ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް-19 އެންމެ ގިނައިން ޖެހުނު މީހުން ނިސްބަތްވާ ޤައުމުތަކުގެ ލިސްޓުގެ 4 ވަނަ އަށް އަވަށްޓެރި އިންޑިއާ އަރައިފިއެވެ.
އިއްޔެވެސް އަލަށް 11320 މީހުން ޕޮޒިޓިވް ވެފައިވާ އިންޑިއާގައި އެބަލި ޖެހޭމީހުންނާއިމެދު އަމަލު ކުރަމުންދާ ގޮތާއިމެދު ނުރުހުންވެ އެ ޤައުމުގެ ސްޕްރީމް ކޯޓުން ވަނީ އިންޑިއާގެ ސަރަހައްދީ ސަރުކާރުތަކަށާއި، މައި ސަރުކާރަށް އިންޒާރުގެ ނޯޓިސް ފޮނުވާފައެވެ.
އެއް ހާދިސާއެއްގައި މަރުވެފައިވާ މީހެއްގެ ހަށިގަނޑު ފެނުނީ ކުނިލޮރީއެއްގެ ތެރެއިން ކަމަށާއި، ބަލިމީހުންތައް މަރުވަމުން ދާއިރު އެމީހުންނަށް އެހީތެރިވާނެ މީހަކުވެސް ނުހުންނަ ކަމަށް ސްޕްރީމް ކޯޓުން ވަނީ ބުނެފައެވެ.
ކޯވިޑް-19 ބަލިޖެހޭ މީހުންނާމެދު އެ ޤައުމުގެ އިދާރާތަކުން އަމަލުކުރަނީ ޖަނަވާރުންނާމެދު ކަންތައްކުރާ ވަރަށް ވުރެންވެސް ދަށު ދަރަޖައިގައި ކަމަށްވެސް އިންޑިއާގެ ސްޕްރީމް ކޯޓުން ވަނީ ބުނެފައެވެ.
ސްޕްރީމް ކޯޓުން މިމޭރުމުން އެ ޤައުމުން ރައްޔިތުންނާއި މެދު އިހުމާލުވަމުން ދާކަމަށް ބުނެ ނުރުހުން ފާޅުކޮށްފައިވާއިރު އެ ޤައުމުގެ ބަލްރާމްޕޫރުގެ ސަރުކާރު އޮފީހެއްގެ ކުރިމައްޗަށް މަރުވެގެން ވެއްޓުނު އުމުރުން 42 އަހަރުގެ މުހަންމަދު އަންވަރު ނަމަކަށްކިޔާ މުސްލިމަކާއިމެދު އަމަލުކުރި އިހާނެތި ގޮތް މީސްމީޑިއާގައި ވަނީ ވައިރަލްވެފައެވެ.
އެމީހާ މަރުވެގެން ވެއްޓުމުން އެތަނުގައި ތިބި މީހުން އޭނާގެ ހަށިގަނޑު ނަގައި ކުނިލޮރީއެއްގެ ތެރެއަށް އެއްލައިލި އިރު، ފުލުހުން ކައިރީގައި ބަލަންވެސް ތިއްބެވެ.
މީޑިއާއަށް ތިލަވަނީ މިފަދަ މަދު ހާދިސާތަކެއް ކަމަށްވީއިރު، އެ ޤައުމުގައި މިބަލީގެ ހާލަތު ދަނީ އިތުރަށް ގޯސްވަމުންނެވެ. އެ ޤައުމުގައި ބަލިޖެހޭ މީހުން ގިނަވެ، ހޮސްޕިޓަލްތައް ފުރި ބަންޑުންވަމުންދާ ކަމަށް މީޑިއާއިން ރިޕޯޓް ކޮށްފައި ވެއެވެ.
އިންޑިއާ އެންމެ ގިނައިން ބަލިޖެހުނު މީހުންގެ ލިސްޓްގެ 4 ވަނައަށް އެރިއިރު ކުރިން ހަލުވި ކަމާއިއެކު މިބަލި ފެތުރުނު އިނގިރޭސި ވިލާތް އޮތީ އިންޑިއާގެ ފަހަތުން 5 ވަނާގައިއެވެ. ސްޕެއިން 6 ވަނައަށް ވެއްޓިފައިވާއިރު 7 ވަނާގައި އޮތީ އިޓަލީއެވެ.
އަދިވެސް އެންމެ ގިނަ މީހުންނަށް މިބަލި ޖެހިފައި ވަނީ 2,116,922 މީހުން ޕޮޒިޓިވް ވެފައިވާ އެމެރިކާއެވެ. 829,902 މީހުން ޕޮޒިޓިވް ވެފައިވާ ބްރެޒިލް މިލިސްޓްގެ ދެވަނައަށް އެރި އިރު، ތިން ވަނާގައި އޮތީ 511,423 މީހުން ޕޮޒިޓިވް ވެފައިވާ ރަޝިޔާއެވެ.
މިލިސްޓުގެ 4 ވަނާގައި އޮތް އިންޑިއާގެ 309,603 މީހުންނަށް މިބަލި ޖެހިފައިވާއިރު އެ ޤައުމުން މަރުވީ 8,890 މީހުންނެވެ. އެ ޤައުމުން ވަނީ 154,231 މީހުން މިބަލިން ފަސޭހަވެފައެވެ.
މުޅިދުނިޔޭން މިހާތަނަށް މިބަލި ޖެހުނު މީހުންގެ ޢަދަދަކީ 7,731,673 އެވެ. ދުނިޔޭން މިހާތަނަށް 428,210 މީހުން މަރުވެފައިވާއިރު، 3,925,273 މީހުން ވަނީ މިބަލިން ފަސޭހަވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!