ކޯވިޑް-19 ގައި ވަޒީގެ ހާލަތަށް ބަދަލުއައިސްފައިވާ ފަރާތްތަކުން، ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހީން ބާރުވެރިކުރުވަން ގޮވާލައި ރައްޔިތުންގެ މަޖިލިސްއަށް ޕެޓިޝަން އެއް ހުށައަޅަން ތައްޔާރުވެއްޖެއެވެ.
260 މީހުންގެ ސޮޔާއިއެކު މ. ހީނާވިލާ، މުޙައްމަދު ރިޔާޟް ހުށައަޅުއްވާ މިޕެޓިޝަން ސްޕޮންސަރ ކޮށްދެއްވާފައިވަނީ މައްޗަންގޮޅި ދެކުނު ދާއިރާގެ މަޖިލިސް މެންބަރ އަހްމަދު ހައިތަމް އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުއަށް އެޑްރެސް ކުރައްވާ ލިޔެފައިވާ މިސިޓީގައި ބުނެފައިވަނީ ދުނިޔެއަށް ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން މުޅި ދުނިޔޭގެ އިޤްތިސާދީ ހާލަތަށް ނުހަނު ބޮޑެތި އަސަރުތައް ކުރަމުންދާއިރު، ދިވެހިރާއްޖޭގައި، މި އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އެއް ދާއިރާއަކީ ފަތުރުވެރިކަމުގެ ދާއިރާކަމަށާއި އަދި، ވަކިން ޚާއްޞަކޮށް ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކަމަށެވެ. އެގޮތުން، ގިނަ އަދަދެއްގެ މުވައްޒަފުންގެ ވަޒީފާ ގެއްލިފައިވާއިރު "ނޯ ޕޭ" ގެ ގޮތުގައިވެސް ގިނަ މުވައްޒަފުންތަކެއް އެއްވެސް އާމްދަނީއެއް ނުލިބި އުޅެންޖެހެމުން އެކަމުގެ ނޭދެވޭ އަސަރު ގިނަ އާއިލާތަކަށްވެސް ދަނީ ކުރަމުންކަމަށާއި މިހާރު ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންގެތެރެއިންވެސް ގިނަ އަދަދެއްގެ މުވައްޒަފުންގެ މުސާރަވަނީ ކުޑަކޮށްފައިކަމަށެވެ.
ފަތުރުވެރިކަމުގެ ސިނާއަތަށް ރާއްޖޭގެ ބޯރޑަރު ހުޅުވާލުމަށް ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި 2 ކަމަކަށް ރިއާޔަތް ކުރުމަށްފަހުގައި މެނުއީ ރިސޯޓުތައް ހުޅުވުމުގެ ހުއްދަ ދެވިގެންނުވާނެކަމުގައި ދަންނަވާކަމަށެވެ.
1- ރިސޯޓުތަކުގައި މަސައްކަތްކުރާ ދިވެހި އަދި ބިދޭސީ މުވައްޒަފުން ތިބެންޖެހޭ ރޭޝިއޯކަމަށް ޓުއަރިޒަމް މިނިސްޓަރީގެ ސާރކިއުލާ 2012/45/IITR/CIR-88 - 21 ޑިސެމްބަރ 2012 އިން ކަނޑައަޅާފައިވާ މިންގަނޑަށް ވުރެ ދިވެހި މުވައްޒަފުން މަދުނުވުން. އެގޮތުން، މަދުވެގެން %45 އިންސައްތަ ދިވެހިން ނެތް ރިސޯޓުތައް އެއަދަދަށް ދިވެހީން ހޯދައިގެން ހުޅުވުން.
2- ރިސޯޓުތަކުގައި ހުސްވެފައިވާ މަޤާމަކަށް ބިދޭސީ މުވައްޒަފަކު ނަގަންވާނީ، ކޮވިޑް-19 ގެ ސަބަބުން ވަޒީފާގެއްލުނު، ދިވެހި މުވައްޒަފުންނަށް ފުރުޞަތު ދިނުމަށްފަހުގައި ކަންކަށަވަރު ކުރުން.
މީގެ އިތުރުން، އެ ޕެޓިޝަންގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ، އަސާސީ ޙައްޤުތަކާއި މިނިވަންކަމުގެ ބާބުގެ 37 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުން، ކޮންމެ ރައްޔިތަކަށް އެ މީހަކު އިޚްތިޔާރުކުރާ ވަޒީފާއެއް ނުވަތަ މަސައްކަތެއް އަދާކުރުމުގެ ޙައްޤު ލިބިގެން ވީހިނދު، ކޯވިޑް-19 އާއި ގުޅިގެން އެތައް ބައެއްގެ ވަޒީފާވަނީ ގެއްލިފަކަމުން، މި ފަރާތްތަކަށް ތަސައްލީއެއް ހޯއްދަވައިދެއްވުމަށް މަޖިލީހުން މަސައްކައް ކޮށްދެއްވުން އެދޭކަމަށެވެ.
ދިވެހީން ވަޒީފާގެ ބާޒާރަށްނެރެ، ވަޒީފާ އަދާކުރުމުގެ ރޫޙު ދިވެހިންގެ މެދުގައި އާލާކުރުމަށްހުރި ހުރަސްތަކާއި ގޮންޖެހުންތައް ދެނެގަނެ، އެކަންކަން ނައްތާލައި ދިވެހި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ ދިވެހިންގެ ބައިވެރިރިވުން ބޮޑު، ބަސްވިކޭ އަދި އެ ސިނާއަތުން ގިނަ ދިވެހިންނަށް ވަޒީފާގެ ފުރުޞަތު ލިބޭ ސިނާއަތަކަށް ހެދުމަށް ތިޔަ ޢިއްޒަތްތެރި މަޖިލިސް މެދުވެރިއަކަށްވެ މަސައްކަތްކޮށްދެއްވުމަށް އަޅުގަނޑުމެން ވަރަށް އިޚްލާސްތެރިކަމާއެކުއެދެމެވެ.
އެ ޕެޓިޝަންގައި ބުނެފައިވެއެވެ.
އެ ޕެޓިޝަންގައި ފާހަގަކޮށްފައިވާ ދެ ނުކުތާއަކީ ރިސޯޓުތައް ހުޅުވުމުގެ ގައިޑްލައިންގައި ހިމެނި ތަންފީޒުވެގެންދާނެ ކަންކަން ކަމުގައި ހެދުމަށް މަޖިލީހުން ބާރުއަޅުއްވައި ދެއްވުމަށް އެދި ދަންނަވާފައިވެއެވެ.
ފަތުރުވެރިކަމުގެ ސިނާއަތުގައި ދިވެހިންނަށް ތަފާތުކުރުމެއްނެތި ވަޒީފާ އަދާކުރެވޭނެ ފުރުޞަތު ފަހިވެގެންދާނެކަމުގައި އުއްމީދުކުރަމެވެ.
އެ ޕެޓިޝަން ނިންމާލަމުން ބުނެފައިވެއެވެ.
މި ޕެޓިޝަންގައި ބައިވެރިވެފައިވާ ޓުވަރިޒަމް ދާއިރާގައި މަސައްކަތްކުރާ 260 ބައިވެރިންގެ މައުލޫމާތު، ޓައިމް ސްޓޭމްޕާއެކު ވަނީ ހިމަނާފައެވެ. ކޯވިޑް-19 އާއި ގުޅިގެން ބަންދުވެ ފިޒިކަލް ސިގްނޭޗަރ ނެގެން ނެތުމުން، ޕެޓިޝަން ތައްޔާރުކުރެވުނީ އައިޑީ ކާޑު މައުލޫމާތައި އަދި ފޯނުނަމްބަރ ހިމަނައިގެން އޮންލައިން ކޮށްކަމުގައި އެފަރާތުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!