ނ. މާޅެންދޫގައި އަންހެނަކަށް ހަމަލާދީ މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފިކަމަށް ފުލުހުން ބުނެފިއެވެ.

މިމައްސަލާއާއި ގުޅިގެން ފުލުހުން ބުނެފައިވަނީ މިއަދު ހެނދުނު 6:45 ހާއިރު ނ. މާޅެންދޫ ވަލުތެރޭގައި 39 އަހަރުގެ އަންހެނަކު ހުއްޓާ 50 އަހަރުގެ ފިރިހެނަކު އައިސް އޭނާއަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލަ އެއް ރިޕޯޓު ކޮށްފައިވާކަމަށެވެ.

Ad
rt

މިމައްސަލަ އާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު 18:05 ގައި ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކުރެވިފައިވާކަމަށާއި މި މައްސަލަ ނ. މަނަދޫ ޕޮލިސްއިން ތަޙްޤީޤު ކުރަމުންދާކަމަށް ފުލުހުން ވަނީ "ތިލަދުން" އަށް މަޢުލޫމާތު ދީފައެވެ.

މިމައްސަލައާއި ގުޅިގެން އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނެފައިވަނީ މިހަމަލާއަކީ ގަސްތުގައި މަރާލަން ދީފައިވާ ހަމަލާއެއްކަމަށް ބެލެވޭކަމަށެވެ. އާއިލާއިން ބުނީ ހަމަލާދީފައިވަނީ ފަތިހުގެ ވަގުތެއްގައި އެގެއާއި އިންވެގެން ހުރި ކުއްޅަވަށްފަލަށް ދިޔަ ވަގުތެއްގައި ކަމަށެވެ.

އެމީހާ ކަރުގައި ހިފުމުގެ ސަބަބުން ކަރު ވަރަށް ބޮޑަށް ދުޅަވެ، އަނގައިގައި ލެއިގެ އަސަރު ހުރި. ހަމަލާ ދިނުމުން އަންހެން މީހާގެ ހަބަރު ހުސްވެއެތަނަށް ވަނީ ވެއްޓިފައި. އާއިލާގެ މީހުންނަށް އަންހެންމީހާ ހަޅޭއްލަވާ އަޑު އިވިގެން އެތަނަށް ދެވުން އިރު ވެއްޓިފައިވަނީ. ހަމަލާ ދިނުމުގެ ސަބަބުން ގައިގާ ވަރަށް ބޮޑަށް ކިލާ ހުރި. ފައިގެ ތަންތަން މަށައިގެންގޮސްފައިވަނީ

އާއިލާއިން ބުނެފައިވެއެވެ.

އާއިލާއިން ވާހަކަ ދެއްކި މީހާ ބުނެފައިވަނީ މިމީހާގެ ފަރާތުން އެތައްފަހަރަކު ހަމަލާ ލިބިފައިވާކަމަށެވެ. އެގޮތުން މީގެ ކުރިންވެސް ވަލު ތެރޭގައި ކަތިވަޅިޔެއް ހިފައިގެން އަންހެން މީހާގެ ފަހަތުން ދުވަނިކޮން މީހަކަށް ފެނުމުން އެމީހާ ފިލާފައިވާކަމަށް ބުނެފައިވެއެވެ. މީގެ އަހަރެއް ކުރިންވެސް ކުއްޅަވަށް ފަލުގައި އަނދަވަޅެއް ހަދާފައިވާކަމަށް އާއިލާއިން ބުނެއެވެ. އަނދަވަޅަށް ވެއްޓިފައިވަނީ އެ އަންހެން މީހާއާއި އެކު އެދުވަހު ދިޔަ މީހެކެވެ. އެ އަނދަވަޅުގައި 6 އިންޗި މޮހޮރު ޖަހާފައިހުރި ފިލަޔެއް އޮތުމުން އެމީހާގެ ފަޔަށް އެމޮހޮރުތައް ވަނީ ހެރިފައެވެ. އެކަމުގެ ސަބަބުން އެމީހާ އުޅެނީ އަދިވެސް ބަލިވެކަމަށް ބުނެއެވެ.

މީގެ އިތުރުން ވެސް އެ ފިރިހެން މީހާ އެގޭ ފެންތާންގީއަށް ކުޑަކަމު ގޮސްފައިވާ ކަމަށާއި އަދި ތާންގީއަށް ކެމިކަލް ފާޑު އެއްޗެއް ދެފަހަރެއްގެ މަތިން އަޅާފައި ވާކަމަށް ބުނެއެވެ. މިކޮންމެ ފަހަރަކުވެސް މިމައްސަލަތައް ފުލުހުންނަށް ހުށައަޅާފައިވާކަމަށާއި ނަމަވެސް ސާބިތު ނުވުމުން ދޫކޮށްލާކަމަށް އާއިލައިން ބުނެއެވެ.

ހަމަލާ ދީފައިވާ ފިރިހެން މީހާ އަބަދުވެސް މިއަންހެން މީހާއަށް ފާރަލާކަމަށް އާއިލާއިން ވަނީ ތުހުމަތުކޮށްފައެވެ. ވަރަށް ގިނައިން ވަލުތެރޭގައި ފިލާ ހުންނަ ކަމަށާއި ގެކައިރީ އަންހެން މީހާއަށް ފާރަލާން އުޅޭކަމަށް ބުނެއެވެ. މިކަމާހެދި އަންހެން މީހާ އެކަނި ބޭރަށް ނުދާކަމަށް ބުނެއެވެ. މިހާރު އެ އަންހެން މީހާ އެރަށު ސިއްޙީމަރުކަޒުން ފަރުވާ ދިނުމަށްފަހުވަނީ ދޫކޮށްލާފައެވެ.