2020 ވަނަ އަހަރުގެ މިހާތަނަށް އައި އިރު، ދެ ހަނދުކޭތަ ހިފާފައިވާއިރު މި ހިނގާ މަހުގެ 21 ވާ އާދިއްތަ ދުވަހު، 2020 ވަނަ އަހަރުގެ ފުރަތަމަ އިރުކޭތަ ހިފާނެއެވެ.
މި އިރުކޭތަ އެންމެ ރީތިކޮން ފެންނަ ގައުމުތަކުގެ ތެރޭގައި އިންޑިޔާ ހިމެނެއެވެ. މިހާ ރީތިކޮން މީގެ އިރުކޭތައެއް ދެން އިންޑިޔާއަށް ފެންނާނީ 11 އަހަރު ފަހުން 2031 ވަނަ އަހަރުއެވެ. އިންޑިއާގެ ނިއުދިއްލީއަށް ހިފަން ފަށާނީ އެ ތާނގެ ގަޑިން 10:20 ގައެވެ. " ދަ ރިންގް އޮފް ފަޔަރ"ގެ ނަމުން ނަން ދީފައިވާ ި އިރު ކޭތަ އެންމެ ގިނަ އިރު ވަންދެން ފެންނަން ހުންނާނީ އިންޑިއާގެ ނިއުދިއްލީއަށެވެ. އެގޮތުން ކޭތައިގެ 92.95 އިންސައްތަ ފުރިހަމަ ވެފައިވާ ތަން އެ ސަރަހައްދުގައި ދިރިއުޅުއްވާ ފަރާތްތަކަށް ފެނިގންދާއިރު މި ކޭތަ ތިން ގަނޑި އިރާއި ނަވާވިސް މިނިޓްއަށް ނިއުދިއްލީއަށް ހިފާފައި ހުންނާނެއެވެ.
މީގެ އިތުރުން ޕާކިސްތާނުގެ ކަރާޗީއަށް އެތާނގެ ގަޑިން 09:26 ގައި ކޭތަ ހިފަން ފަށާއިރު، އޭޝިއާއި އެފްރިކާގެ ގިނަ ގައުމުތަކަށް މި އިރު ކޭތަ ފެނިގެންދާނެއެވެ. އަދި ޔޫރަޕްއާއި އޮސްޓްރޭލިއާގެ ބައެއް ހިސާބުތަކަށްވެސް މި އިރު ކޭތަ ފެންނާނެ ކަމަށް ފަލަކީ އިލްމުވެރިން ލަފާކުރެއެވެ.
ރާއްޖެއަށް މިއިރު ކޭތަ ފެންނާނީ ފަޅި އިރު ކޭތައެއް ގޮތުގައެވެ. މި ކޭތަ ރާއްޖެއަށް ހިފަން ފަށާނީ ރާއްޖޭގަޑިން ހެނދުނު 09:39 ގައެވެ. އެންމެބޮޑަށް ހިފާފައި ހުންނާނީ ހެނދުނު 10:51 ގައެވެ. ކޭތަވީއްލާނީ މެންދުރު 12:14 ގައެވެ. އެހެންކަމުން ރާއްޖެއަށް މި ކޭތަ ފެނިފައި ހުންނާނެ ދިގުމިނަކީ 2 ގަޑި އިރާއި 36 މިނެޓެވެ.
ހަނދު ދުނިޔެއާ އެންމެ ކައިރީގައި ހުންނަ މަންޒިލަށް ކިޔަނީ [ޕެރިޖީ] އެވެ. ހަނދު ދުނިޔެއާ އެންމެ ދުރުގައި ހުންނަ މަންޒިލަށް ކިޔަނީ [އެޕޮޖީ] އެވެ. ހަނދު އިރު އެއްކޮށް ފޮރުވާލުމުގެ ސަބަބުން އިރު ގެ ބޭރު ފަރާތް ފެންނާނީ އަލިފާނުގެ އަނގޮޓިއެއް ގެ ގޮތުގައެވެ. އެހެންކަމުން 21 ވަނަ ދުވަހުގައި ހިފާ މި އިރު ކޭތައަށް ސައިންވެރިން ދީފައިވާ ނަމަކީ "ދަ ރިންގް އޮފް ފަޔަރ" އެވެ.
އެނިޔުލާ ސޯލާ އެކްލިޕްސް" އަކަށްވާ މި އިރު ކޭތަ މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެނިގެންދާނެއެވެ. މިއީ މި 2020 ވަނަ އަހަރު ރާއްޖެއަށް ހިފާ ހަމައެކަނި އިރުކޭތައެވެ. މިކަހަލަ ކޭތައެއް މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 26 ވަނަ ދުވަހުވެސް ވަނީ ހިފާފައެވެ. ނަމަވެސް މި އިރުކޭތަ އެހާރީތިކޮން ރާއްޖެއަށް ފެނިފައެވެ ނުވެއެވެ. މީގެ އިތރުން 25 ފެބުރުއަރީ 2017 ވަނަދުވަހުވެސް ވަނީ މިކަހަލަ އިރުކޭތައެއް ހިފާފައެވެ. ނަމަވެސް މިކޭތަ ރާއްޖެއަށް ފެނިފައެއް ނުވެއެވެ.
އިރުކޭތަ ހިފާއިރު ހަމަ ލޮލުން ބެލުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއްނޫނެވެ. ކޭތަ ހިފާ ވަގުތު އިރުގެ އަލި ސީދާ ލޮލަށް އެޅިއްޖެނަމަ ލޮލަށް ގެއްލުންވާނެއެވެ.
ގޭގައި ހަދައިގެން ބޭނުންކުރާ ފިލްޓަރ ތައް ބޭނުން ކުރުމަކީ ވެސް ރައްކާތެރި ގޮތެއް ނޫނެވެ. އަދި ހަމަ އެއާއެކު އަނދިރި އަވި އައިނަކީވެސް އެހާ ބޮޑަށް ބޭނުން ހިފޭ އެއްޗަކަށް ނުވެއެވެ.
ފޮޓޯނެގުމަށްޓަކައި ކެމެރާއިން، ނުވަތަ ދުރުމީ ފަދަ އެއްޗަކުންވެސް ހަމަލޮލުން ބަލައިގެން ނުވާނެއެވެ. ހަމައެކަނި މިކަމަށް އެންމެ އެކަށޭނަ އެއްޗަކީ އިރުކޭތަ ބަލަން ޚާއްސަކޮށްގެން ހަދާފައި ހުންނަ ޚާއްސަ ސޯލާ ފިލްޓަރުތަކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!