ރާއްޖެ އެތެރެ ކުރާ ކޮންމެ ސިނގިރޭޓަކުން މިހާރު ނަގަމުން އަންނަ 2 ރުފިޔާއަށް 1 ރުފިޔާ އިތުރުކޮށް ޖުމްލަ 3 ރުފިޔާ ސިނގިރޭޓަކުން ނެގުމަށް އަދި ބިޑިން ޑިއުޓީ ނަގަން ފެށުމަށް އިމްޕޯޓް އެކްސްޕޯޓް ގާނޫނަސް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅައިފި އެވެ.
ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވި އިރު އިމްޕޯޓު ޑިއުޓީ އާއި ކަސްޓަމްސް ފީ އަށް ގެންނަ ބަދަލުގެ ތެރެއިން ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރަން މިއަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުގައި ވެސް ވަނީ ހިމަނައިފަ އެވެ.
ސިނގިރޭޓުން ޑިއުޓީގެ ގޮތުގައި މިހާރު 25 ޕަސެންޓު ނަގަމުން އަންނަ އިރު، ސިނގިރޭޓަކަށް ނަގަމުން އައީ ދެ ރުފިޔާ އެވެ. ނަމަވެސް ސިނގިރޭޓަކަށް ނަގާ ޑިއުޓީ ތިން ރުފިޔާއަށް ބޮޑުކުރުން ވިޝާމް ހުށަހެޅުއްވި ބިލުގައި ވަނީ ހިމަނައިފަ އެވެ.ހަމައެއާއެކު ސިނގިރޭޓާއި ބިޑި ހެދުމަށް ބޭނުންކުރާ ކަރުދާހުން 200 ޕަސެންޓު ޑިއުޓީ ނަގަން ވެސް ބިލުގައި ވަނީ ހިމަނައިފަ އެވެ.
ސިނގިރޭޓާއި ބިޑި ފިޔަވައި ދުންފަތާއި ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި، ދުންފަތުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތަކުން ޑިއުޓީގެ ގޮތުގައި ނަގަނީ 200 ޕަސެންޓެވެ.
2020 ވަނަ އަހަރުގެ ސަރުކާރުން ހުށަހަޅާފައިވާ 37.5 ބިލިއަން ރުފިޔާގެ ބަޖެޓުގައި ކަސްޓަމްސް ފީތަކާއި އިމްޕޯޓް ޑިއުޓީ އަށް ގެންނަ ބަދަލުން 558 މިލިއަން ރުފިޔާ ދައުލަތަށް ލިބިގެންދާނެ ކަމަށް ލަފާކޮށްފައި ވާއިރު މި ބަޖެޓުގައި ބުނެފައި ވާގޮތުން އިމްޕޯޓު ޑިއުޓީގެ ގޮތުގައި 2020 ވަނަ އަހަރު 3.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެވެއެވެ.
އެންމެ ފަހުން ސިންގިރޭޓުން ނަގައި ޑިޔުޓީ ބޮޑުކޮށްފައި ވަނީ މީގެ ދެ އަހަރު ކުރިން 2017 ވަނަ އަހަރު އެވެ. އެ ބަދަލާ އެކު ސިނގިރޭޓުގެ އަގު ވަނީ އުފުލިފައެވެ. ސިނގިރޭޓް ވިއްކޭ އެންމެ މަދު މިންވަރަކީ މަދުވެގެން 20 ސިނގިރޭޓް ހިމެނޭ ފޮށްޓެއް ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ނިންމައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!