ފެތުރެމުންދާ ކޯވިޑް-19 އަށް މާލެ ސިޓީގެ އޭޑީކޭ ހޮސްޕިޓަލްގެ 12 މުވައްޒަފަކު ޕޮޒިޓިވް ވެފައިވާކަމަށް އެ ހޮސްޕިޓަލްގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވެއްޖެއެވެ.

އެ ހޮސްޕިޓަލުން ކޯވިޑަށް ޕޮޒިޓިވްވީ މުޅިން ވެސް ސަޕޯޓް ސްޓާފުން ގޮތުގައި އެ ހޮސްޕިޓަލްގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުން ކަމަށް ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އަފްއާލް ވަނީ ވިދާޅުވެފައެވެ.

Ad
rt

އަފްއާލް ވިދާޅުވީ އެ މުވައްޒަފުންނަކީ ހުޅުމާލޭގެ އެކަމަޑޭޝަން ބްލޮކްގައި އުޅޭ 47 ބިދޭސީންގެ ތެރެއިން 12 މީހެއް ކަމަށާއި، އެ މީހުންގެ ޕޮޒިޓިވްވިކަން އެނގުނީ އެ އެކޮމަޑޭޝަން ބްލޮކްގައި އުޅޭ ފަސް މީހެއްގެ ފަރާތުން ކޯވިޑް-19 ގެ އަލާމާތްތަކެއް ފެނިގެން ރެންޑަމްކޮށް 10 މީހަކު އެ ބައްޔަށް ޓެސްޓު ކުރުމުން ކަމަށެވެ.

އޭޑީކޭ ހޮސްޕިޓަލުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ނޭޕާލާއި ބަންގްލަދޭޝްގެ މީހުންނެވެ. އަފާލް ވިދާޅުވި ގޮތުގައި، މި މީހުން ބައްޔަށް ހުށަހެޅުނީ ހޮސްޕިޓަލުން ބޭރުން ކަމަށް ބެލެވޭ ކަމަށެވެ.

ކޯވިޑް ފެތުރެން ފެށުމާއި ގުޅިގެން އޭޑީކޭ ހޮސްޕިޓަލުން ވަނީ ރައްކާތެެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. ހާއްސަކޮށް އާންމު ބަލިތަކުގައި ފަރުވާ ހޯދަންދާ ގިނަ މީހުން މި ދުވަސްވަރު އޭޑީކޭ ހޮސްޕިޓަލަށްދާތީ ބަލި މީހުންގެ ރައްކާތެރިކަމާއި، މަސައްކަތްކުރާ މުވައްޒިފުންގެ ރައްކާތެރިކަމަށްޓަކައި އޭޑީކޭއިން ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ.

ރާއްޖޭގައި ކޯވިޑް-19 އަށް ޕޮޒިޓިވް މީހުންގެ ޢަދަދު މިހާރު ވަނީ 835 މީހުން ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި ގިނައިން ހިމެނެނީ ބިދޭސީންނެވެ.