11 އަހަރުގެ ކުޑަ ކުއްޖެއް ގެސްޓު ހައުސަކަށް ގެންގޮސް ރޭޕްކުރި މައްސަލައިގައި ހައްޔަރު ކުރެވުނު 38 އަހަރުގެ ފިރިހެން މީހާ ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓައިދިނުމަށް ކޯޓުގައި އެދުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ ކިބައިން ފުލުހުން އެދިއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން މިމީހާ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް އެދުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އަރިހުގައި އެދިވަޑައިގެންފައިވާނެ ކަމަށެއެވެ

Ad
rt

މީގެ އިތުރުން ޙަމީދު ވިދާޅުވެފައި ވަނީ މިއީ މިފަދައިން މިބާރު ބޭނުންކުރައްވައި ކޮމިޝަނާ އޮފް ޕޮލިސް މިފަދަ އަމުރެއް ހޯއްދެވުމަށް ޕްރޮސެކިއުޓާ ޖެނެރަލް އަރިހުން ފާއިތުވި 5 އަހަރު ތެރޭގައި އެދިވަޑައިގަންނަވާ ފުރަތަމަ ފަހަރުކަމަށެއެވެ.

ހަމީދުގެ ޓުވީޓުގައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 30 ވަނަ މާއްދާ ހިމަނުއްވާފައެވެ. މިޤާނޫނުގެ ފަސްވަނަ ބައި "ބަނދުގައި ބެހެއްޓުން" 30 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ މިޤާނޫނުގެ ދަށުން ކަނޑައަޅާފައިވާ ކުށެއް ކުރިކަމުގައި ތުހުމަތުކުރެވޭ ފަރާތަކާ މެދު ޚާއްޞަ އިޖުރާއާތުން ޢަމަލުކުރުމަށް ފުލުހުންނަށް ފެނިއްޖެ ހިނދެއްގައި މުއްތަހަމު ތަޙުޤީޤު މަރުހަލާއާއި ޝަރީޢަތުގެ މަރުހަލާ ނިމެންދެން ބަންދުގައި ބަހައްޓައިދިނުމުގެ އަމުރަކަށް އެދުމަށް ޕްރޮސެކިއުޓާ ޖެނެރަލް އަރިހުން ކޮމިޝަނަރ އޮފް ޕޮލިސަށް ދެންނެވިދާނެ ކަމުގައެވެ.

އިސްވެ ބަޔާންކުރި މާއްދާގެ (ށ)ގައި ބުނެފައިވަނީ އެފަދަ އަމުރެއް ހޯދުމަށް އެދިވަޑައިގެން ކޮމިޝަނާ އޮފް ޕޮލިސް ސިޓީއެއް ފޮނުއްވައިފިނަމަ، ބަލަންޖެހޭ ކަންކަމަށް ބެލުމަށްފަހު ވީހާވެސް އަވަހަކަށް އެއަމުރަށް ޕްރޮސެކިއުޓާ ޖެނެރަލް އެދިވަޑައިގަންނަވަން ވާނެ ކަމުގައެވެ.

ތަހުގީގު މަރުހަލާގައި ޝަރީއަތް ނިމެންދެން ބަންދު ކުރުމަކީ ވަރަށް މަދު ހާލަތެއްގައި ނޫނީ އަމަލު ކުރާ ކަމެއް ނޫނެވެ. ނަމަވެސް ބޮޑެތި ކުށްތަކުގެ ތުހުމަތުވާ މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަކީ ލާޒިމް ކަމެއް ކަމަށް މިފަހުން ހައިކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

11 އަހަރުގެ ކުއްޖަކަށް ގެސްޓު ހައުސް އެއްގައި ޖިންސީ ގޯނާ ކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މި މަހުގެ ދިހަވަނަ ދުވަހުއެވެ. މި ކުއްޖާއަށް ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ގުޅުންހުރި މުއައްސަސާތަކާއި ގުޅިގެން މަަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަނިޔާ ލިބުނު ކުއްޖާ މިހާރުވަނީ ރައްކާތެރި މާހައުލަކަށް ބަދަލުކުރެވިފައެވެ.

ފުލުހުން ގެންދަނީ ޚާއްސަ އިސްކަމެއް ދީގެން މި މައްސަލަ ތަހުގީގުކުރަމުންނެވެ.

.