ޝިފާއު އޭނާގެ އެކުވެރި ނަޒީރާއި އެކު މިދިޔަ ބުރާސްފަތި ދުވަހު ހަވީރު ދުއްވާލަން ނުކުތީ ޖެހިގެން އޮތީ ދުނިޔޭގެ ތިމާވެށީގެ ދުވަސްކަމަށްވާތީ، އެ ދުވަހު ކުރާނެ ކަމެއް ނިންމުމަށް ރަށުގެ ތަންތަން ބަލައިލާށެވެ.

އެ ދެ ޒުވާނުން ނިސްބަތްވާ ކ. ހުރައަކީ އަބަދުވެސް ރަށުތެރެ ސާފުތާހިރުކޮށް އޮންނަ ރަށަކަށްވާތީ، ތިމާވެށީގެ ދުވަހު ނުކުމެ ނަގާލާނެ ކުނިކޮޅެއްވެސް އެ ދެ ޒުވާނުންނަކަށް ރަށުތެރެއަކުން ނުފެނުނެވެ. އެ ދެ ޒުވާނުން ދުއްވަމުން ގޮސް މަޑުކޮށްލީ އެރަށުގައި އޮންނަ ތާރީޚީ، ހިތްގައިމު ކުޅިކައިރިއަށެވެ.

Ad
rt

ހުރާ ކުޅިއަކީ ވެށީގެ ހިތްގައިމުކަމުން މުއްސަނދިވެފައިވާ، ހިތްތަކަށް ފިނިކަމާއި، އުފާވެރިކަން ގެނެސްދޭ ރިވެތި ޤުދުރަތީ މަންޒަރަކުން ފައްކާވެފައިވާ ނުހަނު ރީތި މަންޒިލެކެވެ. ކަނޑުން ވީއްލިގެން އަންނަ ވައިރޯޅި އުފާ ހޯދުމަށް އެތަނަށް ޒިޔާރަތް ކޮށްފި ކޮންމެ މީހެއްގެ ހިތަށް އަރާމާއި ފިނިކަން ގެނުވާނެއެވެ. އެ ވެށީގައި ވަނީ ބަލައި ފޫހި ނުވާނެ މަންޒަރުތަކެވެ.

އެ ދެ ޒުވާނުންގެ ލޯ ގޮސް ހުއްޓުނީ ރާޅާއި، ކުޅީގެ ރާޅު ޖަހާފަށަށް ލައްގާފައި ހުރި ކަނޑޫ ތަކަކަށެވެ. ޝިފާއު އެންމެ ފަހުން އެ ކުޅިއަށް އައީ މިއަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅު، ރަށަށް ޗުއްޓީއަކަށް އައިސްހުރި ދުވަސްކޮޅަކުއެވެ. އެދުވަހު ކުޅީގެ ކަނޑޫގަސްތަކުން ޝިފާއުއަށް ލިބުނީ 7 ކަނޑުލެވެ. ކޮޓަރިތެރެ ޒީނަތްތެރި ކޮށްލަން އެދުވަހު މަދު ޢަދަދެއްގެ ކަނޑޫކޮޅެއް ލިބުނު ނަމަވެސް މިއަދު މިއޮތީ އެތައް ސަތޭކަ ކަނޑުލަކުން މިހިސާބު ފުރިފައެވެ.

ތިމާވެށީގެ ދުވަހު ކުރާނެ ކަމެއްގެ ޚިޔާލު އެ ދެ ޒުވާނުން އުފަންކުރީ އެހިސާބުންނެވެ. ޖީލުތަކަށްޓަކައި އެ ސަރަހައްދުގައި ތިމާވެށީގެ ދުވަހު ކަނޑޫއިންދަން އަންނަން އެ ދެ ޒުވާނުން ނިންމައި، އެސަރަހައްދަށް ލައްގާފައި ހުރި ކަނޑޫތަކުގެ ވީޑިއޯއެއް ނަގައި ޝިފާއުގެ ފޭސްބުކްގައި ހިއްސާކުރިއެވެ. ކަނޑޫއިންދަން އަންނަން މީހުންނަށް ދައުވަތު ދިނީ އެ ވީޑިއޯ މެދުވެރިކޮށެވެ.

ކޯވިޑް-19 ގެ ސަބަބުން ރިސޯޓުތައް ހުއްޓުމަކަށް އައުމުން މަސައްކަތް ކުރަމުންދިޔަ ކުޑަ ހުރާ ރިސޯޓުވެސް ބަންދު ކުރުމުން އެ ޒުވާނުން ރަށަށް އައިސްތިބީ އަނބި ދަރިން ކައިރީގައެވެ. އެ ރަށަކީ މާތް ﷲ ގެ އިރާދަ ފުޅާއިއެކު ކޯވިޑްގެ އެއްވެސް ބިރުވެރިކަމެއް އޮތް ރަށަކަށް ނުވާތީ އިޖުތިމާއީ ގައިދުރުކަމަށް އިސްކަން ދީގެން އެރަށުގައި ބޭރުތެރެއަށް ނުކުމެ އުޅުމަކަށް އެއްވެސް ހުރަހެއް ނެތެވެ.

ޝިފާއުގެ ރޫމުގައި ކަނޑޫގަސް، ތިމާވެށިދެކެ ލޯބިވާ ޒުވާނެއް

ރިސޯޓުގެ މެނޭޖުމަންޓް ލެވެލްގައި ވަޒީފާ އަދާކުރާތީ، އަށަގެންފައި ހުންނަ އާދައާއި އެކު ޝިފާއުމެންގެ ދުވަސް އަބަދުވެސް އޮންނަނީ ކުރިން ދުރާލާ ރާވާލާފައެވެ. މިގޮތުން ތިމާވެށީގެ ދުވަށް ނިންމީ އެދުވަހާއި ގުޅޭ ކަމެއް ކުރުމަށެވެ.

" އަދިވެސް މީހުން ރަށުތެރެއަށް ނުކުމެ އުޅެނީ ވަރަށް މަދުން، އެހެންވެ ކަންނޭނގެ ކަނޑޫއިންދަން މީހުން ނުދިޔައީ، އެކަމަށް ދިޔައީ އަޅުގަނޑާއި ނަޒީރާއި އަދި ނަދީމްގެ ޢާއިލާ، އަސްލު މާސްކު އަޅައިގެން އެންމެން ދިޔައީވެސް، އެކަމަކު އެހާ ގިނަ ދުވަހު ގޭތެރޭ ތިބެފައި ނުކުތީމައި ކުދިވެރިންގެ މާސްކުތައް އެކުދިން ނެގީ ވަކި ހިސާބަކުން، އެކަމަކު ބަލައިގެން އުޅުނީ." ޝިފާއު ބުންޏެވެ.

ޝިފާއު އަދި ނަޒީރު ކަނޑޫ އިންދަނީ

މިއަދު ޝިފާއުއާއި، ނަޒީރުގެ ޢާއިލާ ރަށު ކުޅިއަށް ކަނޑޫ އިންދަން ދިޔައީ ހަވީރު 4 ޖަހާއިރު، ސައިބޯން ބޭނުންވާނޭ ތަކެތިވެސް ހިފައިގެންނެވެ. ދިޔައިރު އެކުވެރި ނަދީމްގެ ޢާއިލާ އެތަނަށް ގޮސްތިއްބެވެ.

ނަދީމްގެ ޢާއިލާ ވަނީ ހެނދުނު އެސަރަހައްދަށް ގޮސް ކަނޑޫ އިންދަން ފަށައިފައެވެ. ޝިފާއު ލަފާކުރާގޮތުން ހެނދުނުން ފެށިގެން ނަދީމްގެ ޢާއިލާއިން ވަނީ ހާހެއްހާ ކަނޑޫ އިންދާފައެވެ.

ނަދީމަކީ ދިވެހިންނަށް ވަރަށް ފަރިތަ ނަމެއްވެސްމެއެވެ. ނަދީމަކީ މަޝްހޫރު ހުއްރިއްޔާ ސްޕޯޓްސް ކްލަބްގެ ރަންޒަމާނުގައި އެ ކްލަބްގެ ކުޅަދާނަ ޑިފެންޑަރެކެވެ. އަދި އޭނާގެ ދަރިފުޅު މުޙައްމަދު ނައިސަމް ނަދީމަކީ ރާއްޖޭގެ މިހާރުގެ 13 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިއެވެ.

ނަދީމްގެ ފެމިލީ ކަނޑޫއިންދައި ނިންމާލުމަށްފަހު ހިތްހަމަޖެހިފައި

މިއަދު ކަނޑޫ އިންދުމުގައި ބައިވެރިވި 3 ޢާއިލާގެ މުގުލުގައިވެސް ތިބީ ޒިންމާދާރު މަޤާމްތަކުގައި ތިބި ނަމޫނާ ބައެކެވެ. މިގޮތުން ނަދީމަކީ ފުޓްބޯޅައިގެ މަޝްހޫރު ލެޖެންޑެއްގެ އިތުރުން މިހާރު ކުޑަހުރާ ރިސޯޓުގެ ބޯޓު ކެޕްޓަނެކެވެ. ޝިފާއުއަކީ ފޯ ސީޒަން ލަނޑާގިރާވަރު ރިސޯޓުގެ ގެސްޓް އެކްސްޕީރިއަންސް މެނޭޖަރެވެ. ނަޒީރަކީ ފޯ ސީޒަން ކުޑަހުރާ ރިސޯޓުގެ ޑައިވް މެނޭޖަރެވެ.

މިއަދު ހަވީރު ދެ ގަޑިއިރު ހޭދަކޮށްގެން ޝިފާއުއާއި ނަޒީރު ޢާއިލާއިން ވަނީ ފަސްސަތޭކަ ކަނޑޫ އިންދާފައެވެ. ނަދީމް ޢާއިލާއިން އެއްހާސް ކަނޑޫ އިންދާފައިވާތީ ތިން ޢާއިލާއިން ދުނިޔޭގެ ތިމާވެށީގެ ދުވަހަށް ދިން ވެށީގެ ހަދިޔާއެއްގެ ގޮތުގައި މިވަނީ ފަނަރަ ސަތޭކައެއްހާ ކަނޑޫ އިންދާފައެވެ.

" އަޅުގަނޑުމެން ބޭނުންވީ އަންނަން އޮތް ޖީލަށްވެސް ފައިދާ ކުރާނެ ކަމެއް ކުރަން، މިގޮތުންނާއިވެސް އެކު ކަނޑޫ އިންދީ، ކަނޑުލަކީ ވަރަށް ފަސޭހައިން އެ ސަރަހައްދުގައި ހެދޭނެ ގަހެއް. އަޅުގަނޑުމެންގެ ދަރީންނަށްވެސް އެބަޖެހޭ ވެށީގެ މުހިންމުކަން އަންގައިދޭން. އެކަން ކުރަން މިތިބީ އަޅުގަނޑުމެން، އާތުއަވާގައި ވެސް އަޅުގަނޑުމެން ގޭގޭގެ ލައިޓްތައް ނިއްވާލައި، އޮންނަ އުސޫލުން ކަންކުރަން، ކުދިން ނަގާނެ މި ނަމޫނާތައް، އެކުދިން ބޮޑެތިވެގެން ވެށި ދެކެ ލޯބިވާ ބަޔަކަށް ވާނީ އޭރުން " ޝިފާއު ބުންޏެވެ.

" އަޅުގަނޑު ދެކޭގޮތުގައި އެބަ ޖެހޭ ރަށްތަކުގެ ހޭޅިފަށުގައިވެސް ކަނޑޫއިންދައި ހައްދަން މަސައްކަތް ކުރަން، އޭރުން އެ ވާނެ ރަށް ގިރުން ސަލާމަތް ކުރާނެ ބާރަކަށްވެސް، ކަނޑުލަކީ ވަރަށް މޫގަނޑު ވަރުގަދަ ފަސްގަނޑު ހިފަހައްޓާނެ ގަހެއް." ޝިފާއު އިތުރަށް ބުންޏެވެ.

މިއަދު އެކުޅީގައި ހެދިފައި ހުރި ކަނޑޫގަސްތަކުގެ ތެރޭގައި ޝިފާއުމެން ޅައުމުރު އިންދި ގަސްތައް ބޮޑެތިވެ، ބިޔަވެފައިވާ މަންޒަރު ޝިފާއުމެންނަށް ފެންނަ ފަދައިން، ޝިފާއުމެން ދަރީންވެސް މީގެ އަހަރުތަކެއް ފަހުން އެކުދީން އަތުން މިއަދު އިންދި ގަސްތަކުން ހިޔާ ލިބޭނެ ކަން ކަށަވަރެވެ.

އަބަދުވެސް އަޅުގަނޑުމެން އިންސާނުން މިވަނީ އަޅުގަނޑުމެންގެ ވަށައިގެންވާ ވެއްޓަށް ދަރާފައެވެ. އެވެށި ހިމާޔަތްކޮށް، އެވެށި އާރޯކުރުމުގެ ތަޅުދަނޑި އޮތީ އަޅުގަނޑުމެންގެ އަތުގައެވެ. އެވެށްޓަށް އިހުމާލުވުމުގެ ގެންލުންވެސް އެންމެ ބޮޑަށް އޮތީ އަޅުގަނޑުމެންނަށާއި، އަންނަން އޮތް ޖީލުތަކަށެވެ. ފައިދާވެސް އޮތީ ހަމަ މިބީދައިންނެވެ.

ތިމާވެށީގެ ދުވަހު ކ. ހުރާގެ ތިމާވެށި ދެކެ ލޯބިވާ މިތިން ޢާއިލާ މިދައްކައިދެނީ މުޅި ރާއްޖެއަށާއި، ދުނިޔެއަށް ނަމޫނާއެކެވެ. އެ ޢާއިލާތަކުގެ ވަގުތާއި ހަކަތަ އެ ދޫކޮށްލީ ޖީލުތަކުގެ މަންފާއަށެވެ. އަޅުގަނޑުމެންވެސް މިކަމުން ނަމޫނާ ނަގަމާތޯއެވެ؟