ކައުންސިލްތަކުގެ ދައުރު ދަންމާލަން ޤާނޫނު އަސާސީ އިސްލާޙް ކުރުމަށް ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ މެމްބަރު އަޙުމަދު ހަލީމް ހުށަހެޅުއްވި ޤާނޫނު ނަމްބަރު 22/2019 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއަށް 5 ވަނަ އިސްލާހް ގެނައުމުގެ ޤާނޫނު) އަށް އިސްލާހް ގެނައުމުގެ ބިލު ފާސްކުރުމަށް ރޭ މެންދަމު 1:30 ގައި ބޭއްވި މަޖިލިސް ޖަލްސާގައި އެޗްޕީއޭގެ އެންގުމާއި، މަޖިލިސްއިން ކަނޑައަޅާފައިވާ އުސޫލާއި ޚިލާފަށް ގައިދުރުކަމަށް ނުބެއްލެވި މެމްބަރުން ކަރަންޓީނަށް ގެންދަން ފެންނަކަމަށް ބުނެ ބައެއް މީހުން ޝުއޫރު ފާޅުކުރަން ފަށައިފިއެވެ.
ރޭ ބޭއްވި މަޖިލިސްގެ 2020 ވަނަ އަހަރުގެ 2 ވަނަ ދައުރުގެ 2 ވަނަ ޖަލްސާ ފެއްޓެވުމާއި އެކު، ރިޔާސަތުގައި އިންނެވި މަޖިލިސް ރައީސް، ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކާފުޅުގައި ގާނޫނު އަސާސީއަށް ގެންނަ އިސްލާހުގެ މަސައްކަތް ލަސްވީ އިދިކޮޅު ކޯލިޝަނުގެ ޒިންމާދާރުކަން ކުޑަކަމުން ކަމަށް ވިދާޅުވުމުން، އިދިކޮޅު ކޯލިޝަންގެ ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މަޖިލިސް ރައީސްގެ ވާހަކަފުޅާއި ހިތްހަމަޖެހި ވަޑައިނުގެން، ހުރަސް އެޅުމުން އޭނާގެ ނަން މަޖިލިސް ރައީސް އިއްވެވިއެވެ.
ނަން އިއްވުމުން ޝިޔާމް މަޖިލީހުގެ ތަޅުމުން ނުކުމެވަޑައިގަތުމަށް ދެކޮޅު ހެއްދެވި އެވެ. އެމަންޒަރު ދައްކުވައިދޭ ވީޑިއޯތަކުން ފެންނަ ގޮތުގައި މަޖިލިސް ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ ޝިޔާމް މަޖިލީހުގެ ތަޅުމުން ނެރުމަށް އެމްޑީޕީގެ މަޖިލިސް މެމްބަރުންނަށް އިރުޝާދުދެއްވާފައެވެ.
އެއާއެކު، މަޖިލީހުގެ އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުން ޝިޔާމް ވަށައިލައި އޭނާ މަޖިލީހުން ނެރުމަށް މަސައްކަތް ފެއްޓެވި އެވެ. އެހިސާބުން އޮތީ މަޖިލީހުގެ ގައިދުރުކަން ގެއްލި، އެޗްޕީއޭގެ އެންގުމާއި ޚިލާފުވެފައިވާ ތަޅުމަކަށް މަޖިލިސް ތަޅުން ބަދަލުވެފައެވެ.
HPA ge guideline aai eggothah Majilis jalsa mirey kuriyah dhanee. pic.twitter.com/jHbfrhCov7
— Ahmed Arif (@Arttey) June 1, 2020
މިހެން ކަންހިނގާފައިވާއިރު ބައެއް ބޭފުޅުން ދަނީ ޓުވީޓާގައި މިކަމާއިބެހޭގޮތުން ޝުއޫރު ފާޅުކުރަށްވަމުންނެވެ.
" ރޭގައި މަޖްލިހުގައި ހިނގި "ގައިދުރުކަމާއި ޚިލާފު" ޢަމަލުތަކާއި، އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ނޭވާ އެޅޭގޮތަށް އަނގަ ކައިރިކުރައްވައިގެން ވާހަކަ ދައްކަވައި، ބަގުޑި ބެއްދުމުގެ ސަބަބުން، މަޖްލީހަށް ވަޑައިގެން ހުރިހާ މެމްބަރުން ކަރަންޓީނު ފެސިލިޓީތަކަށް ފޮނުވަން ޖެހޭކަމަށް ދެކެން."
ސަރުކާރުގެ އޮޑިޓިން ދާއިރާގައި ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި، ސަރުކާރުގެ ޓެންޑަ ބޯޑުގެ ޗެއާމަން އަދި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އިސްމާއިލް ޒަރިއަންދު ވިދާޅުވެފައިވެއެވެ.
ރޭގައި މަޖްލިހުގައި ހިނގި "ގައިދުރުކަމާއި ޚިލާފު" ޢަމަލުތަކާއި، އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ނޭވާ އެޅޭގޮތަށް އަނގަ ކައިރިކުރައްވައިގެން ވާހަކަ ދައްކަވާ، ބަގުޑި ބެއްދުމުގެ ސަބަބުން، މަޖްލީހަށް ވަޑައިގެން ހުރިހާ މެމްބަރުން ކަރަންޓީނު ފެސިލިޓީތަކަށް ފޮނުވަން ޖެހޭކަމަށް ދެކެން.
— Ismail Zariyand (@zariyand) June 2, 2020
ކުރީގެ ތިމަރަފުށީދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު މުސްތަފާ ވިދާޅުވެފައި ވަނީ ގަޔަށް އަރައި މާރާމާރީ ހިންގި ހުރިހާ މެމްބަރުން އެޗްޕީއޭއިން 14 ދުވަހުގެ ކަރަންޓީނަށް ގެންދަން ޖެހޭނެ ކަމަށެވެ. ޤަވާޢިދާކީ އެންމެން އެއް އެއްގޮތަށް އަމަލުކުރަންޖެހޭ އެއްޗެއްކަމަށްވެސް މުސްތަފާ ވަނީ ވިދާޅުވެފައެވެ.
Gayah araa maaraa meyree hingi hurihaa MPs HPA in 14 dhuvahah Karanteen kuran jeheyne... gavaidhuakee enme e gothakah amalu kuran jehey ehcheh.
— Mohamed Musthafa (@Thimarafushi) June 2, 2020
އަހުމަދު އަޒާންވަނީ މަޖިލިސްގެ ރޭގެ ޖަލްސާގެ ފޮޓޯއެއް ހިއްސާކުރަމުން ދެންއޮތް ކްލަސްޓާއަކީ އެއީކަމަށް އެޗްޕީއޭއަށް ޓެގްކޮށް ބުނެފައެވެ.
ރޭގެ ޖަލްސާގައި ބައެއް މެމްބަރުން އަމަލުކުރެއްވި ގޮތުން މީގެ ކުރިންވެސް މަޖިލިސް ބައެއް މެމްބަރުންގެ ފަރާތުން ކޯވިޑް-19 އަކީ ސީރިއަސްކަމެއް ނެތް ބައްޔެއް ގޮތަށް ދެކެވުނު ވާހަތަކާއި ގުޅިގެން އާންމުންނަށް ލިބިގެން ދިޔަ މެސެޖު ފަދަ އިތުރު ނުރަނގަޅު މެސެޖެއް ލިބިގެން ހިނގައްޖެ ކަމަށް ބައެއް މީހުން ދަނީ ބުނަމުންނެވެ.
ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައި ބާއްވާ ޖަލްސާތަކުގެ އެތެރޭގެ އިންތިޒާމްތައް ހަމަޖެހިފައިވާ ގޮތް pic.twitter.com/Hd7byiZ0TO
— People's Majlis (@mvpeoplesmajlis) May 25, 2020
އެޗްޕީއޭގެ ހުއްދަނެތި ބާއްވަން ފުރަމަ ތާވަލު ކުރި މަޖިލިސް ޖަލްސާއާއި ގުޅިގެން، މަޖިލިސްގެ ޖަލްސާޖަލްސާތައް ތަޅުމުގައި ބޭއްވުމަށް އެޗްޕީއޭއިން ހުއްދަ ދިނީ ޝަރުޠުތަކަކާއި އެކުގައެވެ. އެއާއިއެކު މަޖިލިސްއިން ވަނީ ތަޅުމުގައި ޖަލްސާބޭއްވުމުގައި މެމްބަރުންނާއި، މުވައްޒަފުން އަމަލުކުރާނެ އުސޫލުތަކެއް ކަނޑައަޅާފައިއެވެ.
މިގޮތުން މާލަމުގައި އެއްވަގުތެއްގައި އެންމެ ގިނަވެގެން ތިއްބަވާނީ 42 މެމްބަރުން ކަމަށާއި، އެ މެމްބަރުން ތިއްބަވާނީ އެޗްޕީއޭއިން އަންގަވާފައިވާ ދުރުމިނުގައި ކަމަށް މަޖިލީހުން ވަނީ ބުނެފައެވެ. އަދި މަޖިލިސް މެމްބަރުންނާއި، މުވައްޒަފުން މާސްކު އަޅައިގެން ތިބޭ ގޮތަށް ހަމަޖައްސާފައެވެ.
ރޭގެ މަޖިލީހުގެ ޖަލްސާގައި މެމްބަރު ޝިޔާމްގެ ނަންއިއްވައި، ތަޅުމުން ބޭރުކުރީ މަޖިލިސްގެ ޤަވާއިދުގެ ބޭރުން ކަމަށްވެސް ބައެއް މެމްބަރުން ވަނީ ވިދާޅުވެފައެވެ. އަދި މަޖިލީހުގެ ގައިދުރުކަން ގެއްލުމުގައި ރިޔާސަތުން އަމަލު ބެހެއްޓިވިގޮތް ހިމެނޭކަމަށްވެސް ބައެއް މެމްބަރުން ވަނީ ވިދާޅުވެފައެވެ.
ސިއްޙީ މާހިރުންގެ އޭރުވެސް މިހާރުގެވެސް ލަފައަކީ، އިރުޝާދަކީވެސް ގައިދުރުންކަން އިސްކުރުމަށެވެ. ނަމަވެސް އަޅުގަނޑުމެން ނަމޫނާއަކަށް ބަލަންތިބި މަންދޫބުން ކަން މިކުރައްވަނީ ކިހިނެއް ހެއްޔެވެ؟
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!