ކޯވިޑް ޕޮޒިޓިވްވެފައިވާ ބިދޭސީން ތަކެއް ނުފެނިގެން ހޯދަމުން އަންނަކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ހުންނަ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ހޯދަމުން އަންނަނީ ކޯވިޑް އަށް ޕޮޒިޓިވްވެފައިވާ ތިން ބިދޭސީއެއްކަމަށެވެ.

Ad
rt

މަބްރޫކް ވިދާޅުވީ މި ތިން މީހުންގެ މައުލޫމާތުތައް އެޗްޕީއޭގައި އެބަހުރިކަމަށާއި އެހެންނަމަވެސް އެމީހުން ދީފައިވާ ތަންތަނުގައި އެމީހުން މިވަގުތު ނޫޅޭކަމަށެވެ. މީމީހުން ނެތްކަން ފާހަގަވީ އެމީހުން ޕޮޒިޓިވްވުމުން އައިސޮލޭޝަނަށް ގެންދަންވެގެން ބެލިބެލުމުންކަމަށާއި، މީމީހުން ނެތްކަން އެނގުނީ މިމަހުގެ 6 ނުވަތަ 7 ގައިކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ.

މީގެ އިތުރުން މަބްރޫކް ވިދާޅުވީ ކޯވިޑް- 19 އަށް ޓެސްޓްކުރުމަށް ސާމްޕަލްތައް ނެގުމުގެ މަސައްކަތްތަކުގެ ތެރެއިން ކޮންޓެއިންމަންޓް ސައިޓްތަކާއި ރެންޑަމް ސާމްޕަލްތައްވެސް ނަގަމުން އަންނަކަމަށެވެ.

މަބްރޫކް ވިދާޅުވީ މިގޮތަށް ނެގުނު ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވި 7 މީހަކަށް ގުޅޭނެ ގޮތެއް ނެތިގެން އެ މީހުން ހޯދާދިނުމަށް ފުލުހުނަށް އެޗްޕީއޭއިން ހުށައަޅާފައިވާކަމަށެވެ. މީގެތެރެއިން 4 މީހުންނަކީ ކޮންޓެންމަންޓް ސައިޓްތަކުގައި އުޅުނު މީހުންކަމަށާއި އަނެއް ތިން މީހުންނަކީ އެހެން ތަފާތު އެޑްރެސްތަކުގައި އުޅެމުން ދިޔަ މީހުންކަމަށެވެ.

މީގެތެރެއިން 4 މީހަކު ފުލުހުން ހޯދާފައިވާކަމަށާއި އަނެއް 3 މީހުން އަދިވެސް ފެނިފައިނުވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމާއި ހަމައަށް 300 ސާމްޕަލް ނަގާފައިވާ ކަމަށާއި ޖުމްލަ ސާމްޕަލްގެ އަދަދަކީ 13084 ކަމަށްވެސް މަބްރޫކު މިރޭ ވިދާޅުވިއެވެ.

މިހާރު ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 955 އަށް އަރާފައެވެ. އަދި މި ބަލިން ރާއްޖެއިން ވަނީ މިހާތަނަށް 40 މީހުން ރަނގަޅުވެފައެވެ.