ރާއްޖެއިން ކޯވިޑް-19 އާއި ދެކޮޅަށް ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން، އުރީދޫ ގްރޫޕް އާއި އުރީދޫ މޯލްޑިވްސް އިން 2.5 މިލިއަން ރުފިޔާގެ އެހީތެރިކަން ދިވެހި ސަރުކާރަށް ފޯރުކޮށްދީފި އެވެ.

އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ވާހަކަ ދައްކަވަމުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް އާއި އުރީދޫގެ މެނޭޖިންގ ޑައިރެކްޓަރ އަދި ސީއީއޯ ނަޖީބް ޚާން ވިދާޅުވެފައިވަނީ މިއީ ރާއްޖޭގައި ކޯވިޑް-19 އާއި ދެކޮޅަށް ކުރަމުންދާ މުހިއްމު މަސައްކަތްތަކަށް ބޭނުންވާ ވެންޓިލޭޓަރ، ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) އަދި ޓެސްޓިންގ ކިޓް ހޯދުމުގައި ރާއްޖޭގެ ސިއްޙީ ދާއިރާއަށް އެއްބާރުލުންދިނުމުގެ ގޮތުން، އުރީދޫ އިން ފޯރުކޮށްދީފައިވާ އެހީތެރިކަމެއް ކަމަށެވެ.

Ad
rt

"އުރީދޫ އަކީ އަބަދުވެސް ދިވެހިންނާއި އެކު ތިބި ބަޔެއް. ކޮވިޑް-19 ޕެންޑެމިކް އާއި ގުޅިގެން މުޖުތަމައުގެ އެކި ފަރާތްތަކަށް ދިމާވެފައިވާ ދަތިކަމަށް ލުޔެއް ހޯދައިދިނުމުގައި އަޅުގަނޑުމެންގެ މަސައްކަތްތައް ކުރިޔަށް ގެންދާނެކަމުގެ ޔަގީންކަން އަރުވަން"

އުރީދޫގެ މެނޭޖިންގ ޑައިރެކްޓަރ އަދި ސީއީއޯ، ނަޖީބް ޚާން ވިދާޅުވިއެވެ.

އުރީދޫން ބުނީ މުޅި ދުނިޔެއަށް އަދި ރާއްޖެއަށް މިފަދަ ޙައްސާސީ ހާލަތެއް ދިމާވެފައިވާހިނދު، މުވާސަލާތީ އަދި ޓެކްނޮލޮޖީގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏަކުން އާންމުންގެ ރައްކާތެރިކަމާއި އިގްތިސާދީ ހަރަކާތްތައް ހިންގުމަށް މުހިންމު ދައުރެއް އަދާކުރަންވާނެކަމަށް ގަބޫލުކުރާ ކަމަށެވެ.

އެގޮތުން ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުމުގައި ކުރިޔަށް އޮތްތަނުގައިވެސް ދެމި އޮންނާނެ ކަމަށް އުރީދޫން ބުނެއެވެ.

ރައީސް އޮފީސް، ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ) އަދި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަދި ސަރުކާރުގެ އެހެން އިދާރާތަކާއި ގުޅިގެން އުރީދޫ މޯލްޑިވްސްއިން ދަނީ މި ޕެންޑެމިކް އާއި ދެކޮޅަށް ގައުމީ ފެންވަރުގައި ކުރެވެމުންދާ އެންމެ މުހިންމު މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މިގޮތުން ކުރެވިފައިވާ ކަންކަމުގެ ތެރޭގައި އިންޓަނެޓް ކަނެކްޝަންގެ އެހީތެރިކަމާއި، ކޮވިޑް-19 އާއި ގުޅޭ ހޭލުންތެރިކަމުގެ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމާއި، އޮންލައިންކޮށް ކިޔަވާދިނުމަށާއި ސިއްހީ ދާއިރާ އަދި ވިޔަފާރިތަކަށް ބޭނުންވާ ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދިނުން ހިމެނެއެވެ.