ރާއްޖެއަށް ބޭނުންވާ މެޑިކަލް އިކުއިޕްމަންޓް ގަތުމަށް، ޖަޕާނު ސަރުކާރުން ރާއްޖެއަށް 86.4 މިލިއަން ރުފިޔާގެ ހިލޭ އެހީ ދިނުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ޖަޕާނުގެ ފަރާތުން ސޮއި ކުރެއްވީ އެ ގައުމުން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު ކެއިކޯ ޔަނާއީ އެވެ.

Ad
rt

ފޮރިން މިނިސްޓްރީން ބުނީ، އެހީގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގެ ސިއްހީ މަރުކަޒުތަކާ ހޮސްޕިޓަލްތަކުގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް 10 ބެޑްސައިޑް އެކްސްރޭ މެޝިން، 65 ބެޑްސައިޑް މޮނީޓަރ، 19 ޕޯޓަބަލް އަލްޓްރާ ސައުންޑް އިމޭޖް ސިސްޓަމް، 200 އޮޓޮމޭޓެޑް އެކްސްޓަރނަލް ޑިފިބްރިލޭޓަރސް އަދި 160 ސިރިން ޕަމްޕް ހޯދުމަށް ނިންމާފައިވާ ކަމަށެވެ.

ހުސްވި މޭމަހުގެ 21 ވަަނަ ދުވަހުވެސް ޖަޕާނާއި ދިވެހި ސަރުކާރާއި ދެމެދު ވަނީ ބޮޑު އެހީގެ އެއްބަސް ވުމެއްގައި ސޮއިކޮށްފައެވެ. އެފަހަރު ރާއްޖޭގެ ބޯޑަރު ބެލެހެއްޓުން އިތުރަށް ހަރުދަނާކުރުމަށާއި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި މޯލްޑިވްސް އިމިގްރޭޝަންގެ ގާބިލްކަން އިތުރުކުރުމަށް ޖަޕާނު ސަރުކާރުން 68.7 މިލިޔަން ރުފިޔާގެ ހިލޭ އެހީ ދިނުމަށް ވަނީ ނިންމާފައެވެ.

ކޯވިޑާއި ގުޅިގެންވެސް ރާއްޖެއަށް އަންނަނީ ގިނަ އެހީތަކެއް ލިބެމުންނެވެ. މި ގޮތުން ފައިސާގެ އެހީތެރިކަން ފޯރުކޮށް ދިން ޤައުމުތަކުގެ ތެރެއިން އެމެރިކާއިން ވަނީ ދެ މިލިއަން ޑޮލަރު ނުވަތަ 31 މިލިއަން ރުފިޔާގެ އެހީއެއް ދީފައެވެ. ކެނެޑާއިން ވަނީ 1 މިލިއަން ރުފިޔާ ދީފައެވެ.

ޖަޕާނުން 8.4 މިލިއަން ރުފިޔާގެ އެހީ ދީފައިވާއިރު، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްފް) އިން ރާއްޖެއަށް 28.9 މިލިއަން ޑޮލަރު ދީފައިވެއެވެ. ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން 3 މިލިއަން ޔޫރޯ (50.5 މިލިއަން ރުފިޔާ) ގެ ހިލޭ އެހީ ދޭން ނިންމާފައި ވާއިރު، އަދި އިންޑިއާއިން ވަނީ 150 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ފެސިލިޓީއެއް ދީފައި އެވެ.

މީގެ އިތުރުން ވޯލްޑް ބޭންކުން ވަނީ 17.3 މިލިއަން ޑޮލަރުގެ އެހީ ރާއްޖެ އަށް ދީފައިވެ އެވެ. އަދި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ވަނީ 600،000 ޑޮލަރުގެ އެހީ ރާއްޖެ އަށް ދީފަ އެވެ.