ކޯވިޑް-19 ގެ މި ހާލަތުގައި ރާއްޖޭގައި އިސްސަފުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން 199 މީހަކު މިހާތަނަށް ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) މެޑިކަލް އޮފިސަރ ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ އެވެ.
ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މިރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ ރާއްޖޭގައި އިސްސަފުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން 199 މީހަކު މިހާތަނަށް ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށެވެ.
އެގޮތުން އެ މީހުންގެ ތެރޭގައި ސިއްހީ ޚިދުމަތުގެ ދާއިރާއަށް ނިސްބަތްވާ މީހުންނާއި، ސެކިއުރިޓީއާއި ގުޅުން ހުރި މީހުންނާއި އަދި ޒަރޫރީ ބޭނުންތައް ފޯރުކޮށްދޭ މީހުން ވެސް ހިމެނޭ ކަމަށް ޑރ. ވިދާޅުވިއެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ ލޮކްްޑައުން އިން މިންޖުވުމުން ދެން ދާނީ ނިއު ނޯމަލް އަށް ކަމަށެވެ. އެކަމަށް ޓަކައި މީހުންގެ އަމަލުތައް ބައްޓަންކުރަން ވީގޮތުގެ ވަރަށް ތަފުސީލުކޮށް އެސްއޯޕީއެއް ހެދެމުން ދާކަމަށް ޑރ. ވިދާޅުވިއެވެ.
މިސާލެއްގެ ގޮތުން ޑރ. ފާހަގަ ކުރެއްވީ އެކަކު ގެންގުޅޭ އެއްޗެއް އަނެކަކު ޝެއާ ނުކުރެވޭ ގޮތް ހަދަން ޖެހޭ ކަމަށެވެ. އަދި ލޮކްޑައުން ދޫކޮށްލާއިރަށް ކުރިއެކޭ އެއްގޮތަށް މީހުން އުޅެފާނެތީ ވަރަށް ކަންބޮޑުވާ ކަމަށްވެސް ޑރ. ވިދާޅުވިއެވެ. ނިއުނޯމަލްގައި ވެސް ދެތިން މަސް އުޅެން ޖެހިދާނެ ކަމަށްވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ.
ރާއްޖޭގައި މިހާތަނަށް ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 1078 އަށް އަރާފައިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!