ކާރިސާތަކަށް ތައްޔާރުވެފައިވާ މިންވަރު އިތުރުކުރުމަށްޓަކައި ދިވެހިރާއްޖެއަށް 16.5 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވާލްޑް ބޭންކުން ނިންމައިފިއެވެ.
މި އެހީގެ އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ފައިނޭންސް އިބްރާހީމް އަމީރެވެ. ވާލްޑް ބޭންކްގެ ފަރާތުން ސޮއިކުރެއްވީ ދިވެހިރާއްޖެ، ނޭޕާލް އަދި ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރ ޑރ.އައިޑާ ސްވަރާއީ-ރިޑިހޯއެވެ. މިދިޔަ ހަފްތާގައި ސޮއިކުރި މި އެހީގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ޑިޖިޓަލްކޮށެވެ.
އެބޭންކުން ދީފައިވާ މިއެހީ "މޯލްޑިވްސް އާބަން ޑިވެލޮޕްމަންޓް އެންޑް ރިސައިލަންސް ޕްރޮޖެކްޓް" ގެ ދަށުން، މާލޭގެ ފެންހިންދުމުގެ ނިޒާމްގެ ފެންވަރު މަތިކުރުމަށް ވަނީ ކަނޑައަޅާފައެެވެ.
އަލަށް ހިންގާ "އާބަން ޑިވެލޮޕްމަންޓް އެންޑް ރިސައިލަންސް ޕްރޮޖެކްޓް" ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ، ނާޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި މާލެ އަދި އައްޑޫ ސިޓީ ކައުންސިލްގެ އިތުރުން މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ އެހީތެރިކަމާ އެކު، މިނިސްޓްރީ އޮފް ނެޝެނަލް ޕްލޭނިން އެންޑް އިންފްރަސްޓްރަކްޗާ އިންނެވެ. މި މަޝްރޫއަށް ޖުމްލަ ހޭދަކުރެވޭނީ 16.5 މިލިއަން ޑޮލަރެވެ. އޭގެ ތެރޭގައި ހިމެނެނީ، އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިން ފޯރުކޮށްދޭ 8.25 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި 8.25 މިލިއަން ޑޮލަރުގެ ލޯނު އެހީ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!