އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި މަސައްކަތް ކުރާ ނަރުހެއްގެ ނަތީޖާ ކުރިން ޕޮޒިޓިވްވިޔަސް ފަހުގެ ޓެސްޓް ނެގެޓިވް ވެފައިވާ ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފި އެވެ.

އެންއީއޯސީ ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ ކޯވިޑް-19 އަށް ޓެސްޓުކުރި އައިޖީއެމްއެޗްގެ އެންއައިސީޔޫގެ ނަރުސް މީހާގެ ނަތީޖާ މިހާރު ނެގެޓިވް ކަމަށެވެ.

Ad
rt

އެންއީއޯސީ ގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އައިޖީއެމްއެޗުގެ މެޑިކަލް ޑިރެކްޓަރު ޑރ. އަލީ ނަޒީމް ވަނީ އެ ހޮސްޕިޓަލުގެ ޑޮކްޓަރަކާއި ނަރުހަކު ކޯވިޑަށް-19 އަށް ޕޮޒިޓިވްވެ ފަރުވާދެމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް އެ ދެ މީހުން ބައްޔަށް ހުށަހެޅުނީ ހޮސްޕިޓަލްގައި ފަރުވާ ދިނުމުގެ ތެރޭގައި ނޫން ކަމަށާއި އެނގިފައި އޮތް ގޮތުގައި ހޮސްޕިޓަލުން ބޭރުން ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުން އައިޖީއެމްއެޗަށް ބަދަލުކުރެވުނު މީހާގެ ޓެސްޓުގެ ނަތީޖާ ނެގެޓިވް ވެފައިވާކަމަށް އެޗްޕިއޭ އިން ބުނެފައިވެއެވެ. އެޗްޕީއޭއިން ކުރި ޓުވީޓެއްގައި ބުނީ ކުރިން ކޯވިޑް ޖެހުނުކަމަށް ޓެސްޓުތަކުން ދެއްކި މީހާގެ ޓެސްޓު މިހާރު ނެގެޓިވް ކަން ކަށަވަރުކުރެވިފައިވާ ކަމަށެވެ.

ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު މިހާރުވަނީ 785 އަށް އަރައިފައެވެ. އޭގެ ތެރެއިން މިހާތަނަށް ރަނގަޅުވެފައި ވަނީ 29 މީހެކެވެ.