2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ޗައިނާގެ ވޫހާން ސިޓީއިން ފެތުރެން ފެށި ކޯވިޑް-19 ބަލި ޖެހުނު މީހުންގެ އަދަދު 6 މިލިއަނަށް ވުރެ އިތުރުވެއްޖެއެވެ. މިބަލި ޖެހުނު މީހުންގެ ޢަދަދު 5 މިލިއަނަށް އަރާފައި ވަނީ މިހިނގާ މެއި މަހުގެ 20 ވަނަ ދުވަހުއެވެ.
30 މޭ 2020، ދިވެހިރާއްޖެ ގަޑި، ފަތިހު 5:00 (މައުލޫމާތު ހިމެނި ތާރީޚާއި ވަގުތު)
ޕޮޒިޓިވްވި މީހުންގެ ޢަދަދު: 6,030,294
މަރުވި މީހުންގެ ޢަދަދު: 366,809
ރަނގަޅުވި މީހުންގެ ޢަދަދު: 2,659,250
ކޯވިޑް ޖެހިގެން މިހާތަނަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ އެމެރިކާ އިންނެވެ. އެގައުމުން އެކަނި ވެސް 104،542 އަށް މީހުން މިހާތަނަށް މިބަލީގައި މަރުވެފައި ވާއިރު އެގައުމުގައި އެވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1,793,530 އަރާފައެވެ. އެ ޤައުމުން ރަނގަޅުވެފައި ވަނީ 519،565 މީހުންނެވެ.
މިހާރު ދެވަނައަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ޤައުމުގެ ގޮތުގައި އޮތީ 468،338 މީހުން ޕޮޒިޓިވް ވެފައިވާ ބްރެޒިލްއެވެ. އެ ޤައުމުން ވަނީ 27،944 މީހުން މަރުވެފައެވެ. އެ ޤައުމުން ރަނގަޅުވެފައި ވަނީ 193،181 މީހުންނެވެ.
ތިން ވަނައަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ޤައުމުގެ ގޮތުގައި އޮތީ 387،623 މީހުން ޕޮޒިޓިވް ވެފައިވާ ރަޝިޔާއެވެ. އެ ޤައުމުން ވަނީ 4،374 މީހުން މަރުވެފައެވެ. އެ ޤައުމުން ރަނގަޅުވެފައި ވަނީ 159،257 މީހުންނެވެ.
މިބަލި ކޮންޓްރޯލް ވަމުންދާކަމަށް ބުނެ ބައެއް ޤައުމުތަކުން މިހާރުވަނީ ޤައުމުތަކުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދޭން ފަށާފައެވެ. މިބަލި ކުރިން އެންމެ ބާރަށް ފެތުރެންފެށި ޔޫރަޕުން ބަލި ފެތުރުން ކޮންޓްރޯލް ވުމުގައި ކުރިއެރުން ހޯދާފައިވިޔަސް ދުނިޔޭގެ އެހެން ބައެއް ސަރަޙައްދުތަކުން ބަލި ޖެހޭ މީހުންގެ ނިސްބަތް އަންނަނީ އިތުރު ވަމުންނެވެ.
މިގޮތުން އަވަށްޓެރި އިންޑިއާއަކީ ހަލުވިކަމާއިއެކު މިބަލި ފެތުރެމުންދާ އެއް ޤައުމެވެ. އެ ޤައުމުގެ 173،491 މީހުން މިބަލީގެ ޝިކާރައަކަށް ވެފައި ވާއިރު، އެ ޤައުމު އޮތީ އެންމެ ގިނައިން ބަލި ޖެހުނު ޤައުމުތަކުގެ ލިސްޓުގެ 9 ވަނައިގައެވެ.
އަވަށްޓެރި ސްރީލަންކާގައި ބަލި ކޮންޓްރޯލްވުމުން ފިޔަވަޅުތަކަށް ލުއި ދިނުމަށްފަހު އަލުން ބަލި ފެތުރެން ފެށުމުން އެ ޤައުމުގައި މިހާރު އަލުން ވަނީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ. ދުނިޔޭން ބަލި ޖެހުނު މީހުންގެ ލިސްޓްގެ 97 ވަނާގައި އެ ޤައުމު އޮތްއިރު އެ ޤައުމުން ބަލި ޖެހިފައިވަނީ 1558 މީހުންނަށެވެ.
މިހާތަނަށް 1591 މީހުންނަށް ބަލިޖެހިފައިވާ، ދިވެހިރާއްޖެ އޮތީ މިލިސްޓްގެ 96 ވަނާގައެވެ.
މިބަލި ކޮންޓްރޯލް ކުރުމުގައި އަދި އެދެވޭ ކާމިޔާބީއެއް ހޯދިފައި ނުވާއިރު، ދުނިޔޭގެ 213 ޤައުމަކަށާއި، ސަރަހައްދަށް މިހާރު ވަނީ މި ބަލި ފެތުރިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!