މިހާލަތުގައި މާލެ ފަދަ ކޮމިއުނިޓީ ސްޕްރެޑް އޮތް ތަނަކުން ރަށްރަށަށް މީހުން ދާން ފަށައިފިނަމަ މުޅި ރާއްޖެއަށް ވައިރަސް ފެތުރުމުގެ ނުރައްކާ ބޮޑުވެދާނެ ކަމަށް ކޯވިޑް-19 ޓާސްކު ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ހުންނަ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ މީހުންނަށް ރަށްރަށަށް ދިއުމުގެ ފުރުސަތު ދެވޭނީ ވަކި މިންގަނޑުތަކެއް ކަނޑައަޅައިގެން، ކޮންޓްރޯލު ކޮށްގެން ކަމަށެވެ.

Ad
rt

"އަވަސް އަރުވާލައިގެން އެކަން ކޮށްފިނަމަ [ރަށްރަށަށް ދާ ނަމަ] އޭގެ ސަބަބުން ނުކުންނާނެ ނަތީޖާ މާ ގޯސްވެދާނެ. މާލޭގައި ތިބި މީހުން ކޮމިއުނިޓީ ސްޕްރެޑެއް އޮތް ތަނަކުން ރަށްރަށަށް ދާއިރު ބަލަންޖެހޭ ވަރަށް ގިނަ ކަންތައްތައް އެބަހުރި،" މަބްރޫކް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ މާލެއިން ގިނަ އަދަދެއްގެ މީހުން ދާން އުޅޭއިރު، އެކަމަށް ކަނޑައަޅާ އުސޫލަކީ ހާއްސަ އުސޫލަކަށް ވުމު ގެބަދަލުގައި އެންމެންނަށް ހަމަހަމަ އުސޫލަކަށް ވާން ޖެހޭނެ ކަމަށެވެ. އަދި ރަށް ރަށުގެ ކެޕޭސިޓީއަށް ބަލާއިރު ރަށްރަށަށް ދާ މީހުން ކަރަންޓީނު ކުރެވޭ ތަންތަނުގައި ރަނގަޅަށް ކަރަންޓީނު ވެގެން ތިބޭކަން ކަށަވަރު ކުރުމަށް ވަސީލަތްތައް ހުރި މިންވަރު ބަލަން ޖެހޭނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ މިކަމުގައި ވެސް މެދުމިނެއް ގެންގުޅެން ޖެހޭ ކަމަށާއި އެންމެ ބޮޑުއިސްކަމެއް ދޭން ޖެހޭނީ ރާއްޖޭގައި ބަލި ފެތުރޭ މިންވަރު ކޮންޓްރޯލު ކުރުމަށް ކަމަށެވެ.

މިފަދަ މަސައްކަތްތަކެއް ކުރާއިރު ލަސްތަކެއް ހުންނާނެ ކަމަށާއި، އެއްފަހަރާ އެންމެން ރަށްރަށަށް ބަދަލުކުރަން މިކަހަލަ ވަގުތެއްގައި މަސައްކަތް ކުރުމަކީ އޭގެ ސަބަބުން މުޅި ރާއްޖެއަށް މި ބަލި ފެތުރުމުގެ ނުރައްކާ ވަރަށް ބޮޑުވެދާނެ ކަމަކަށް ވާތީ އެ މަސައްކަތް ކުރަންވާނީ ހިފެހެއްޓުން ތެރިމާއި އެކުގައި ކޮންޓްރޯލް ކޮށްގެން ކަމަށް މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ އެމަސައްކަތް ކުރަން ޖެހޭނީ އެކަމާއި ހަވާލު ތިއްބެވި ފަރާތްތަކަށްވެސް އެ ކަންތައް ބެލޭނެ ވަރަށް، މަޑުމަޑުން ކަމަށެވެ.

ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު 648 އަށް އަރާފައިވާއިރު، މިބަލީގައި ވަނީ 3 މީހުން މަރުވެފައެވެ. މިބަލީގައި މަރުވި 3 ވަނަ މީހާ މަރުވީ މިރެއެވެ.

މިރޭ އެންއީއޯސީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝީނާ މޫސާ ވަނީ ފެތުރެމުންދާ ކޯވިޑް-19 ބަލި ރާއްޖެއިން 77،000 އަށް ވުރެ ގިނަ މީހުންނަށް ޖެހޭނެ ކަމަށް ލަފާ ކުރެއްވޭ ކަމަށާއި، މިހާރުގެ ހާލަތުން މަރުވާނީ 900 މީހުން ކަމަށް ލަފާ ކުރެއްވޭ ކަމަށް ވިދާޅުވެފައެވެ.