ފެނަކަ ބިލް-ޕޭ އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންގެ ބިލްތަކަށް ފަސޭހަކަމާއެކު ފައިސާދެއްކުމުގެ އިންތިޒާމް ހަމަޖެހިއްޖެކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

ފެނަކަ ކޯޕަރޭޝަންއިން ވަނީ އެކުންފުނީގެ ކަސްޓަމަރުންނަށް ފަސޭހަކަމާއިއެކު ބިލްދެއްކޭނެ އިންތިޒާމް ހަމަޖެއްސުމަށް އެކުންފުނީގެ ކަސްޓަމަރުންގެ ތެރެއިން އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކަށް ފެނަކަ ބިލް ޕޭ-އެޕް ޑައުންލޯޑްކުރެއްވުމަށް އެދިލައްވާފައެވެ.

Ad
rt

ބިލްތަކަށް ފައިސާ ދެއްކުމުގެ އިތުރުން ޚިދުމަތްތައް ބޭނުންކުރެވޭ މިންވަރު އަމިއްލަފުޅަށް ބައްލަވާލެއްވުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިވަޑައިގަންނަވާނެކަމަށް އެކުންފުނިން ހާމަކުރެއެވެ.

ކޯވިޑް19 އާއި ގުޅިގެން ސަރުކާރުން އަދި ކުންފުނިތަކުން އަންނަނީ އޮންލައިންކޮށް ވީހާވެސް ގިނަ ޚިދުމަތްތަކެއް ދިނުމަށް ބާރުއަޅަމުންނެވެ.

މި އެޕްލިކޭޝަން މިވަގުތު ބޭނުންކުރެވޭނީ އެންޑްރޮއިޑް ފޯނުތަކަށް އެކަންޏެވެ. ނަމަވެސް ކުރިއަށްއޮތް 2 ހަފްތާއެއްހާ ދުވަހުގެތެރޭގައި އައިއޯއެސް ފޯންތަކަށްވެސް އެޕް ތައާރަފްކުރާނެކަމަށް ފެނަކައިން ބުނެއެވެ.

އޮންލައިންކޮށް ބިލް ދެއްކޭނީ ބީ.އެމް.އެލްގެ ކަސްޓަމަރުންނަށެވެ. ފެނަކައިން ބުނެފައި ވަނީ އެހެން ބޭންކްތަކުގެ ޚިދުމަތްތައް ބޭނުންކުރާ މީހުންނަށްވެސް ފެނަކަ ބިލްޕޭ އެޕްލިކޭޝަނުން ފައިސާ ދެއްކޭނެ އިންތިޒާމްތައް ހަމަޖައްސަމުންދާކަމަށެވެ.

އަދި ބިލްގައިވާ ސަބްސްކްރިޕްޝަން ނަންބަރު ބޭނުކޮށްގެން އޮންލައިން ޚިދުމަތަށް ރަޖިސްޓްރީ ވެވޭނެ ކަމަށާއި މިގޮތަށް ރެޖިސްޓްރީވުމުން އެ މީޓަރެއްގެ ހުރިހާ ބިލްތައް އެޕް މެދުވެރިކޮށް ބަައި ލެވޭނެ ކަމުގައިވެސް އެކުންފުނިން ބުނެފައިވެއެވެ. ފެނަކައިން ބުނެފައިވަނީ އެއް ފޯނަކުން ގިނަ މީޓަރުތައްވެސް އެޑްކޮށް ބިލްދައްކައި ޚިދުމަތް ހޯދޭނެކަމަށެވެ. އަދި ހުރިހާ ބިލްތައް އެއްކޮށް ދެއްކުމުގެ ބަދަލުގައި ބިލްތަކަށް ވަކިވަކިންވެސް ފައިސާ ދެއްކޭނެކަމަށް އެކުންފުނިން ބުނެފައިވެއެވެ.

އެޕްގައި ދާއިމީކޮށް ރެޖިސްޓަރީނުވެވެސް، އެޕް އެމްދުވެރިކޮށް ބިލް ދެއްކޭނެއެވެ. ނަމަވެސް މީޓަރުގެ ކުރީގެ ބިލްތަކާއި، ޕޭމަންޓް ހިސްޓްރީ ފެންނާނީ އެޕްމެދުވެރިކޮށް ރެޖިސްޓަރވެގެން ޚިދުމަތްހޯދާ ކަސްޓަމަރުންނަށް ކަމުގައިވެސް ފެނަކައިން ބުނެއެވެ.

އެޕްލިކޭޝަންގެ ޚިދުމަތް ފެނާއި ކަރަންޓު ބިލް ދެއްކުމަށްވެސް ބޭނުންކުރެވޭނެއެވެ. މި އެޕާއިއެކު ފެނަކައިން ޚިދުމަތްދޭ ހުރިހާ ރަށްރަށުގެ ކަސްޓަމަރުންނަށް ފަސޭހަކަމާއިއެކު ޚިދުމަތް ހޯދޭނެއެވެ. އެ ކުންފުނިން ބުނެފައި ވަނީ އެޕް މެދުވެރިކޮށް އިތުރު ޚިދުމަތްތައް ލިބޭނެ އިންތިޒާމްތައްވެސް ހަމަޖައްސަމުން ގެންދާ ކަމަށެވެ.

ފަހަކަށް އައިސް ފެނަކަ ކޯޕަރޭޝަން އިންދަނީ ކަސްޓަމަރުންނަށް ފަސޭހަކޮށްދިނުމަށް ގިނަ ޚިދުމަތްތަކެއް ތަޢާރަފްކުރަމުންނެވެ.