ކޯވިޑް19 ގެ ބަލިމަޑުކަމުގެ ބިރު ރާއްޖޭގެ ރައްޔިތުންނާއި ހިސާބަށް ފޯރުމާއިއެކު، އެ ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން ސަރުކާރުން ރާއްޖޭގައި ފުރަބަންދު އިއުލާންކުރިއެވެ.
އެހާ ހިސާބުން ވަޒީފާ ތަކުގައި އުޅޭ ފަރާތްތަކުގެ މަސައްކަތްތައް ގޭގައި ކުރާ ގޮތައް ބަދަލު ކުރެވުނެވެ. ތަޢުލީމް ހާސިލް ކުރަމުން ދިޔަ ކުދިންގެ ކިޔެވުން ދުވަސްކޮޅަކަށް މަދުޖެހިލުމަށްފަހު އެކަންވެސް ގޭގައި ތިބެ އޮންލައިންކޮށް ކުރެވޭނެ ގޮތް ފަހިވެގެން ދިޔައެވެ. މިއާއި އެކު އާއިލާގެ އެންމެން އެއްތަންވެ އެކުގައި ދުވަސްތައް ހޭދަކޮށްލާން ވަގުތު ލިބިގެން ދިޔަވެސް މެއެވެ.
މި ލިޔުމުގައި އަޅުގަނޑު ބަލާލަން ބޭނުންވަނީ މިގޮތައް ގޭގައި ތިބެ ކުރެވިދާނެ ވަރަށް މުހިންމު ކަމެއްގެ މައްޗަށެވެ. މި ލިޔުން ކިޔާލުމުގެ ކުރިން، ލިޔުމުގެ ހެޑްލައިންގައިވާހެން ގޭގައި ތިބެ ފޫހިވާނަމަ ގަސްއިންދުމަކީ ހަމަ ވަރަށްވެސް ސަޅި އެކަމުން ހިތްތަކަށް ހިތްހަމަޖެހުން ލިބިގެންދާ ކަމެކެވެ. އަދި މީ ދުނިޔޭގެ އަތައް ހާސް ބަޔަކު އިއްތިފާގު ވާ ކަމެކެވެ.
ގަސް އިންދުމަކީ ރާއްޖޭގެ އެންމެ އާންމު އެއް ބަލި ކަމަށްވާ ޑިޕްރެޝަންއަށް އޮތް ފަރުވާއެއް ކަމަށް ނަފުސާނީ އިލްމުވެރިން ވިދާޅުވެއެވެ. އެގޮތުން ތަފާތު އެކި ކުލަކުލައިގެ މާމެލާ މެލި ގޭގެ ގޯތީގައި ހެއްދުމަކީ އޭގެ ސަބަބުން ސާފު ވައި ލިބުމަށާއި ހިތަށް ހިތްހަމަޖެހުން ލިބިދޭ ކަމެކެވެ. ވަކިން ހާއްސަކޮށް ގޭތެރޭގައި ރީތިކޮށް ގަސް އިންދާފައި ހުރުމުން ހިތަށް ލިބޭ ހަމަޖެހުމާއި އެއްވަރަށް ކާހިތްވުމާއި، ނިދަން ފަސޭހަވުމަކީ ކުޑަކުދިންނަށާއި އުމުރުން ދުވަސްވީ މީހުންނަށް އޭގެ ސަބަބުން އެތަށް ފައިދާތަކެއް ލިއްބައިދޭ ކަމެކެވެ.
ވަޒީފާގެ ބުރަ މާހައުލުގައި އުޅުމަށްފަހު ގޭގައި ހޭދަކޮށްލަން ލިބޭ މަދު ދުވަސްކޮޅު ތެރޭ މިފަދަ އާދައިގެ ކުޑަ ކަމަކުންވެސް ހިތަށް ހަމަޖެހުން ހޯދައިލުމަކީ މުހިންމު ކަމެކެވެ.
މީގެ އިތުރުގައި މި ފުރަބަންދުގައި މީހާ އިތުރަށް ފަލަ ވުމަށްމަގު ފަހިކޮށްދޭއިރު ގަސް އިންދުމަކީ މިކަމަށްވެސް އޮތް ހައްލެކެވެ. ސަބަބަކީ ގަސް އިންދުމަކީ ލުއި މަސައްކަތެކޭ ނުބުނެވޭނެ ތީއެވެ. ހާއްސަކޮށް ގޭތެރޭގައި ގަސް އިންދާނަމަ އެއީ ވަރަށް ބުރަ މަސައްކަތެކެވެ. ސަބަބަކީ ކޮންމެ ދުވަހަކު ގަސްތަކަށް ފެންދިނުމާއި، އަވިދޭ ތަންތަނަށް ގަސްތައް އުފުލުމާއި ފާޓިލައިޒް ކުރުމަކީ ކުޑަ ކަމަކަށް ނުވާތީ އެވެ. އެގޮތުން އެ ބުރަ މަސައްކަތުގައި އުޅޭ އިރު، ހަށިގަނޑުގައި ހުންނަ ސަރުބީތައް ނުވިރެންވީ ސަބަބެއް ނެތެވެ.
އެހެންކަމުން ގޭގައި ތިހެން ފޫހިވެ ނުތިބެ ކުޑަމިނުން ގަހެއް އިންދޭތޯ ބަލާށެވެ. ކިތަންމެ ކުޑަ ގަހަކުންވެސް ތިބާ ހީނުކުރާފަދަ އެތަށް ފައިދާތަކެއް ލިބިގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!