މިހާރުވެސް ފެންނަމުން ދަނީ ޤާނޫނުގައި މޮނިޓަރިން ބޮޑީއެއްގެ ދައުރު އަދާކުރަން އޮންނަ ލޯކަލް ގަވަމެންޓް އޮތީރިޓީ (އެލްޖީއޭ) ގެ ތެރޭގައި ރަށްރަށުގެ ބަޖެޓުވެސް ތާށިވެފައިވާތަން ކަމަށާއި އެލްޖީއޭ ބޭނުންކުރަނީ ސަރުކާރުތަކުގެ "ހަންމުށްޓެއް"ގެ ގޮތުގައިކަމަށް އޮޑިޓިން ދާއިރާގެ ތަޖްރިބާކާރެއް ކަމުގައިވާ ނެޝަނަލް ޓެންޑާ ބޯޑުގެ ޗެއާމަން އަދި ކުރީގެ މަޝްހޫރު ފުޓްބޯޅަކުޅުންތެރިޔާ އިސްމާޢީލް ޒަރިޔަންދު ސިފަކުރައްވައިފިއެވެ.

ޒަރިޔަންދު މިހެން ވިދާޅުވީ "އަލިރަންމުތް" ފޭސްބުކް ޕޭޖުން ލައިވްކުރި ދެމެހެއްޓެނިވި ލާމަރުކަޒީ ނިޒާމާ ގުޅޭ ޕެނަލް ޑިސްކަޝަނެއްގައެވެ.

Ad
rt

ޕެނަލް ޑިސްކަޝަންގައި އިތުރަށް ޒަރިޔަންދު ވިދާޅުވީ އެލްޖީއޭއިން ޑޮކްޓަރ ޝުކުރީ ވަކިވެވަޑައިގެންނެވި ފަހުން މުޅި އެލްޖީއޭ ވަނީ ސިޔާސީ ވެފައިކަމަށެވެ.

އެތަނުގައި އޮންނަނީ އެވަގުތު ވެރިކަމުގައި އޮންނަ ބައެއްގެ ރެޕެރެޒެންޓޭޝަން، އެހެންކަމުން އެލްޖިއޭ ހިނގަމުން އަންނަނީ ލާމަރުކަޒީ ނިޒާމުގެ ކުރިން އަތޮޅުތައް ހިންގަވަމުން ގެންދެވި އެޓޯލް މިނިސްޓްރީ ގޮތަށް

މުޙައްމަދު ނަޒީފް މޮޑަރޭޑްކުރެއްވި ޕެނަލް ޑިސްކަޝަނެއްގައި ޒަރިޔަންދު ވިދާޅުވިއެވެ.

ޒަރިޔަންދު ވަނީ އެލްޖީއޭ އުފެދިފައިވާގޮތަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހިނގާ ގޮތް ބެލުމަށް އޮންނަ މޮނިޓަރިން ބޮޑީއަކީ ފުލްޓައިމް ތަނަކަށް ހަދަންޖެހޭ ކަމަށެވެ. އެލްޖީއޭގެ ރައީސަކަށް ހުންނަވަނީ ފުލުހުންގެ ކަންތަކާއި އަދި ޖަލުތަކުގެ ކަންކަންވެސް ބަލަހައްޓަންޖެހޭ ވަޒީރުކަން ފާހަގަ ކުރެއްވިއެވެ. ޗީފް އެގެޒެކެޓިވް އަކަށް އައްޔަން ކުރައްވާ ބޭފުޅަކީ މޮޅު ބޭފުޅަކަށް ވިއަސް ސިޔާސީ ކުލަ ޖެހިއްޖެއްޔާ އެކި ކަހަލަ ކުލަވަރު ހުންނަ ރައްޔިތުންގެ ރުހުން އެމީހަކާ ވަރަށް ދުރުވާނެކަމަށް ޒަރިޔަންދުގެ ވާހަކަައިގައި ފާހަގަ ކުރެއްވިއެވެ.

ޤާނުނޫއަސާސީގެ 232 ވަނަ މާއްދާއާ ހަވާލާ ދެއްވައި ޒަރިޔަންދު ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހިންގަން ޖެހެނީ ދިމިކްރާތީ އަދި ޖަވާބުދާރީކުރެވޭނެ ގޮތަށް ކަމަށެވެ. ބޭނުންވާނެ ފައިސާއާއި ވަޞީލަތްތައް ލިބެން ޖެހޭނެ ކަމަށާއި ރައްޔިތުން ނާށިގަނޑު ހިފައިގެން ސަލާން ޖަހަން ނުޖެހޭ ނިޒާމެއް އޮންނަން ޖެހޭކަމަށެވެ.

ލާމަރުކަޒީ ނިޒާމަށް 10 އަހަރު ވެގެން ދިޔައިރުވެސް އެނިޒާމު ހިންގާނެ ހަރުދަނާ އިދާރީ އޮނިގަނޑެއް އެކުލަވާ ލެވިފައި ނެތް، ކޮންމެ ކަމެއްގައި އެލްޖީއޭއާ ހަމައަށް ދާން ޖެހެނީ އެފަދަ އޮނިގަނޑެއް ނެތުމުން، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ފުރިހަމަ އެޑްމިނިސްޓްރޭޓިވް ފައިނޭންޝަލް މެނުއަލެއް ނެތި ކުރިއަށްއޮތް ހަތަރު އަހަރު ތެރޭގައި ވެސް ޤާނޫނު ތަންފީޒު ކުރެއްވޭނެ ކަމަށް ނުބެލެވޭ. ކައުންސިލްތައް ރަނގަޅަށް ހިނގާނީ އެލްޖީއޭއިން ކައުންސިލްތައް ހިންގުމަށް އެފަދަ މެނުއަލެއް އެކުލަވައިލައި ދެއްކުމުން

ޒަރިޔަންދުގެ ވާހަކައިގައި ފާހަގަ ކުރިއެވެ.

ލާމާރުކަޒީ ނިޒާމާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ޒަރިޔަންދު ވިދާޅުވެފައިވަނީ މިހާރު އޮތް ލާމާރުކަޒީ ނިޒާމު ބޭރުފުށުން ރީތިކޮށް ފެނުނަސް އެތެރެއިން އަދިވެސް އޮތީ ނާށިގަނޑު ހިފައިގެން ސަލާން ޖަހާ އުސޫލު ކަމަށެވެ.

ތަރައްޤީގެ ނެޝަނަލް ޕްލޭން އެކުލަވާލަން ޖެހޭނީ ރަށްރަށުގެ ރައްޔިތުން އެކުލަވާލާ ތަރައްޤީގެ ޕޭލޭންތަކުގެ މައްޗަށް ކަމަށާއި ލާމަރުކަޒީ ނިޒާމު ވުޖޫދުކުރި ޤާނޫނުގެ 101 ވަނަ މާއްދާގައި އޮތް ކަމަށެވެ. ނަމަވެސް ޤާނޫނަށް އެތައް އިޞްލާހެއް ގެނެވުނުއިރު އެވާހަކަތައްވެސް ވަނީ އުވިގޮސްފައި ކަމަށެވެ.

ފުރަތަމަ އައި އިރު ޤާނޫނުގައި އޮތްގޮތަށް ޢަމަލެއް ނުކުރޭ. މޮހޮނަށް އޮޑިދިން ހެން އޮތް ޤާނޫނަކަށްވީ. އިންޖީނެއްގެ އެތެރޭގެ ބައެއް ނަޓުތައް ނައްޓާލައިފައި ރާވައިފައިވާ އިންޖީނެއްގެ ގޮތުގައި، ލާމަރުކަޒީ ޤާނޫނަށް އަށް އިޞްލާޙު ގެނެސްފައިވާއިރުވެސް އެއިޞްލާހުތައް ގެނެވިފައިވަނީ މަޤާމަށް ލާނެ މީހާ ނިންމުމަށް

މިހާރު އޮތް ލާމަރުކަޒީ ޤާނޫނު ސިފަކުރައްވަމުން ޒަރިޔަންދު ވިދާޅުވިއެވެ. ރައްޔިތުމީހާ އަށް މާބޮޑު ފައިދާއެއްވާ ގޮތަށް އެޤާނޫނަށް އިޞްލާހެއް ގެނެވިފައިވާ ކަމަކަށް ޒަރިޔަންދު ދެކެވަޑައެއްނުގަނެއެވެ. މާލިއްޔާއިން މުސާރަ ލިބޭ ބައެއް ކަނޑައެޅުމަކީ ތަރައްޤީއެއް ނޫން ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ.