އިދިކޮޅު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމް ޕީއެންސީގެ މެމްބަރުން މަޖިލީހަށް ވަޑައިގަތުމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިއަދު އެދިވަޑައިގެންފިއެވެ.

ނަޝީދު މިހެން ވިދާޅުވީ އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީއިން މަޖިލީހުގެ ޖަލްސާ ބޮއިކޮޓް ކޮށްފައިވާތީ އެކަމާ ގުޅިގެން ވާހަކަފުޅު ދައްކަވަމުންނެވެ

Ad
rt

ނަޝީދު އިތުރަށް ވިދާޅުވީ މަޖިލީހުގެ ޖަލްސާ ހިންގަން އެމަނިކުފާނު އެދިވަޑައިގަންނަވަނީ ބައިމަދު ޕާޓީތަކާވެސް އެކުގައި ކަމަށާއި އެ ޕާޓީތަކަށް ހުރިހާ ހައްގުތަކަކާއި އިހުތިޔާރުތަކަކާއި ބާރުތަކެއްވެސް ލިބިދޭ ނިޒާމެއްގައި މަޖިލިސް ހިންގަން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި އޮތް ސިޔާސީ ނިޒާމަކީ ހުރިހާ ސިޔާސީ ޕާޓީއެއް އެކުލެވޭގޮތަށް އޮތް ނިޒާމެއް ކަމަށާއި އެހެންވެ އެގޮތަށް ނިޒާމު ހިންގުމަށް ނިކަމެތިވާން ޖެހިއްޖެއްޔާ ނިކަމެތިވެސް ވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މައިނޯރިޓީ ޕާޓީއަކުން އެދޭ ކަންކަން ހުންނާނެ ކަމަށާއި އެއީ މެޖޯރިޓީ ޕާޓީއާ ވާހަކަ ދައްކައިގެން ހައްލުކުރަން މަސައްކަތް ކުރަން ޖެހޭ ކަންކަން ކަމަށް ވިދާޅުވި އިރު އިއްޔެ ނަޝީދު ވިދާޅުވެފައި ވަނީ އިދިކޮޅު ފަރާތްތައް މަޖިލީހުގައި ނެތަސް އެކަން އިހުސާސް ނުވާ ކަމަށެވެ.
ޕީޕީއެމް ޕީއެންސީއިން މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓްކޮށްފައި ވަނީ ގާނޫނުއަސާސީ އިސްލާހު ކުރަން ބޭއްވި މަޖިލީހުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ ނަން އިއްވުމުން މަޖިލީހުގެ އެމްޑީޕީ މެމްބަރުން އޭނާއަށް އަނިޔާކޮށް ތަޅުމުން ނެރެފައިވާ މައްސަލައާއި ގުޅިގެންނެވެ. މިމައްސަލަ ވަނީ ފުލުހަށްވެސް އިދިކޮޅުން ހުށައަޅާފައެވެ.