ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ސަރުކާރަށް ގޮންޖެއްސެވުމާއި، މަޖިލީސް ކުރާގެ "ސިޔާސީ އައްޑާ"އަކަށް ބޭނުންކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެ، މަޖިލިސް ރައީސްކަމުން ރައީސް ނަޝީދު އިސްތިއުފާ ދިނުމަށް ޑީއާރްޕީގެ ލީޑަރ ކާށިދޫ ދާއިރާގެ މެންބަރ އަބްދުﷲ ޖާބިރު ގޮވާލައިފިއެވެ.

ރައްޔިތުންގެ މަޖުލީހުގެ ރައީސް އަލްފާޟިލް މުހައްމަދު ނަޝީދު އަށް، އެޑްރެސް ކުރައްވާ ފޮނުވި ސިޓީގައި ޖާބިރު ބުނެފައިވަނީ ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގައި ސިއްހީ ހާއްސަ ހާލަތު އިއުލާންކޮއްފައިވަނިކޮށް އަދި މުޅިމާލެ ފުރަބަންދުގެ ހާލަތުގައި އޮއްވާ ސަރުކާރަށް ގޮންޖައްސަވައި ރައްޔިތުންގެ މަޖްލިސްގެ އިދާރާގައި ޖަލްސާތައް ބާއްވަން ފެށުމަކީ ރައްޔިތުންނަށް ނަމޫނާ ދައްކަވަންޖެހޭ، ރައްޔިތުންގެ މަޖްލިސް މެންބަރުން ވަރަށް ދަށުދަރަޖައިގެ އަމަލެއްގެ ތެރެއަށް ވައްޓާލުމަށް މަނިކުފާނު ހިންގެވި ޖަރީމާއެއްކަމަށެވެ.

Ad
rt

މިއަދު، ސަރުކާރަށް އެންމެ ބޮޑަށް މަޖްލިސްގެ އެއްބާރުލުން ލިބެންޖެހޭ ދަޑިވަޅުގައި، 19ވަނަ ރައްޔިތުންގެ މަޖްލިސް ހިންގަވަމުން ތިޔަ ގެންދަވަނީ ސިޔާސީ އައްޑާއެއްގެ ގޮތުގައެވެ.

ޖާބިރު ފޮނުވި ސިޓީގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޖާބިރު ބުނެފައިވަނީ މަނިކުފާނުގެ އަމަލުތައް މިވަގުތުހުރި ގޮތުން ރައްޔިތުންގެ މަޖްލިސްގެ ރައީސް ކަމުގެ މަޤާމުގެ ޒިންމާއާއި މަސްއޫލިއްޔަތު އަދާ ކުރުމުގެ ޤާބިލްކަންހުރި ކަމަށް އަޅުގަޑަށް ނުފެންނާތީ ވަގުތުން ވަގުތައް ރައްޔިތުންގެ މަޖްލިސްގެ ރައީސް ކަމުން އިސްތިއުފާ ދެއްވުމަށް ގޮވާލާކަމަށެވެ.