އެއްވެސްމީހަކު އެމީހެއްގެ އަގު އެހެންމީހުންގެ ކުރިމަތީގައި ވެއްޓޭކަށް ބޭނުމެއް ނުވާނެއެވެ. ނަމަވެސް ބައެއްމީހުންގެ އަގު އެހެންމީހުންގެ ކުރިމަތީގައި ވެއްޓިދަނީ އެމީހުންގެ އަމިއްލަ ދުލުން ބޭރުކުރަމުންދާ ހަޑިހުތުރު ބަސްތަކުންނެވެ. ހަޑިހުތުރުބަހުން މީހުންނާއި މުޢާމަލާތުކުރުމަކީ ވަރަށް ދަށުދަރަޖައިގެ މީހެއްގެ ގޮތުގައި މުޖުތަމަޢު ބަލައިގަންނާނެ ކަމެކެވެ. އަދި އެމީހެއްގެ އަބުރު އެހެންމީހުންގެ ކުރިމަތީގައި ދަށްވާނެ ކަމެކެވެ.
ބަސްމަގު ހަޑިހުތުރުވުމަކީ ދެދުނިޔޭގެ ގެއްލުމާއި ހަލާކަށް އެމީހަކު ހުށަހެޅޭކަމެކެވެ. އަޅުގަނޑުމެންގެ ދުލުން ބޭރުވާ ކޮންމެ ބަހަކަށް ޖަވާބުދާރީ ވާންޖެހޭނެ ދުވަހެއް ވާކަން ހަނދާން ނައްތައިލައިގެން ނުވާނެއެވެ. ވިސްނުމެއްނެތި ދުލުން ބޭރުކޮށްލާ ހަޑިހުތުރު ބަސްތަކުން އެތައްބަޔަކަށް އެތައް އަނިޔާތަކެއް ލިބޭކަންމީ ހަޤީގަތެކެވެ. ތިބާގެ ހަމައެއްނެއް ހަޑިހުތުރު ބަސްތައް ރައްދުވާ ފަރާތަކީ ނަފްސާނީ ބަލިމަޑުކަމެއްގެ ތެރޭގައިވާ މީހަކަށްވެސް ވެދާނެއެވެ. މީހެއްގެ ހާލަތެއް ހުރިހާ ފަހަރަކު ބޭރުފުށުން ފެންނާކަށް ނުހުރެއެވެ. މުޖުތަމަޢުގެ ރީތިފޭރާން ހަލާކުވެ ހަޑިވާ އެއް ސަބަބަކީ ހަޑިހުތުރުބަހުން މުޢާމަލާތުކުރުން ކަމުގައި ބުނުން ގޯހަކަށް ނުވާނެއެވެ.
ބައެއް މީހުންނަށް ބަސްމަގު ރީތިކޮށް ނުބެހެއްޓެނީ ކީއްވެގެންތޯ! ބައެއް މީހުން ދެބަސްވެވޭ ބައެއްފަހަރު ކޮންޓްރޯލް ނުވާވަރަށް ރުޅިއައިސް ހަޑިހުތުރުބަހުން މުޢާމަލާތުކޮށް އަނެކާގެ އަބުރު ކަތިލައެވެ. އަޅުގަނޑުމެން ކިތަންމެ މަސައްކަތެއް ކުރިކަމުގައި ވިޔަސް މުޅިން އެއްކޮށް މީހުންނާއި ދެބަސް ވުމުން ދުރު ނުވެވިދާނެއެވެ. ކޮންމެ މީހެއްގެ ހިޔާލާއިފިކުރަކީ ތަފާތު އެއްޗެކެވެ. ނަމަވެސް އަޅުގަނޑުމެންނަށް މީހުންނާއި މުޢާމަލާތްކުރުމުގައި ފަރުވާތެރިވެވިދާނެއެވެ. ބައެއް މީހުންނަށް ހީވެފައި އޮންނަނީ ހަޑިހުތުރުބަހުން މުޢާމަލާތުކުރުމަކީ އޭނާގެ ބިރުކުޑަކަމާއި ޖެހިލުންކުޑަކަން ކަމުގައެވެ. މިއީ ވަރަށް ބޮޑު ކުއްހީއެކެވެ. މީހުން އެމީހަކުދެކެ އެންމެ އަވަހަށް ފޫހިވެ، ދުރަށްދާނެ ސަބަބެއްކަމުގައި ހަޑިހުތުރުބަހުން މުޢާމަލާތުކުރުން ހިމެނެއެވެ.
މީސްމީޑިއާގައި ތަފާތު ޕޯސްޓްތަކާއި ލިޔުންތައް މީހުންގެ އަބުރަށް ހުތުރުވާގޮތައް ހަޑިހުތުރުބަހުން ޕޯސްޓްކޮށް ހެދުމަކީ ބިރުހުރިކަމެކެވެ. ދުނިޔޭގެ ހަޔާތާއި އަލްވަދާޢުކިޔުމުގެ ވަގުތު ސިއްރުވެފައިވާއިރު، މިއަދު ބޭއަދަބީކޮށް މީހުންނާއި ދިމާލަށް ޖަހާ ޕޯސްޓަކީ މަރުވުމައްފަހުވެސް ފާފަލިބޭ ކަމަކަށް ވެދާނެއެވެ.
ތިބާގެ އަމަލުތަކާއި ބަސްމަގު އެހެންމީހުންގެ އަބުރު ކަތިލުމުގެ ކަނޑިޔަކަށް ވެގެންނުވާނެއެވެ. ތިބާގެ ހިޔާލާއި ފިކުރު ރީތިބަހުން ހާމަކުރެވޭނެއެވެ. ބަސްމަގު ރީތިކޮށް ބެހެއްޓުމަކީ އެހެންމީހުންގެ ހިތުގައި އިޙްތިރާމާއި ޤަދަރު މަތިވާނެ ކަމެކެވެ.
ހަޑިހުތުރު ބަހުން މުޢާމަލާތުކުރުމުން ދުރުވާނީ ކިހިނެއް! ހިޔާލުތަފާތުވެ މީހަކާއި ދެބަސްވެ ހަމައިން ނެއްޓޭހެން ހީވާނަމަ އެތަނަކުން ދިއުން ބުއްދިވެރިއެވެ. ދެބަސްވެ ވާހަކަދެއްކުމަކީ އަނެކަކާއި ދޭތެރޭގައި ރުޅިވެރިކަމާއި ނަފްރަތު އުފެދެންޖެހޭ ސަބަބެއް ނޫނެވެ. ދައްކަމުންދާ ވާހަކައިން ތިބާގެ ހިތުގައި ރުޅިވެރިކަން އިތުރުވާނަމަ ވިސްނައިގެން ވާހަކަދެއްކުން ބުއްދިވެރިއެވެ. ނުވަތަ ހަމަހިމޭންކަން އިސްކުރާށެވެ. ވިސްނުންތެރިކަމާއެކު ވާހަކަދެއްކުމަކީ މުޢާމަލާތުކުރުން ރީތިވާނެކަމެކެވެ. ބަސްމަގު ރީތިވުމަކީ މުޖުތަމަޢުގެ ދުޅަހެޔޮކަން އިތުރުވާނެކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!