ބަންގްލަދޭޝްގެ ސަރުކާރުން ރާއްޖެއަށް އަނެއްކާވެސް އެހީތެރިކަން ފޯރުކޮށް ދީފިއެވެ. މިފަހަރު އެ ޤައުމުގެ ސަރުކާރުން ވަނީ މިއަދު ރާއްޖެއައި ބަންގްލަދޭޝްގެ އަސްކަރީ މަތިންދާ ބޯޓުގައި ރާއްޖެއަށް ކާނާގެ ބާވަތްތަކާއި، ސިއްހީ ސާމާނުތަކެއް ފޮނުވާފައެވެ.

މިއަދު ރާއްޖޭގެ ފޮރިން މިނިސްޓަރު އަބުދު ﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވަނީ ރާއްޖެއައި ބަންގްލަދޭޝްގެ ދެވަނަ އަސްކަރީ މަތިންދާ ބޯޓުގައި ނުވަ ޓަނަށް ވުރެ ގިނަ ކާނާގެ ބާވަތްތަކާއި، ސިއްހީ ސާމާނާއި އަދި އެނޫންވެސް އެހީގެ ތަކެތި ފޮނުއްވާފައި ވާތީ، ޝުކުރު އަދާކުރައްވައިފަ އެވެ. މިނިސްޓަރު ޝާހިދު ކުރެއްވި ޓުވީޓެއްގައި، އެ ގައުމުގެ ސަރުކާރުން ރާއްޖެއާ މެދު ބަހައްޓަވާ ހިތްހެޔޮކަމަށްޓަކައި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ އަށް ހާއްސަ ޝުކުރެއް އަދާކުރައްވާފައިވެ އެވެ.

Ad
rt

ބަންގްލަދޭޝް އިން ރާއްޖެ އައި މި އަސްކަރީ ފްލައިޓުގައި، ސައްހަ ލިޔެކިޔުން ނެތި ރާއްޖޭގައި އުޅޭ ބަންގްލަދޭޝްގެ 70 މީހުން ފޮނުވާލަން ވަނީ ނިންމައިފަ އެވެ. މީގެ ކުރިން ވެސް ރާއްޖެ އަށް އެހީއާ އެކު އައި ބަންގްލަދޭޝްގެ ފްލައިޓުގައި 68 މީހަކު ވަނީ އަނބުރާ ގައުމަށް ގެންގޮސްފަ އެވެ.

ކޯވިޑް-19އާ ގުޅިގެން ބަންގްލަދޭޝް އިން ވަނީ އެ ޤައުމާއި ނޭޕާލްގައި ތާށިވެފައި ތިބި 71 ދިވެހިން އެޤައުމުގެ އެއަރފޯސްގެ އެހީތެރިކަމާއެކު ރާއްޖެ ގެނެސްދީފައެވެ.

މީގެއިތުރުން ބަންގްލަދޭޝްގެ މެޑިކަލް ޓީމެއް ރާއްޖެ ފޮނުވާދީފައިވާއިރު، އެ ގައުމުން ރާއްޖެއަށް ދިން ހަދިޔާގެ ތަކެތި ހިފައިގެން އެޤައުމުގެ އަސްކަރީ މަނަވަރެއް މީގެ ކުރިން ވަނީ ރާއްޖެއައިސްފައެވެ. 100 ޓަނުގެ މިހަދިޔާގެ ޝިޕްމަންޓުގައި ސިއްޙީ ސާމާނާއި، ކާބޯތަކެއްޗާއި މޭވާއާއި ތަރުކާރީގެ ބާވަތްތައް ހިމެނެއެވެ.