ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން ފޯރުކޮށްދޭ އިތުރު 5000 ޓެސްޓްކިޓް މިއަދު ރާއްޖެ ގެންނާނެކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.
އެންއީއޯސީގައި ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ޑަބްލިއުއެޗްއޯއިން ދެނީ ޕީސީއާރު ޓެސްޓްކިޓް ކަމަށެވެ. ކޯވިޑް-19 ބަލި ދެނެގަތުމަށް ރާއްޖޭގައި ދެވައްތަރެއްގެ ޓެސްޓެއް ހަދާއިރު، ޕީސީއާރު ޓެސްޓަކީ ކޯވިޑް-19 ބަލި ޖެހިފައިވާ މީހުން އަވަހަށް ދެނެގަތުމަށް ޓެސްޓްހަދާ ކިޓްތަކެެވެ.
ވެންޓިލޭޓަރު ގެނައުމަށް ހަވާލު ކުރި ކުންފުނި ތަކުގެ ތެރެއިން މެޑްޓެކުން 18 ވެންޓިލޭޓަރު ރާއްޖެގެނެސްފައި ވާކަމަށްވެސް މަބްރޫކް ވަނީ ވިދާޅުވެފައެވެ.
އެ ނޫސްވެރިންގެ ބައްދަލު ވުމުގައި ވާހަަކަ ދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ވަނީ ރާއްޖެއިން އިތުރު މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް ވިދާޅުވެފައެވެ. އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ނުވަ މީހަކު ރަނގަޅުވެފައިވާ ކަމަށް އަފްޒަލް ވަނީ ވިދާޅުވެފައެވެ. އޭގެ ކުރިން 20 މީހަކު ވަނީ ރަނގަޅުވެފައެވެ.
އެހެން ކަމުން ކޯވިޑް ޖެހުނު މީހުންގެ ތެރެއިން 30 މީހަކު މިހާރު ވަނީ ރަނގަޅުވެފައެވެ. ރަނގަޅުވީ މީހުންގެ ތެރޭގައި މާލެއިން އެންމެ ފުރަތަމަ ކޯވިޑް ޖެހުނު އަންހެން މީހާއާއި އޭނާގެ ދަރިފުޅުވެސް ހިމެނެއެވެ.
ރާއްޖޭން ޕޮޒިޓިވްވީ މީހުންގެ އަދަދު މިހާތަނަށް 835 އަށް އަރާފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ 279 ދިވެހިންނެވެ. ރާއްޖެއިން މިބައްޔަށް ދެން ޕޮޒިޓިވް ވެފައިވަނީ ބިދޭސީން ކަމަށްވާއިރު ބިދޭސީން ތެރެއިން އެންމެ ގިނައިން ޕޮޒިޓިވް ވެފައިވަނީ ވެފައިވާ ބަންގްލަދޭޝަށް ނިސްބަތްވާ މީހުންނެވެ. އެ ޤައުމުގެ 460 މީހުން ޕޮޒިޓިވް ވެފައިވާ އިރު ދެން އެންމެ ގިނައިން ޕޮޒިޓިވް ވެފައި ވަނީ 63 ޕޮޒިޓިވް ވެފައިވާ އިންޑިއާއަށް ނިސްބަތްވާ މީހުންނެވެ.
މިބަލީގައި ރާއްޖެއިން ދެ ދިވެހިންނާއި ބަންގްލަދޭޝް މީހަކު މަރުވެފައިވާ އިރު، ރޭގެ ނިޔަލަށް 719 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބިއިރު 1،521 މީހުން ކަރަންޓީންގައި އެބަތިއްބެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!