ކޯވިޑް-19 ހާލަތުގައި ދިވެހި ސަރުކާރަށް އެހީތެރިވުމުގެ ގޮތުން، ދިވެހި ސަރުކާރުގެ އެދުމުގެ މަތިން ޗައިނާ ސަރުކާރުން ފޯރުކޮށް ދޭ އެހީތެރިކަމުގެ ތެރެއިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަދައިދިން 800 މީހުންގެ ކަރަންޓީނު ފެސިލިޓީގެ މަސައްކަތް ނިންމާލައިފިއެވެ.
ހުޅުމާލޭ ދެވަނަ ފޭސްގައި މިދިޔަ މަހުގެ 27 ވަނަ ދުވަހު ހަދަން ފެށި މި އިމާރާތުގެ މަސައްކަތް ނިންމައި އެޗްޑީސީއާ ހަވާލުކޮށްފައި ވަނީ އިއްޔެ އެވެ.
ޖުމްލަ 4،987.5 އަކަމީޓަރުގެ ސަރަހައްދެއްގައި ގާއިމްކޮށްފައިވާ 2،443 އަކަމީޓަރުގެ މި ފެސިލިޓީ ގާއިމު ކުރުމުގެ ޕްރޮޖެކްޓުގެ ދަށުން ސީއެސްސީއީސީއިން ވަނީ ހަތަރު ފެބްރިކޭޓެޑް ސްޓީލް ސްޓްރަކްޗާ ގާއިމް ކޮށްދީ، ބަދިގެ އަށް ހާއްސަ ބްލޮކަކާއި ފާހާނާ ބަރިއެއްވެސް ގާއިމް ކޮށްފައެވެ.

މި ތަން ހަދައި ނިންމާފައި ވަނީ އެންމެ 22 ދުވަހުންނެވެ. މި މަސައްކަތުގައިޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން ކުންފުނި (ސީއެސްސީއީސީ) ގެ 200 އަށް ވުރެ ގިނަ މަސައްކަތެރިން 24 ގަޑިއިރު މަސައްކަތްކޮށްފައިވެ އެވެ.
މި ފެސިލިޓީ ހެދުމަށް މުވައްޒަފުންނާއި ވަސީލަތާއި ސާމާނާ އެކު، އެ ކަމަށް 280،000 ޑޮލަރު (4.3 މިލިއަން ރުފިޔާ) ގެ އެހީތެރިކަން ފޯރުކޮށް ދީފައިވާނެ ކަމަށް އަންޒާދާ ކުރެވޭ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުންވެސް ކޯވިޑާއި ގުޅިގެން ޗައިނާއިން އަންނަނީ ރާއްޖެއަށް އެހީތެރި ވަނުންނެވެ. މިގޮތުން ޗައިނާގެ ބެއިޖީން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)ގެ ފަރާތުން ހުޅުމާލޭގައި ހުރި ދެ ބުރި އިމާރާތެއް ރެނޮވޭޓް ކުރުމުގެ މަސައްކަތް ކޮށްފައިވާއިރު، ބީޔޫސީޖީން 40 މަސައްކަތްތެރީންގެ ޓާސްކް ފޯހެއް އެކުލަވާލައިގެން އެ އިމާރާތުގައި 327 އެނދުގެ ކަރަންޓީން ފެސިލިޓީއެއް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަނީ ކުރިން ވިދާޅުވެފައެވެ.
ޗައިނާގެ ޓެލްހައު އިންޓަނޭޝަނަލް އިންޖިނިއަރިންގް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އިން ރާއްޖެއަށް ދެލައްކަ ފޭސް މާސްކް ހަދިޔާ ކޮށްފައި ވާއިރު، ޗައިނާ މެޝިނަރީ އިންޖިއަނަރިންގް ކޯޕަރޭޝަނުންވެސް ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފްރޮންޓް ލައިންގައި މަސައްކަތް ކުރާ މުއައްޒަފުންނަށް ޕާސަނަލް ޕްރޮޓެކްޓިވް އިކިއުޕްމެންޓް، ޕީޕީއީ ހަދިޔާކޮށްފައެވެ.
ޗައިނާއިން ވަނީ، ކޯވިޑާއި ގުޅިގެން ދިވެހި ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް އެހީތެރިވުމަށް 10 ވެންޓިލޭޓަރާއި 30،000 ސާޖިކަލް މާސްކާއި އިމަޖެންސީ ސާމާނު ވެސް ރާއްޖެއަށް ހަދިޔާކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!