެ.

އެގޮތުން މިމަސައްކަތް ކާމިޔާބުކަމާއި އެކު ނިންމާލުމަށް ދުވާފަރު ދާއިރާގެ އިއްޒަތްތެރި މެމްބަރު އަލްފާޟިލް އިސްމާއީލް އަހުމަދާއި، ސްކޫލުގެ ހީވާގި މުވައްޒަފުންނާއި، ލޮބުވެތި ދަރިވަރުންނާއި ބެލެނިވެރިން އަދި ރަށުގެ މުއައްސަސާތަކާއި، ކޭޓީވީގެ މެނޭޖުމަންޓާއި މުވައްޒަފުން ކޮށްދެއްވި ގިނަގުނަ މަސަކަތްތައް ފާހަގަ މި ހުރިހާ ފަރާތްތަކަށް އެސުކޫލުގެ ފަރާތުން ވަނީ ޝުކުރު ދަންނަވާފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެސުކޫލުން ޓީވީ ޗެނަލް ގާއިމް ކޮށްފައިވަނީ އެރަށުގައި ކޭބަލް ޓީވީގެ ޚިދުމަތް ދެމުން އަންނަ ފަރާތާއި ގުޅިގެން ސުކޫލުން ފޮނުވާ ކޮންޓެންޓުތައް ފެންނާނެ ގޮތަށެވެ. އެސުކޫލުން ކުރިއަށް ގެންދާ ކުލާސްތަކުގައި ޓީޗަރުންނާއި ކިޔަވައިދިނުމަށް ބޭނުންކުރާ ސްލައިޑްތައް އަދި ތަފްސީލްތައް ޓީވީ މެދުވެރިކޮން ފެންނަ ގޮތްވަނީ ހަދާފައެވެ.

މިކަން ފެށުމާއި އެކު ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއީލް އަހުމަދު ބުނެފައިވަނީ ދުވާފަރުގެ ތަޢުލީމީ ނިޒާމް ހަރުދަނާކޮށް ހިންގުމަށް އަތުކުރި އޮޅާލާއިގެން ތިއްބެވި އެންމެ ބޭފުޅުން ތިޔަކުރައްވާ ބުރަ އިޚްލާޞްތެރި މަސައްކަތައް ޝުކުރު އަދާކުރާކަމަށާއި ތިޔަބޭފުޅުންނާއި އެކު މިނިޒާމް ހަރުދަނާކުރުމަށް، ﷲގެ ވާގިފުޅާއިއެކު އަޅުގަނޑަށް މިލިބުނު ފަހި ފުރުސަތައް އުފާކޮށް ﷲއަށް ޙަމްދުކުރާކަމަށެވެ.
އަޅުގަނޑުމެން އެންމެން ގުޅިގެން އެކުގައި މިކުރާ މަސައްކަތްތަކުން ދުވާފަރު ރައްޔިތުން އެދޭފަދަ ފުރިހަމަ ތަޢުލީމީ ނިޒާމެއް އަޅުގަނޑުމެނަށް ކަށަވަރު ކުރެވޭނެ. އިންޝާ ﷲ
ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއީލް އަހުމަދު ބުނެފައިވެއެވެ.
މިޚިދުމަތާއި ގުޅިގެން އެރަށުން ވާހަކަ ދެއްކި ބެލެނިވެރިއަކު ބުނެފައިވަނީ މިކަމުގެސަބަބުން ހުއްޓިފައިވާ ކުލާސްތައް ކުރިއަށް ގެންދެވޭކަމީ އުފާކުރާ ކަމެއްކަމަށާއި މިކަން ކާމިޔާބުކަމާއި އެކު ކުރިއަށް ގެންދިއުމުގައި އެހީތެރިވި ހުރިހާ ފަރާތްތަކަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރާ ކަމަށެވެ.
ކޯވިޑް19 އާއި ގުޅިގެން ރާއްޖޭގެ ސުކޫލުތަކުގައި ކިޔަވައިދިނުން ހުއްޓާލާފައިވާއިރު ކަރުކާރުން އަންނަނީ އަމިއްލަ ޓީވީ ޗެނަލް ތައް މެދުވެރިކޮށް ޓެލެކިލާސްތައް ކުރިއަށް ގެންދަމުންނެވެ. ނަމަވެސް ޓެލެކިލާސްތައް ގެނެސްދެމުން އަންނަ ބަޔެއް ޗެނަލް ތަކަކީ އަތޮޅުތަކުގެ ގިނަ ރަށްރަށުން ނުފެންނަ ޗެނަލްތައްކަމަށް ބުނެ ބަޔެއްފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާހަގަ ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!