މާލެއިން ރަށްރަށަށް މީހުން ފޮނުވުން މިވަގުތަށް މެދުކަނޑާލަން ޖެހިފައިވާ ކަމަށާއި ރަށްރަށަށް މީހުން ފޮނުވުމުގެ އުސޫލު އަނެއްކާވެސް މުރާޖަޢާ ކުރަންޖެހިފައިވާކަމަށް ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
މިރޭ "ރާއްޖެ ޓީވީ"އަށް މިނިސްޓަރު އިމްރާން ދެއްވި އިންޓަވިއެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ކުރިއަށްއޮތް ދުވަސްތަކުގައި ބަލި ފެތުރުން އިތުރުވެދާނެ ކަމަށް ސިއްހީ މާހިރުން ލަފާދީފައިވާތީ ރަށްރަށަށް މީހުން ފޮނުވުމުގެ އުސޫލު އަނެއްކާވެސް މުރާޖަޢާ ކުރަން ޖެހިފައިވާ ކަމަށެވެ.
"އިއްޔެ ކުއްލިއަކަށް މި ބަލި ފެތުރުން އިތުރުވެގެން ދާނެ ކަމަށް ޕްރޮޖެކްޓް ކުރެވުމުން މިހާރު އަނެއްކާ މިއޮތީ އެކަން ރިވިއުކުރަން ޖެހިފައި. މިކަމުގެ ނުރައްކާތެރިކަމާއި ނާޒުކުކަން ހުރިހާ ރައްޔިތުން ވެސް ގަބޫލުކުރަން ޖެހޭ. މިހާރު ކުރަމުންދާ ކަންކަން މާދަމާ ވެސް ބަދަލުކުރަން ޖެހިދާނެ ކަމަށް ގަބޫލުކުރަން ޖެހޭ. ރަށްރަށަށް މީހުން ފޮނުވުން ހުއްޓާލަން މި ޖެހޭ ސަބަބަކަށްވީ ކުއްލިއަކަށް ފުޅާދާއިރާއެއްގައި ބަލި ފެތުރިގެންދިއުމުން،"
މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
މިނިސްޓަރ އިމްރާން ވިދާޅުވީ ބަލީގެ އެއްވެސް އަސަރެއް ނެތް ރަށަކަށް މީހުން ފޮނުވުމަކީ މިވަގުތު އެންމެ ރަނގަޅު ގޮތަކަށް ނުވާނެ ކަމަށާއި އެ ރަށުގައި ތިބޭ އެހެން ރައްޔިތުންނަށް ނިކަމެތިކަމެއް ނުދިނުން އެއީ އަޅުގަނޑުމެން ވެސް އަދި ރައްޔިތުން ވެސް އެދޭ ގޮތްކަމަށެވެ. އަދި މި ބަދަލުތަކާއެކު ލިބޭ އުނދަގޫތައް އެންމެން ވެސް ތަހައްމަލު ކުރަން ޖެހޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އިމްރާން އިތުރަށް ވިދާޅުވީ ލުއިފަސޭހަވާ، ހިތްހަމަޖެހޭ ގޮތަކަށް އަވަހަށް ކަންތައްތައް ކުރަން އުޅުމަކީ ބަލި އިތުރަށް ފެތުރި، އޭގެ ސަބަބުން ނިކަމެތިކަމަކާ ކުރިމަތިލާން ޖެހިދާނެ ކަމެއް ކަމަށެވެ. ފަސޭހަކަމާއެކު ދަތުރުކުރެވޭނެ ގޮތްތައް އިންތިޒާމުކުރެވޭނީ ބަލި ފެތުރުމުގެ ފުރުސަތު ނޯންނާނެ ގޮތަކަށް ނުވަތަ ފުރުސަތު އެންމެ ކުޑަ ގޮތަކަށް ކަމުގައި މިނިސްޓަރ އިމްރާން ފާހަގަ ކުރެއްވިއެވެ.
ރަށްރަށަށް ދިއުމަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިސްކަންދޭ މީހުންނަށް ސަރުކާރުން އަންގާގޮތެއްގެ މަތިން 14 ދުވަހުގެ މުއްދަތުގެ ކަރަންޓީނު ފުރިހަމަ ކުރަންޖެހެއެވެ. ކަރަންޓީން ކުރުމަށް ކަނޑައެޅިފައިވަނީ އެކަމަށް ކައުންސިލްތަކުން ހަމަޖައްސާފައި ހުންނަ ފެސިލިޓީތަކުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!