ކޯވިޑް-19 އާއި ގުޅިގެން މާލޭ ސަރަހައްދުގައި އިއުލާނުކޮށްފައިވާ މި ފުރަބަންދާއި ގުޅިގެން ރަށަށް ނުދެވި ތާށިވެފައިވާ ފަރާތްތައް ރަށަށް ގެންގޮސް ކަރަންޓީނުކުރާނެ ގޮތުގެ އުސޫލު އެކުލަވާލައި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފިއެވެ.
މީގެ ކުރިން އަމަލު ކުރަމުން އައި އުސޫލަކީ މާލެއިން ރަށަށް ދާން ބޭނުންވާ މީހުން 14 ދުވަހަށް ސަރުކާރުގެ ކަރަންޓީން ފެސިލިޓީތަކުގައި ކަރަންޓީން ކުރުމެއެވެ. އަދި އެ މީހުން ދޫކޮށްލަނީ ކޮވިޑަށް ޓެސްޓް ކުރުމަށްފަހު، ނަތީޖާ ނެގަޓިވްވުމުންނެވެ.
ރަށުގައި ކަރަންޓީން ކުރަނީ 24 ދުވަހަށެވެ. އަދި 24 ދުވަހަށްފަހު ކޮވިޑަށް ޓެސްޓް ކުރުމަށްފަހު، ކަރަންޓީނުން ދޫކޮށްލެވޭނެ ކަމަށް އުސޫލުގައި ބުނެއެވެ.
އެގޮތުން މި އުސޫލުގައި ބުނެފައިވާގޮތުގައި މާލޭގައި ފުރަބަންދުވެފައިވާ މީހުން ރަށަށް އެނބުރި ދިއުމުގެ ދަތުރުފަތުރުގެ އިންތިޒާމް ހަމަޖައްސާނީ ސަރުކާރުންނެވެ. އަދި ރަށް ރަށަށް ގެންދާނީ ކޯވިޑް-19 ގެ އެއްވެސް އަލާމާތެއް ނެތް ފަރާތެއް ކަމުގައި ވާންވާނެ ކަމަށްވެސް އުސޫލުގައި ބުނެފައިވެއެވެ.
އުސޫލުގައި ބުނެފައިވާގޮތުގައި ރަށަށް ދާ ފަރާތުން ކަރަންޓީނުކުރާ ގޭގައި ހައި ރިސްކް ކެޓަގަރީއަށް ފެތޭ އެއްވެސް މީހަކު އުޅެގެން ނުވާނެއެވެ. ހައި ރިސްކު ކެޓަގަރީއަކީ 60 އަހަރުން މަތީގެ މީހުންނާއި މާބަނޑު އަންހެނުންނާއި ހާއްސަ ބަލިތައް (ނޭވާ ހިއްލުން، ކިޑްނީގެ ބަލޮ، ހަކުރު ބަލި، ހިމޯގްލޯބިން ޑިސްއޯޑާ، އިމިއުނޯ ކޮމްޕްރޮމައިޒްޑް، ލިވާ ޑިޒީޒް، އަދި ހިތުގެ ބަލި) ފަދަ ބަލިތައް ހުންނަ ފަރާތްތައް އެ ގޭގައި އުޅެގެން ނުވާނެ ކަމަށް އުސޫލުގައި ބުނެފައެވެ.
ކަރަންޓީނުވާތަނުގައި ހުންނަ ޖެހޭ މުހިންމު ޝަރުތުތައް:
- ކަރަންޓިން ވާ މީހުން ބައިތިއްބަން ޖެހޭނީ ވައިދައުރުވާ ގޮތަށް ހުންނަ ވަކި ކޮޓަރިއެއްގައި ނުވަތަ ކޮޓަރިތަކެއްގައި.
- އެއްކޮޓަރިއެއްގައި އެކަކަށްވުރެ ގިނަ މީހުން ކަރަންޓީން ކުރާނަމަ، ދެ އެނދު ދޭތެރޭ މަދުވެގެން ތިން ފޫޓު ހުންނަންވާނެ.
- ކަރަންޓީން ކުރާ މީހުންނަށް ސާފުފެން ލިބެން ހުންނަ ވަކި ފާހާނާއެއް ހުރުން.އެކަކަށްވުރެ ގިނަ މީހުން ފާހާނާ ބޭނުން ކުރާ ނަމަ، ރަނގަޅަށް ސާފު ކުރުން.
- ކަރަންޓީނުކޮށްފައިވާ މީހާ ބޭނުން ކުރުމަށް ތަށި، ސަމުސާ، ތުވާލި، އަދި ބޭޑުޝީޓު، ބާލިސް ފަދަ ތަކެތި ވަކިކޮށްފައި ބެހެއްޓުން.
- ކަރަންޓީން ކުރާ މީހުން ތިބޭ ގެއަށް އެެހެން މީހުން ޒިޔާރަތް ނުކުރުން. އަދި އެ ގޭގެ އެހެން މީހުންވެސް ކަރަންޓީނު މުއްދަތުގައި ގެއިން ބޭރަށް ނުނިކުމެވޭނެ.
ކަރަންޓީނުވާ މީހާ، ކަރަންޓީނު ކުރާ ދުވަހުން ފެށިގެން އެމީހަކު ކަރަންޓީނުކޮށްފައިވާ މުއްދަތު ހަމަނުވަނީސް ބޭރުން އެއްވެސް މީހަކު އެ ގެއަކަށް ގޮސްގެން ނުވާނެ ކަމަށާއި އަދި އެގެއިން މީހަކުވެސް އެ މުއްދަތުގައި ބޭރަށް ގޮސްގެން ނުވާނެ ކަމަށް މި އުސޫލުގައި ބުނެފައިވެއެވެ. އަދި ކަރަންޓީނުވާ މީހާއަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް އާއިލާގެ ވަކި މީހަކު ނުވަތަ ރަހުމަތްތެރިއަކު ކަނޑައެޅިދާނެ ކަމަށާއި އެފަދަ އެހީތެރިކަމެއް ލިބެން ނެތްނަމަ ރަށުގެ ޓާސްކްފޯހުގެ އެހީތެރިކަން ހޯދިދާނެ ކަމަށްވެސް މި އުސޫލުގައި ބުނެފައިވެއެވެ.
މި އުސޫލު މިއަދު ގެޒެޓުކޮށްފައިވާއިރު މި އުސޫލަށް މިއަދުން ފެށިގެން އަމަލުކުރާނެއެވެ. އަދި ގުޅުންހުރި އިތުރު މައުލޫމާތުތައް ގުޅުންހުރި މުއައްސަސާތަކާއި އިދާރާތަކުން ކުރިއަށް އޮތް ހަފްތާގައި ހާމަކުރާނެ ކަމުގައި ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!