މިއަހަރުގެ ފިތުރު އީދު ނަމާދު ބޮޑުޖަމާއަތް ނުހަދާ ގޭގައި ކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ކައުންސިލްތަކަށް ފޮނުވާފައިވާ ސާކިއުލާގައި ބުނެފައިވަނީ ރާއްޖޭގެ މިވަގުތުގެ ހާލަތު އޮތް ގޮތުގައި ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި ނުހެދުމަށާއި، ގޭގައި އީދު ނަމާދު ކުރުމަށް ނިންމާފައިވާކަމަށެވެ. އަދި އެކަން ރައްޔިތުންނަށް އަންގައި ދިނުމަށް ސާކިއުލާގައި އެދިފައިވެއެވެ.

Ad
rt

އަދި އީދު ނަމާދު ބޮޑު ޖަމާއަތް ނުހެދުނުކަމުގައި ވީނަމަވެސް ގޭގައި އިީދު ނަމާދު ކުރުމަށާއި، ގިނަ ގިނައިން ތަކުބީރުު ކިޔައި ދުއާކޮށް ޝަރުއީ ހަމަތަކުގެ މަތިން ރައްކާތެރިކަމާއި އެކު ގޭގެ އަހުލުވެރިންނާއި އެކު އީދު އުފާ ފާޅުކުރުމަށް ހުރިހާ ރައްޔިތުންނަށް ނަސޭހަތްތެރިވާކަމަށް އިސްލާމިކް މިނިސްޓްރީގެ ސާކިއުލާގައި ވެއެވެ.

އެފަދަ ޙާލަތުގައި ގޭގައި ޢީދު ނަމާދުކުރާނީ މައިދާނުގައި ނުވަތަ މިސްކިތުގައި ވެސް ޢީދުނަމާދު ކުރާ ފަދައިންނެވެ. ނަމަވެސް ޢީދު ނަމާދުގެ ޚުޠުބާއަކީ ޙާކިމާގެ ޢަމުރަށް ބޮޑު ޖަމާޢަތެއްގައި ކިޔުމަށް އޮންނަ ސުންނަތެއް ކަމުން ގޭގައި ޢީދު ނަމާދު ކުރާއިރު ޚުޠުބާ ދިނުމެއް ނޯންނާނެއެވެ. ޢީދު ނަމާދުކުރާނީ ބަންގި ގޮވުމާއި ޤަމަތް ދިނުމަކާނުލައެވެ. ގޭގައި ޢީދުނަމާދު އެކަނި ވެސް ކުރެވޭނެއެވެ. ނަމަވެސް ގޭގެ އަހުލުންނާއެކު ޖަމާޢަތުގައި ކުރުން އައުލާކަން ބޮޑުވެގެންވެއެވެ.

ގޭގައި ޢީދު ނަމާދު ކުރާއިރު ޢަމަލުކުރާނެ ގޮތް އެސާކިއުލާގައި ވަނީ ބަޔާކޮށްފައެވެ.

  • ޢީދު ނަމާދަށް ނިޔަތްގަނެ ހަށަންބަތް ތަކްބީރު ކިޔައި ހަށަންބަނދެ، ދުޢާއުލް އިސްތިފްތާޙު ކިޔުން.
    ހަށަންބަތް ތަކްބީރު ފިޔަވައި ވިދިވިދިގެން 7 ތަކްބީރު ކިޔުން. ކޮންމެ ތަކުބީރެއްގައިވެސް ދެއަތް ދެކޮނޑާ ހަމައަށް
  • އެއަށްފަހު ފާތިޙާ ސޫރަތް ކިޔަވައި ސޫރަތުލް އަޢުލާ ނުވަތަ އެމީހަކަށް ފަސޭހަ ސޫރަތެއް ކިޔެވުން.
  • އެއަށްފަހު އެހެން ނަމާދުތަކެކޭ އެއްފަދައިން ފުރަތަމަ ރަކްޢަތް ފުރިހަމަކުރުމަށްފަހު ދެވަނަ ރަކްޢަތަށް ތެދުވުން.
  • ދެވަނަ ރަކްޢަތަށް ތެދުވަމުން ކިޔާ ތަކްބީރުގެ އިތުރުން ވިދިވިދިގެން 5 ތަކްބީރު ކިޔުން. ކޮންމެ ތަކުބީރެއްގައިވެސް ދެއަތް ދެކޮނޑާ ހަމައަށް އުފުލުން.
  • ދެވަނަ ރަކްޢަތުގައި ފާތިޙާ ސޫރަތް ކިޔަވައި ސޫރަތުލް ޣާޝިޔާ، ނުވަތަ އެމީހަކަށް ފަސޭހަ ސޫރަތެއް ކިޔެވުން.
  • ދެވަނަ ރަކްޢަތް ފުރިހަމަކޮށް، އައްތަޙިއްޔާތު ކިޔުމަށްފަހު ސަލާމްދިނުން.

ޢީދު ނަމާދުގެ ވަގުތު ވަންނާނީ ލޮންސިއެއްގެ މިންވަރަށް (ގާތް ގަޑަކަށް އިރު އަރާ ވަގުތުން ފެށިގެން 20 މިނެޓް) އިރު އެރުމުންނެވެ. އެންމެންގެ މަސްލަޙަތަށްޓަކައި ރާއްޖޭގައި ޢީދު ނަމާދު ކުރަން ފަށަނީ 7:30 ގައެވެ.

މިހާތަނަށް ރާއްޖެއިން ކޮވީޑް19 އަށް ޖުމުލަ 1090 މީހަކުވަނީ ޕޮޒިޓިވް ވެފައެވެ. ކޮވިޑް19 އަށް މާލެއިން މީހަކު ޕޮޒިޓިވް ވުމާއި އެކު މާލެ ސަރަހައްދުގައި ވަނީ ފުރަބަންދު ކޮށްފައެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައި ޖަމާއަތުގައި މިސްކިތުގައި ނަމާދު ކުރުން ވަނީ ވަގުތީ ގޮތުން ހުއްޓާލާ އެއްރަށުން އަނެއްރަށަށް ދިއުން މަނާކޮށްފައެވެ.