މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ޗައިނާގެ ވޫހާން ސިޓީއިން ފެތުރެން ފެށި ކޯވިޑް-19 ބަލި ޖެހުނު މީހުންގެ އަދަދު ހަތަރު މިލިއަނަށް އަރައިފިއެވެ.

09 މޭ 2020، ދިވެހިރާއްޖެ ގަޑި، ފަތިހު 05:15 (މައުލޫމާތު ހިމެނި ތާރީޚާއި ވަގުތު)

Ad
rt

ޕޮޒިޓިވްވި މީހުންގެ ޢަދަދު: 4,009,643 (ހަތަރު މިލިއަން ނުވަ ހާސް ހަސަތޭކަ ސާޅިސް ތިނެއް)
މަރުވި މީހުންގެ ޢަދަދު: 275,934 (ދެ ލައްކަ ހަތްދިހަ ފަސް ހާސް ނުވަސަތޭކަ ތިރީސް ހަތަރެއް)
ރަނގަޅުވި މީހުންގެ ޢަދަދު: 1,377,931 (އެއް މިލިއަން ތިން ލައްކަ ހަތްދިހަ ހަތް ހާސް ނުވަސަތޭކަ ތިރީސް އެކެއް)

ކޯވިޑް ޖެހިގެން މިހާތަނަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ އެމެރިކާ އިންނެވެ. އެގައުމުން އެކަނި ވެސް 78,577 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު އެގައުމުގައި އެވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1,320,854 އަރާފައެވެ. ދެވަނަ އަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ އިޓަލީންނާއި ސްޕެއިނުންނެވެ.

އެގޮތުން އިޓަލީން މިހާތަނަށް 30,201 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު ސްޕެއިނުން މަރުވެފައިވަނީ 26,299 މީހުންނެވެ.

އިނގިރޭސިވިލާތުގެ ޑިޕާޓްމަންޓް އޮފް ހެލްތުން ވެސް ވަނީ އެގައުމުގައި ބަލީގައި މަރުވި މީހުންގެ އަދަދު 31,241 އިން މައްޗަށް ގޮސްފައިވާކަމަށާއި އެގައުމުން 211,364 މީހުންނަށް މިބަލި ޖެހިފައިވާކަން ހާމަކޮށްފައެވެ.

ފްރާންސްގައި ކޮވިޑް ޖެހުނު 26,230 އަށްވުރެ ގިނަ މީހުން މަރުވެފައިވީ ނަމަވެސް އެގައުމުގެ ހެލްތު އޮފިޝަލުން ވަނީ މިހާރު ބަލީގައި ކޮންމެ ދުވަހަކު މަރުވާ މީހުންގެ އަދަދު މަދުވެފައިވާކަން ހާމަކޮށްފައެވެ.

މިބަލި ފެތުރެންފެށި ޗައިނާގައި މިހާރު މިބައްޔަށް ފަރުވާ ކުރަމުންދާ 260 މީހުން އެބަތިއްބެވެ. އެގައުމުގެ ޖުމްލަ 82,886 މިވައިރަސް ޖެހިފައިވާއިރު މިބަލީގައި އެގައުމުން މަރުވެފައިވަނީ 4,633 މީހެކެވެ. އިއްޔެ އެގައުމުން މިބަލި އިތުރަށް ޖެހިފައިވަނީ 2 މީހަކަށެވެ.

އަވައްޓެރި އިންޑިޔާގައި 59,693 މީހުންނަށް މިބަލި ޖެހިފައިވާއިރު އޭގެތެރެއިން 17,887 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިދުވަސް ވަރަކީ އެގައުމުގައި ގިނަބަޔަކު ފެންނަމުންދާ ދުވަސްވަރެކެވެ. އިއްޔެއާއި މިއަދުވެސް 3000 އަށްވުރެ ގިނަމީހުން ފެނިފައިވެއެވެ.

މިބަލި ކޮންޓްރޯލް ކުރުމުގައި އަދި އެދެވޭ ކާމިޔާބީއެއް ހޯދިފައި ނުވާއިރު، ދުނިޔޭގެ 212 ޤައުމަކަށާއި، ސަރަހައްދަށް މިހާރު ވަނީ މި ބަލި ފެތުރިފައެވެ.