ފުރަބަންދު މުއްދަތުގައި ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު މާލެ ވަޑައިގަތުމަކީ ސުލޫކީ މައްސަލައެއް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު މަޖިލީހަށް ހުށައަޅުއްވާފައިވާ މައްސަލައާއި ގުޅިގެން އެކަމުގައި ރިޔާޒުގެ ސުލޫކީ މައްސަލައެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކް ކޮމިޓީން ނިންމައިފި އެވެ.
އެމައްސަލައާއި ގުޅިގެން މިއަދު މަޖިލިސްގެ އިމްތިޔާޒު އަދި ސުލޫކް ކޮމިޓީން ވަނީ މެންބަރު އަބްދުﷲ ރިޔާޒު މާލެ ވަޑައިގަތީ އެކަމަށް ހޯދަންޖެހޭ ހުއްދަ ހޯއްދަވައިގެން ކަަމަށާއި، އެހެންކަމުން މިކަމުގައި ރިޔާޒުގެ ސުލޫކީ މައްސަލައެއް ނެތް ކަމަށް ނިންމާފައިއެވެ.
މާލެ ފުރަބަންދު ކޮށްފައި ވަނިކޮށް، ރިޔާޒު މާލެ ވަޑައިގެން އެކަން ހާމަކުރެއްވީ އަމިއްލަފުޅަށް ކުރެއްވި ޓްވީޓަކުންނެވެ. އޭނާ ވިދާޅުވީ މާލެ ވަޑައިގެންނެވީ ފުލުހުންގެ ފަރާތުން ނަގަން ޖެހޭ ހުއްދަތައް ނަންގަވައިގެން ކަމަށެވެ.
މެމްބަރު ސިރާޖު މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އެޑްރެސްކޮށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ، ރިޔާޒުގެ ޓްވީޓާ ގުޅިގެން ރައްޔިތުންގެ މެދުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ މެދު ނަފުރަތު އުފެދި، މަޖިލީހުގެ މެމްބަރުންނަކީ ބާރާއި ނުފޫޒުން ކަންކަން ކުރާ ބައެއްގެ ގޮތުގައި ލޭބަލްވެފައިވާ ކަމަށެވެ.
އެ ސިޓީގައި ބުނެފައި ވަނީ، ރިޔާޒު މާލެ އަންނަން ހުއްދަ ދީފައިވޭތޯ އާއި، ދީފައި ވާނަމަ އެއީ ކޮން ސަބަބެއްގައިތޯ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީއަކުން ބަލައިދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެއީ ރިޔާޒުގެ ސުލޫކާ ބެހޭ ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
މިއަދު އެ މައްސަލަ ދިރާސާ ކުރުމަށް ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި، ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވީ ރިޔާޒު މާލެ ވަޑައިގަތީ އެކަމަށް ހޯދަންޖެހޭ ހުއްދަ ހޯއްދަވައިގެންކަން މައްސަލައިގައި ފުލުހުންްގެ ފަރާތުން ލިބިފައިވާ ލިޔެކިޔުންތަކުން ސާފުކޮށް އެނގެން އޮންނަ ކަމަށެވެ.
މެމްބަރު ރިޔާޒަށް ހުއްދަ ލިބިފައި ވަނީ ގޭޖް ކިޔާ ކުންފުންޏަކުން އެދުނު ހުއްދައިގެ ދަށުން ކަމަށާއި، ރިޔާޒު މާލެ ވަޑައިގަތީ އާންމު ރައްޔިތެއްގެ ހައިސިއްޔަތުން ކަމަށެވެ.
އެމައްސަލައިގައި ރިޔާޒުގެ ސުލޫކީ މައްސަލައެއް ނެތް ކަމަށް ބަލައި، މައްސަލަ މި ހިސާބުން ނިންމާލަން ނާޒިމް ހުށަހެޅުމެއް ހުށަހެޅުއްވުމުން، އެ ހުށަހެޅުއްވުމަށް ކޮމިޓީގެ ބައްދަލުވުމުގައި ތިއްބެވި އެހެން މެމްބަރުން ވަނީ ތާއީދުކުރައްވައިފަ އެވެ. އަދި ކޮމިޓީގައި ތިއްބެވި މެމްބަރުންގެ އަޣުލަބިއްޔަތުން ނިންމާފައި ވަނީ މެމްބަރު ރިޔާޒްގެ ސުލޫކީ މައްސަލައެއް ނެތް ކަމަށެވެ. އެ ނިންމުމާ ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ.
މެމްބަރުން މިއަދު ފާހަގަކުރެއްވީ ރިޔާޒު މާލެ ވަޑައިގަތީ ފުލުހުންގެ ހުއްދަ ލިބިގެން ކަމަށާއި، އެހެންނަމަވެސް އާންމު ރައްޔިތުން އެދިއެދި ތިބި ފުރުސަތެއް ރައްޔިތުންނަށް ނުލިބި އެހެން ބަޔަކަށް ފުލުހުން ހުއްދަ ދިން ގޮތް އިތުރަށް ބަލަން ޖެހޭ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!