މާލޭގައި ކޯވިޑް-19 ބަލި ފެތުރެމުން އަންނަ މިވަގުތުގައި މާލެއިން އަތޮޅުތަކަށް މީހުން ދިޔުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށް ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މިއަދު ހަވީރު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޢަލީ ވަޙީދު ވިދާޅުވީ މާލެއިން ފުރައިގެން ރަށްރަށަށް ދާން 5،000 އެއްހާ ރައްޔިތުން އެދިފައިވާ ކަމަށެވެ. މާލޭގައި ބަލި ފެތުރެމުން އަންނަ މިވަގުތުގައި މާލެއިން އަތޮޅުތަކަށް މީހުން ދިޔުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Ad
rt

ޒަރޫރީ ބޭނުންތަކަށް މާލެ އައިސް ތާށިވެފަައި ތިބި އެތައް ބަޔަކު އެބަތިބި ކަމަށާއި އެހެން ކަމުން ކަރަންޓީން ކުރުމަށް ފަހު އެ މީހުން ރަށްރަަށަށް ފޮނުވުމުގެ މަސައްކަތް ކުރާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިހާ ގިނަ އަދަދެއްގެ މީހުން މާލެއިން ފުރަން އެދިފައި ވާއިރު، އެންމެން ރަށްރަށަށް ފޮނުވައިގެން ކަރަންޓީނު ކުރެވޭނެ ކެޕޭސިޓީ މިހާރު ހުރި މަރުކަޒުތަކުގައި ނުހުންނާނެ ކަމަށް ގަބޫލުކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން އެކަން ކުރިއަށް ގެންދާނީ ކަރަންޓީނު ފެސިލިޓީތަކުގައި 14 ދުވަސް ރޯލް ވާ މިންވަރުން ކަމަށެވެ.

މާލެއައިސް ރަށަށް ނުދެވިފައި ތިބި އަތޮޅުތަކުގެ ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި، ހުޅުމާލެއިން 500 ކޮޓަރި ހަމަޖެއްސުމުގެ މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ކުރިއަށް މި އޮތް ދުވަސްތަކުގެ ތެރޭގައި ރައްޔިތުންގެ އެއްބާރުލުމާ އެކު ލޮކްޑައުން ދެމެހެއްޓިއްޖެ ނަމަ، މި ބަލީގެ ހާލަތު ރާއްޖޭގައި ގޯސްނުވެ ކޮންޓްރޯލް ކުރެވޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށާއި، އަދި އެކަމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލެއްވުމަށް މިނިސްޓަރު ޢަލީ ވަޙީދު ވަނީ އެ ނޫސްވެރިންގެ ބައްދަލުވުމުގައި އެދިވަޑައިގެންފައެވެ.

"އަޅުގަނޑުމެން މި ވަންނަނީ ސާޖަކަށް. މި ބަލީގައި އަންނާނެ އެންމެ އުނދަގޫ ހާލަތަށް މި ވަންނަނީ. އަޅުގަނޑުމެންގެ ފޯކަސް މިހުރީ މި ހާލަތް މެނޭޖްކޮށް، މި ހާލަތުން އަރައިގަތުމަށް. އިރާދަކުރެއްވިއްޔާ ކަންކަން ރަނގަޅަށް ގޮސްފި ނަމަ، 2-6 ހަފްތާގެ ތެރޭގައި މި ބަލި ކޮންޓްރޯލް ކުރެވި ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މަޑުމަޑުން ލޮކްޑައުން ލުއި ކުރެވުނު ބީދައިން ކުރެވުމަކީ ބެސްޓް ކޭސް ސިނާރިއޯއެއް [ރަނގަޅު ހާލަތުގައި] ކުރެވޭނެ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މިހާލަތުގައި މާލެ ފަދަ ކޮމިއުނިޓީ ސްޕްރެޑް އޮތް ތަނަކުން ރަށްރަށަށް މީހުން ދާން ފަށައިފިނަމަ މުޅި ރާއްޖެއަށް ވައިރަސް ފެތުރުމުގެ ނުރައްކާ ބޮޑުވެދާނެ ކަމަށް ކޯވިޑް-19 ޓާސްކު ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒުވެސް ވަނީ ވިދާޅުވެފައެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑަށް 862 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން 30 މީހަކު ބަލިން ރަނގަޅުވެ، ތިން މީހަކު ވަނީ މަރުވެފައެވެ.