ކޯވިޑް-19 ފެތުރިފައި ނެތް ރަށްރަށަށް ލުއިތަކެއް ދިނުމަށް ނިންމާފައިވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން މިރޭ ޤައުމާއި މުހާތަބު ކުރައްވަމުން ރައީސް ވިދާޅުވީ، މިގޮތުން އެންމެ ފުރަތަމަ ކަމަކަށް މިހާރު ވިސްނާފައި އޮތީ، ކޯވިޑު ފެތުރިފައި ނެތް ރަށްރަށް، ވީ އެންމެ އަވަހަކަށް އާންމު ހާލަތަކަށް ގެނައުން ކަމަށެވެ.

Ad
rt

އެފަދަ ރަށްރަށުގައި އާންމު އުސޫލުން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރެވޭނެ ގޮތް ހަމަޖެއްސުމާއި ވިޔަފާރިތައް ހުޅުވުމުގެ ހުއްދަ ދެވޭނެ ކަމަށެވެ. އަދި އޭގެ ފަހުން ސްކޫލްތަކާއި އޮފީސްތައް ހުޅުވަމުން ގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިތުރަށް ރައީސް ވިދާޅުވީ ކޯވިޑް-19 ގެ ހާލަތު ގޯސްވަމުން ނުދާ ނަމަ އަންނަ ޖުލައި މަހުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބައިނަލްއަގުވާމީ ދަތުރުތައް ފެށުމަށް ނިންމަވާފައިވާ ކަމަށެވެ.

"މި ދެންނެވި ލުއިތަކާއެކު، ރާއްޖޭގައި ކޯވިޑް-19ގެ ހާލަތު އިތުރަށް ގޯސްނުވެ، ރަނގަޅަށް ދާނަމަ، އިރާދަކުރެއްވިއްޔާ އަންނަ ޖުލައި މަހުގެ ތެރޭގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް، ބައިނަލްއަގުވާމީ ދަތުރުތަކަށް ހުޅުވާލަން މިހާރު ވަނީ ނިންމާފައި. އޭގެ އިތުރުން، ރިޒޯޓްތައް ހުޅުވުމުގެ ހުއްދަ ދެވޭނެ. މިކަންކަން ކުރާނެ ގޮތުގެ ގައިޑްލައިންތައް، ކަމާ ބެހޭ ދާއިރާތަކުގެ އިރުޝާދާއެކު މިހާރު އަންނަނީ ކަނޑައަޅަމުން،" ރައީސް ވިދާޅުވިއެވެ.

ރާއްޖޭން މިހާތަނަށް 1,186 މީހަކަށް ވަނީ ކޯވިޑް-19 ޖެހިފަ އެވެ. އޭގެ ތެރެއިން 91 މީހަކު ރަނގަޅު ވެފައިވާއިރު ހަތަރު މީހަކު ވަނީ މަރުވެފަ އެވެ.