ކޯވިޑް-19 އާއި ގުޅިގެން އެކި ވިޔަފާރިތަކަށް އެހީވުމަށް ސަރުކާރުން އިޢުލާނުކޮށްފައިވާ ލޯނު ސްކީމަށް ފަންނާނުންނަށް ކުރިމަތިލެވޭނެ ކަމަށް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނު ވިދާޅުވެއްޖެއެވެ.
އެކަމަނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އަދި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި އޮންލައިން ބައްދަލުވުމެއް ކުރިޔަށް ގެންގޮސްފައި ވާ ކަމަށެވެ. އަދި މި ބައްދަލުވުމުގައި ފަންނާނުންގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރެއްވި ކަމަށް މިނިސްޓަރު ޔުމްނާ ވިދާޅުވިއެވެ.
މިހާރު ސަރުކާރުން އިއުލާނު ކުރައްވާފައިވާ ލޯނު ސްކީމަށް ފަންނާނުންނަށް ވެސް ކުރިމަތިލެއްވޭނެ ކަމަށް އެބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވި ކަމަށް މިނިސްޓަރު ޔުމްނާ ވަނީ ވިދާޅުވެފައެވެ.
އިތުރަށް މިނިސްޓަރު ޔުމްނާ ވިދާޅުވީ ވަރަށް އަވަހަށް ގްރާންޓް ސްކީމެއް އިއުލާނު ކުރައްވާނެ ކަމަށާއި، އެ ސްކީމަށްވެސް ފަންނާނުންނަށް ކުރިމަތި ލެއްވޭނެ ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވި ކަމަށެވެ. އެހެން ކަމުން އެ ފުރުސަތަށް އެދޭ ފައްނާނުން ޖޮބް ސެންޓަރ ގައި އަވަހަށް ރަޖިސްޓަރީވުމަށް އެކަމަނާ ވަނީ އެދި ވަޑައި ގަންނަވާފައެވެ.
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގެ އިޤްތިސާދަށާއި ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށްޓަކައި ސަރުކާރުން ވަނީ އިކޮނޮމިކް ރިލީފް ޕެކޭޖެއް ޢިއުލާން ކުރައްވައި، އެ ޕެކޭޖަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލައި ފައެވެ.
އޭޕްރިލް 8 އިން ފެށިގެން ކުރިމަތިލުމަށް ހުޅުވާލި އިކޮނޮމިކް ރިލީފް ޕެކޭޖްގެ ދަށުން ވާކިން ކެޕިޓަލް އަދި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ލޯން ދޫކުރުމާއި، ދެ މަސްދުވަހަށް ފެން އަދި ކަރަންޓް ބިލުން ބައެއް ސަރުކާރުން ދައްކައިދިނުމާއި، ބޭންކް އޮފް މޯލްޑިވްސް އަދި ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން ނަގާފައިހުރި ދަރަނީގެ ޕްރިންސިޕަލް އަދި އިންޓަރެސްޓް ޕޭމަންޓްތައް ހަ މަސްދުވަހަށް ފަސްކޮށްދިނުން ހިމެނެއެވެ.
މީގެ އިތުރުން އެމްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން ދޫކޮށްފައިހުރި ލޯނުތަކުގެ ދަރަނީގެ ޕްރިންސިޕަލް އަދި އިންޓަރެސްޓް ޕޭމަންޓްތައް މާޗް 2020 އިން ފެށިގެން ހަ މަސްދުވަހުގެ މުއްދަތަށް ލަސްކޮށް ދިނުމުގެ އިތުރުން މި މުއްދަތުގެ ތެރޭގައި ހުރިހާ ލޯންތަކުގެ އިންޓަރެސްޓް ރޭޓް ހަތަރު އިންސައްތައަށް ކުޑަކޮށްދިނުމާއި، ނޭޝަނަލް ސްޓޫޑަންޓް ލޯން ސްކީމުގެ ދަށުން ދޫކޮށްފައިވާ ލޯންތައް އަނބުރާ ދެއްކުން ހަ މަހަށް ފަސް ކުރުމުގެ އިތުރުން ކޯވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލޭ ފަރާތްތަކަށް ސަރުކާރުން އެލަވަންސްއެއް ދިނުމަށް ވަނީ ނިންމާފައިވާ ކަމަށް ސަރުކާރުން ވަނީ ކުރިން ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!