ރާއްޖޭގެ ފަތުރުވެރިކަން އަލުން ހުޅުވާލުމާބެހޭ ޕްލޭން "މޯލްޑިވްސް، ދަ ސަން ވިލް ޝައިން އަގެއިން" ޖޫން 8 ވަނަ ދުވަހު ވާރޗުއަލްކޮށް އިފްތިތާޙުކުރުމަށް ތައްޔާރުވަމުންދާކަމަށް މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީން ބުނެފިއެވެ.

"މޯލްޑިވްސް، ދަ ސަން ވިލް ޝައިން އަގެއިން"ގެ ނަމުގައި ރާއްޖޭގެ ފަތުރުވެރިކަން އަލުން ހުޅުވާލުމާއި ބެހޭ ޕްލޭން އެކުލަވާލަމުންދަނީ ފަތުރުވެރިކަމާބެހޭ ދާއިރާގެ ކަމާބެހޭ ފަރާތްތަކާއި، ހިދުމަތްދޭ ސްޓޭކް ހޯލްޑަރުން އެކުގައިކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

Ad
rt

މިޕްލޭންގައި ރާއްޖޭގެ ފަތުރުވެރިކަން އަލުން ފަށާއިރު ކަމާބެހޭ ފަރާތްތަކާއި، ހިދުމަތްދޭ ފަރަތްތަކުން ގެންނަން ޖެހޭ ބަދަލުތަކުގެ އުސޫލާއި، އެހެނިހެން ތަފްސީލްތައް ހިމެނޭނެއެވެ.

މިޕްލޭން ވާރޗުއަލްކޮށް ލޯންޗުކުރުމަށް ހަމަޖެހިފައިވަނީ ޖޫންމަހުގެ 8 ވަނަ ދުވަހުގެ ރޭގަނޑު 8 ޖަހާއިރު ފޭސްބުކް މެދުވެރިކޮށް 3 ގަޑިއިރަށް ކުރިޔަށްގެންދާ އިވެންޓެގައިކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. މިއިވެންޓުގައި އޮންލައިންކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖޭގެ ފަތުރުވެރިކަމަށް ހެޔޮއެދޭ ސެލެބްރިޓީއިންނާއި، އިންފްލުއެންސާރޒް، އާޓިސްޓުން އަދި އެހެނިހެން ފަރާތްތަކުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

އެމްއެމްޕީއާރުސީން ނެރިފައިވާ ބަޔާނުގައިވާގޮތުން ރާއްޖެއިން ތައްޔާރުވަމުން މިދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާ އަލުން ފަތުރުވެރިންނަށް މަންޒިލް ހުޅުވާލުމަށް ކަމަށެވެ.

އެމްއެމްޕީއާރުސީއިން ބުނީ މިއިވެންޓުގައި މެސެޖު ހިމެނުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު އެބައޮތްކަމަށެވެ. މިގޮތުން ރާއްޖެއާއި ބެހޭ ގޮތުން ދެކޭ ހިޔާލު، ނުވަތަ އަލުން ރާއްޖެ ފަތުރުވެރުކަމަށް ހުޅުވުމާއި ގުޅޭ ގޮތުން ބުންނަ ބެނުންވާ އެއްޗެއް 60 މިނެޓުގެ މެސެޖެއްގައި ރިކޯޑު ކޮށްފައި ފޮނުވޭނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. އެމްއެމްޕީއާރުސީގެ ސޯޝަލް މީޑިއާ އަދި ވެބްސައިޓުގައިވާ ގޮތުން ފޮނުވާ މެސެޖު ފޮނުވާނެ ގޮތާއި އެހެން ތަފްސީލްތައް ވަނީ ހާމަކޮށްފައެވެ.

ރާއްޖޭގެ ފަތުރުވެރިކަން އަލުން ހުޅުވާލުމުގެ 5 ސިނާރިއޯއެއް ކަމާބެހޭ ފަރާތްތަކުން ދިރާސާ ކުރަމުންދާއިރު، މީގެތެރެއިން އެންމެ އެކަށީގެންވާ އަދި ވާނެކަމަށް އެންމެ ބޮޑަށް ލަފާކުރެވޭ ސިނާރިއޯއަކީ އޮކްޓޫބަރުމަހު ފަތުރުވެރިކަން އަލުން ފެށުމެވެ.

ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ޤައުމުތަކުން އެޅި ދިޔަވަޅެކޭ އެއްގޮތައް ރާއްޖެއިންވެސް ވަނީ މާރޗްމަހު ފަހުކޮޅު އޮންއެރައިވަލް ވިސާ ދިނުން ހުއްޓާލާ ފަތުރުވެރިން ގެނައުން މަޑުޖައްސާލާފައެވެ. ނަމަވެސް ރާއްޖޭގެ އިޤްތިސާދުގެ ބޮޑު ބައެއް ހިއްސާ ކުރާ، ގިނަ ބައެއްގެ ވަޒީފާތައް އެދާއިރާއަކަށް ބަރޯސާވެފައިވާ ފަތުރުވެރިކަން ހުއްޓާލުމާއި ގުޅިގެން އިޤްތިސާދަށް ދަނީ ބޮޑު ގެއްލުން ތަކެއް ވަމުންނެވެ.