ވަގުތަކީ ވަރަށް އަގުހުރި އިންސާނާގެ ރައުސުލްމާލެވެ. އޭނާގެ ޙަޔާތެވެ. މިދުނިޔޭގައި އޭނާ ވޭތުކުރާ ކޮންމެ ވަގުތުކޮޅަކީ އޭނާގެ ޙަޔާތުން މަދުވެގެން ނެތިގެންދާ ވަރަށް އަގުހުރި ވަގުތުކޮޅެކެވެ. މަރާއި ގާތްކުރާ ވަގުތުކޮޅެކެވެ. އަލް އިމާމް ޙަސަނުލްބަޞަރީ ރަޙިމަހުﷲ ގެ ބަސްފުޅެއްގައި އައިސްފައިވެއެވެ.
يا ابن آدم أنت أيام، كلما ذهب يوم منها ذهب بعضك، ويوشك إذا ذهب بعضك أن يذهب كلك وأنت لا تعلم، فاعمل، فاليوم عمل ولا حساب، وغدا حساب ولا عمل
އޭ އާދަމުގެ ދަރިޔާއެވެ. ތިބާއަކީ ދުވަސްތަކެކެވެ. ފާއިތުވެގެންދާ ކޮންމެ ދުވަހަކީ ތިބާގެ ޢުމުރުން މަދުވެގެންދާ ދުވަހެކެވެ. އަދި ތިބާ ޣާފިލުކަމުގެ ނިދިން ނިދާފައި އޮއްވާ، ދުވަސްތައް މަދުވަމުން މަދުވަމުންގޮސް، ތިބާގެ ނިމުން އައިސް ތިބާއާ ބައްދަލުކޮށްފާނެތެވެ. އެހެންވީމާ (ޣާފިލުކަމުގެ ނިދިން ހޭލައި) ހެޔޮ ޢަމަލުކުރާށެވެ. އެހެނީ މިއަދު(ދުނިޔޭގައި) އޮތީ ޢަމަލެވެ. ޙިސާބެއް ނެތެވެ. އަދި މާދަމާ (އާޚިރަތުގައި) އޮތީ ޙިސާބެވެ. ޢަމަލެއް ނެތެވެ.
ހަޤީގަތުގައި ވަގުތު ބޭކާރު ގޮތުގައި އިސްރާފް ކުރާމީހާއަށް މިދުނިޔޭގެ ޙަޔާތަށްވުރެ މަރު މާރަގަޅުވާނެއެވެ. ސަބަބަކީ، ޙަޔާތުގެ މިހާ މުހިއްމު ބައެއް ބޭކާރުގޮތުގައި ނަގާލާތީއެވެ.
ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. "نِعْمَتانِ مَغْبُوْنٌ فِيْهِمَا كَثِيْرٌ مِنَ النَّاسِ: الصِّحَةُ وَالفَرَاغُ" (رواه البخاري ) މާނައީ:
"މީސްތަކުންގެ ތެރެއިން ގިނަ ބަޔަކު އެކަމަކާމެދު ޣާފިލުވެފައިވާ ދެނިޢުމަތެއް ވެއެވެ. އެއީ ފުރިހަމަ ޞިއްޙަތާއި ހުސްވަގުތެވެ."
އަދި ޢުމަރު ރަޟިޔަﷲ ޢަންހު ވިދާޅުވެފައި ވެއެވެ. " إِنِي لَأَكْرَهُ أَنْ أَرَى أَحَدَكُمْ سَبَهْلَلاً لا فِيْ عَمَل دُنْيا وَلا فِي عَمَلِ آخِرِة" މާނައީ
"ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއިން މީހަކު ދުނިޔެ އާއި އާޚިރަތުގެ ޢަމަލު ނުކޮށް، ބޭކާރުގޮތުގައި ހުންނަތަން ފެނުމަށް ތިމަން ނުރުހެމެވެ."
ޒުވާންކަމަކީ ޙަޔާތުގައި އަންނާނެ އެންމެ އަގުބޮޑު ދުވަސްކޮޅެވެ. މީހާގެ ޝަހުޞިއްޔަތު ބިނާކުރުމާ، ޤައުމާއި ވަޠަނަށް ފައިދާހުރި މީހަކަށް ވުމަށްޓަކައި މަސައްކަތްކުރަން އޮތް އެންމެ މުހިއްމު ދުވަސްވަރެވެ. ޒުވާން އުމުރު ނޫނަސް ހަޔާތުގެ ކޮންމެ ހަރުފަތެއްގައިވެސް ވަގުތުގެ ބޭނުން ދެނެގަނެ ހެޔޮ ރަނގަޅުގޮތުގައި ވަގުތު ބޭނުންކުރުމަކީ ކުރަން ޖެހޭނެ ކަމެކެވެ.
މިގޮތުން އުއްމަތުގެ ސަލަފުއްޞާލިހުން، ވަގުތުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށް ކުރެއްވި ބައެއް ކަންކަން މިތާނގާ ފާހަގަ ކޮށްލާނަމެވެ.
- ޢަބްދުއްރަޙްމާން ބިން އަބީ ޙާތިމް އައްރާޒީ ފާޚާނާއަށް ވަންނަވާއިރާއި، ކޭންބައްލަވާއިރާއި އަދި ގޭތެރޭގެ އެހެން ކަންތައް ކުރައްވާ އިރު، ދަރިފުޅުކައިރީ ބުނުއްވާގެން އެކަލޭގެފާނަށް އަޑުއިވޭވަރަށް ފޮތް ކިއުއްވައެވެ.
- އަލްއިމާމް ސުލައިމް ބިން އައްޔޫބް އައްރާޒީ އަކީ ވަގުތުގެބޭނުން ހިފުމުގައި މަޝްހޫރު ބޭކަލެކެވެ. އެކަލޭގެފާނުގެ ވަގުތުތައް ހޭދަކުރަނީ ކިޔެވުމުގައްޔާއި ކިޔަވާދިނުމުގައްޔާއި އަދި ހަމައެގޮތަށް މިފަދަ އަގުހުރި ވަރަށްގިނަ ފޮތްތައް ލިޔުއްވާފައެވެ. އަދި ލިޔަމުންދާއިރު ފަންސުރު ރަނގަޅުކުރަން ލިޔުން ހުއްޓާލަން ވެއްޖެނަމަ ޤުރުއާން ކިޔަވަން ފައްޓަވައެވެ. އެހެންނޫނީ ކޮންމެވެސް ޛިކުރެއްކުރައްވައެވެ.
އިންސާނުންގެ ތެރެއިން ބުއްދިވެރިންނަކީ ވަގުތުގެ މުހިއްމުކަން ދެނެގަނެ އޭގެ ބޭނުން ފުރިހަމަ ގޮތުގައި ހިފާމީހުންނެވެ. ކަންމިހެން ހުރިއިރު އަޅުގަނޑުމެންވީ ކޮންމެ ކަމެއްވެސް ތާވަލްތަކަކަށް ބާހާލާގެން ކަންކުރުމުގެ އާދަ އަށަގަންނުވާށެވެ. ޣީބަ ބުނުމާއި ދެބައުޑުވުމާއި ނެތިމޮށުމުގައި ވަގުތުތައް އިޝްރާފް ކުރުމުގެ ބަދަލުގައި ގައުމަށާއި މުޖުތަމަޢުއަށް ފައިދާކުރަނިވި ކަންކަމުގައި މަޝްޢޫލުވާށެވެ. އަޅުގަނޑުމެންގެ އަމިއްލަ ނަފްސު ހިސާބުކޮށް، ﷲ ތަބާރަކަ ވަތަޢަލާ ރުއްސަވާގޮތައް އަމަލުތައް ބައްޓަން ކުރާށެވެ. އެހެނީ މަރަކީ އެންމެ ގާތުގައި ވާ އެތިކަމަށް ބަލާގެން އުޚުރަވީ ހަޔާތް ބާއްޖަވެރިކުރުމަށް މަސައްކަތް ކުރާށެވެ.
އަޅުގަނޑުގެ ދުޢާއަކީ ވަގުތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފާ ބަޔަކުކަމުގައި، އަޅަމެން އެންމެވެސް ﷲ ތަބާރަކަ ވަތަޢަލާ ލެއްވުން! އާމީން.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!