ކޯވިޑް-19 ގެ ޙާލަތުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ޗައިނާގެ ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީމެކް) އިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެކުންފުނިން ވަނީ ޕާސަނަލް ޕްރޮޓެކްޓިވް އިކިއުޕްމެންޓް (ޕީޕީއީ) އާއި އިތުރުން ފޭސް މާސްކާއި ގޮގުލްސް ރާއްޖެއަށް ހަދިޔާކޮށްފައެވެ.

Ad
rt

މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން މިތަކެއްޗާއި ހަވާލުވެވަޑައިގެންނެވީ ފޮރިން މިނިސްޓަރު ޢަބުދު ﷲ ޝާހިދެވެ. މިތަކެތި ހަވާލުކޮށްދެއްވީ ސީމެކް ކުންފުނީގެ ފަރާތުން ރާއްޖޭގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ލިއު ޝިއައޯޑާއެވެ.

މިތަކެތި ހަދިޔާކޮށްފައިވަނީ ފޮރިން މިނިސްޓްރީ އާއި ޖެންޑާ މިނިސްޓްރީ އާއި މޯލްޑިވްސް ކަސްޓަމްސް ސާވިސް އަދި މޯލްޑިވްސް އިމިގްރޭޝަނަށް ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ސީމެކުން މީގެ ކުރިން ވަނީ، ކޮވިޑާ ގުޅިގެން މީހުން ކަރަންޓީނު ކުރުމަށް ފަރުކޮޅުފުށީގައި ގާއިމްކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީއަށް ފާހާނާ ބަރިއެއްވެސް ހަދިޔާކޮށްފައެވެ. އަދި މެޑިކަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓާއި ޑިސްއިންފެކްޓެންޓް ފަދަ ތަކެތި ވެސް މީގެ ކުރިން އެކުންފުނިން ހަދިޔާކޮށްފައި ވެއެވެ.

ސީމެކްގެ އިތުރުން ޗައިނާ ސަރުކާރުންނާއި، ޗައިނާގެ ކުންފުނިތަކުން އަންނަނީ ކޯވިޑް-19 ހާލަތުން އަރައިގަތުމަށް އެހީތެރިވަމުންނެވެ. މިގޮތުން ޗައިނާއިން ވަނީ ދިވެހި ސަރުކާރުގެ އެދުމުގެ މަތިން ޗައިނާ ސަރުކާރުން ފޯރުކޮށް ދޭ އެހީތެރިކަމުގެ ތެރެއިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 800 މީހުންގެ ކަރަންޓީނު ފެސިލިޓީއެއް ގާއިމުކޮށް ދީފައެވެ.

މީގެއިތުރުން ބެއިޖީން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)ގެ ފަރާތުން ހުޅުމާލޭގައި ހުރި ދެ ބުރި އިމާރާތެއް ރެނޮވޭޓް ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. ބީޔޫސީޖީން 40 މަސައްކަތްތެރީންގެ ޓާސްކް ފޯހެއް އެކުލަވާލައުގެން މަސައްކަތް ކުރަމުން އަންނަނީ އެ އިމާރާތުގައި 327 އެނދުގެ ކަރަންޓީން ފެސިލިޓީއެއް ގާއިމު ކުރުމަށް ކަމަށް ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ވަނީ ވިދާޅުވެފައެވެ.

ޗައިނާއިން ވަނީ، ކޯވިޑާއި ގުޅިގެން ދިވެހި ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް އެހީތެރިވުމަށް 10 ވެންޓިލޭޓަރާއި 30،000 ސާޖިކަލް މާސްކާއި އިމަޖެންސީ ސާމާނު ވެސް ރާއްޖެއަށް ހަދިޔާކޮށްފަ އެވެ.

ކޯވިޑް-19 އާއި ގުޅިގެން ޗައިނާގެ ޓެލްހައު އިންޓަނޭޝަނަލް އިންޖިނިއަރިންގް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އިން ރާއްޖެއަށް ދެލައްކަ ފޭސް މާސްކް ހަދިޔާ ކޮށްފައެވެ.

މިއަދު ތަކެތި ހަދިޔާ ކުރި ސީމެކް އިން ކުރިން ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފްރޮންޓް ލައިންގައި މަސައްކަތް ކުރާ މުއައްޒަފުންނަށް ޕާސަނަލް ޕްރޮޓެކްޓިވް އިކިއުޕްމެންޓް، ޕީޕީއީ ހަދިޔާކޮށްފައެވެ.